ބެލްޖިއަމްގެ މިޑްފީލްޑަރު އެކްސެލް ވިޓްސެލް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ފުރަގަސްދިނުމަށް ފަހު ކަމަށް އޭނާގެ އޭޖެންޓް ބުނެފިއެވެ.
ޗައިނާގެ ޓިއަންޖިން ކުއަންޖިންގައި އެއް ސީޒަން ހޭދަކުރުމަށް ފަހު ވިޓްސެލް ވަނީ 20 މިލިއަން ޔޫރޯއަށް ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެފައެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިޓްސެލްގެ އޭޖެންޓް ޕައުލް ސްޓެފާނީ ބުނީ އެހެން ޓީމަކަށް ބަދަލުވާން ބޭނުންވާ ކަމަށް ވިޓްސެލް ބުނުމުން އަވަސްވެގަތީ އޭނާއަށް ރަނގަޅު ޓީމެއް ހޯދައިދެން ކަމަށެވެ. އެގޮތުން ޑޯޓްމަންޑުން ވިޓްސެލް ކަހަލަ ކުޅުންތެރިޔަކު ހޯދުމަށް މަސައްކަތްކުރާކަން އެނގުމުން އެޓީމުގެ ސްޕޯޓިން ޑިރެކްޓަރު މައިކަލް ޒޯކް އަދި ސީއީއޯ ހާންސް-ޔޯކިމް ވަޓްޒްކޭއާ ބައްދަލުކުރި ކަމަށެވެ.
އެ ދެ މީހުންނާ ބައްދަލުކުރުމަށް ފަހު 20 މިލިއަން ޔޫރޯއަށް ވިޓްސެލް ގެންދެވޭނެކަން ހާމަކުރި ކަމަށާއި ޑޯޓްމަންޑުން ހީކުރީ އޭނާ ހޯދުމަށް 60 މިލިއަން ޔޫރޯ ދޭން ޖެހޭނެ ކަމަށް ކަމަށެވެ. ޓްރާންސްފާގެ ކަންކަން ކުރިޔަށް ދިޔައިރު ވެސް ޗައިނާގެ ކްލަބްގެ ފަރާތުން އުނދަގޫތަކާ ކުރިމަތިވި ކަމަށް ސްޓެފާނީ ބުނެފައި ވެއެވެ.
ވިޓްސެލް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި ނަޕޯލީ އިން ވެސް މަސައްކަތްކުރި ކަމަށާއި އެހެން ނަމަވެސް ޑޯޓްމަންޑަކީ އޭނާއަށް އެންމެ ރަނގަޅު ކްލަބްކަން ހާމަކޮށްދިން ކަމަށް ސްޓެފާނީ ބުނެފައި ވެއެވެ. އެގޮތުން ވިޓްސެލް ވެސް ބޭނުންވީ ވީހާ ވެސް އަވަހަށް ޓްރާންސްފާގެ ކަންކަން ނިންމާލަން ކަމަށާއި އޭނާ ވެސް ޑޯޓްމަންޑަށް ބަދަލުވީ އެކްލަބަށް ބަދަލުވާނެ ބޭނުންވެގެން ކަމަށް ސްޓެފާނީ ބުނެފައި ވެއެވެ.
ވިޓްސެލް ވަނީ ވާރލްޑް ކަޕްގެ ތިންވަނަ ބެލްޖިއަމް އިން ހޯދިއިރު އެޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.