ޗެލްސީގެ އާ ކޯޗު މައުރީޒިއޯ ސައްރީގެ ވައްޓާފާޅިއަށް އެޓީމު ހޭނެން ތިން މަސްދު ވަސް ބޭނުންވާނެ ކަމަށް އޭނާ ބުނެފިއެވެ.
ޕްރީ ސީޒަނުގައި ސައްރީއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވާރލްޑް ކަޕާ ގުޅިގެން ކުޅުންތެރިންނަށް އިތުރު ވަގުތު ޗުއްޓީގެ ގޮތުގައި ދޭން ޖެހުމެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސައްރީ ބުނީ ފުރަތަމަ ފަހަރަށް ހުރިހާ ކުޅުންތެރިންނާ އެކު ފަރިތަކުރަން ފުރުސަތު ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. ކުރިޔަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ވަރަށް ފުރިހަމަ ޓީމަކަށް ޗެލްސީ ވެގެންދާނެ ކަމަށާއި ކުޅުންތެރިން ވެސް އެގޮތަށް މަސައްކަތްކުރާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
އޭނާ ބުނީ ޓީމާ ފަހުން ގުޅުނު ކުޅުންތެރިންގެ ފަރާތުން އިތުރު މަސައްކަތް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށާއި ކުރިޔަށް އޮތް މުހިންމު މެޗަށް ތައްޔާރުވުމަށް އޮތީ އެންމެ ތިން ދުވަސް ކަމަށެވެ.
މި ސީޒަނުގައި ޗެލްސީއިން ގެނެސްފައިވާ އެންމެ މުހިންމު ކުޅުންތެރިޔަކީ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯއެވެ. އެޓީމުގެ ކީޕަރު ތީބައު ކޯޓުއާ އެހެން ޓީމަކަށް ބަދަލުވާނެ ކަމަށް ބެލެވޭއިރު ސައްރީ ބުނީ ކޯޓުއާ އާއި ގުޅިގެން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި އެކަމުގެ ތަފްސީލު އެނގޭނީ ކްލަބަށް ކަމަށެވެ.
މިދިޔަ ސީޒަނުގައި ކްރިސްޓަލް ޕެލަސްއަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުނު ރޫބެން ލޮފްޓަސް-ޗީކް އަންނަ ސީޒަނުގައި ޗެލްސީގެ ޓީމުން ފެންނާނެ ކަމަށް ބެލެވެއެވެ. އެކަމާއި ގުޅިގެން ވާހަކަ ދައްކަމުން ސައްރީ ބުނީ އޭނާއަކީ ވަރަށް ޒުވާން ކުޅުންތެރިޔެއް ކަމަށާއި އަންނަ ސީޒަނުގައި އޭނާ ވެގެންދާނީ ޗެލްސީއަށް ވަރަށް ބޭނުންތެރި ކުޅުންތެރިޔަކަށް ކަމަށެވެ.