ކ. މާލެ
|
26 ޖެނުއަރީ 2017 | ބުރާސްފަތި 04:27
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު
ރާއްޖެއެމްވީ
ޒުވާނުންގެ މަރުކަޒު
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
މަސައްކަތް ދަނީ ވަރަށް ހަލުވި މިނެއްގައި
ހުކުރު ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ

ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބައިނަލް އަގުވާމީ ވޮލީބޯޅަ މުބާރާތައް ޒުވާނުންގެ މަރުކަޒު އިންޑޯހޯލުގެ މަރާމާތުތައް ނިންމުމަށް ހަލުވި މިނެއްގައި މަސައްކަތް ކުރެވެމުން ދާކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނީ، ޒުވާނުންގެ މަރުކަޒު އިންޑޯކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތައް ހާއްސަކުރެވިގެން ކުރިއަށްދާ މަރާމާތުތައް ބާރުސްޕީޑުގައި ކުރަމުންދާ ކަމަށާއި އެގޮތުން ޓީމުތަކުން ބޭނުންކުރާ ޗޭންޖިން ރޫމަކީ އޭސީކުރެވި ރަނގަޅު ފެންވަރެއްގެ ތަނަކަށް ހެދުމަށްޓަކައި ޗޭންޖިން ރޫމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން ކަމަށެވެ. އަދި މީގެ އިތުރުން ރެފްރީން ބޭނުންކުރަމުންދާ ރޫމުތަކަށް ބޭނުންވާ ރެކުތައް ޖެހުމާއި އެނޫން ކުދިކުދި މަރާމާތުތައްވެސް ދަނީ ކުރެވެމުން ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން މައުލުމާތު ދެއެވެ. 

މިނިސްޓްރީން ބުނީ، އިންޑޯ ހޯލުގައި ކުރެވެމުންދާ މަރާމާތުގެ ތެރޭގައި ސްޓޭޖް ސަރަހައްދަށްވެސް އެކިވަރުގެ ބަދަލުތަކެއް ގެނެވިގެންދާ ކަމަށެވެ. އަދި މީގެ އިތުރުން އިންޑޯ ހޯލުގައި ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަ ކަމުގައިވާ ތަނުގެ ވެންޓިލޭޝަން ރަގަޅުކުރުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތަކެއް މިމުބާރާތައްޓަކައި ވެސް ކުރެވިގެންދާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިމުބާރާތައްޓަކައި މިހާރު ކުރެވެމުންދާ މަރާމާތުތުގެ ބޮޑުބައި ރާއްޖެއިން ބޭރުގެ ޓީމުތަކުން ޕްރެކްޓިސް ކުރާ ދުވަހަށް ނިންމާލުމަށްވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ކުޅިވަރާ ބެހޭ މިނިސްޓްރީން މައުލުމާތު ދެއެވެ.
އަންނަ ހުކުރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލް އަގުވާމީ މުބާރާތަކީ 2018ވަނަ އަހަރު ވިމެންސް ވޯލްޑް ޗެންޕިއަންޝިޕްގައި ވާދަކުރާ އޭޝިއާ ސަރަހައްދުގެ ޓީމެއް ކަޑައެޅުމަށް ބާއްވާ ކޮލިފިކޭޝަން ބުރެވެ. މިއީ ބައިނަލްއަގުވާމީ ވޮލީމުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަންވެސް ފާހަގަކޮށްލެވެއެވެ.

މިމުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލްއާއި އީރާނެވެ. މިމަހުގެ 27 ވަނަ ދުވަހު ރާއްޖެއާއި ނޭޕާލް ބައްދަލުކުރާއިރު، މިމަހުގެ 28 ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލްއާއި އީރާނެވެ. އަދި މިމަހުގެ 29 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި އީރާނެވެ.

- ކޮމެންޓް