ވޭތުވެދިޔަ 2016 ވަނަ އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިއަކަށް މުޙައްމަދު ޝަރީފް (ކުޑަ ޝަރީ) ހޮވިއްޖެ އެވެ.
މުޙައްމަދު ޝަރީފަށް މި އެވޯޑް ހަވާލުކުރީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ބިލިއަޑް ނައިޓްގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. ކަސްޓަމްސްގެ މީރުބަހުރު މާލަމްގައި ބޭއްވި ބިލިއަޑް ނައިޓްގައި އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށްވެސް ވަނީ އެވޯޑް ދީފަ އެވެ.
2016 ވަނަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ޙަސަން ޝާޒްއެވެ. ޝާޒްއަށް އެވޯޑް ހަވާލުކޮށްދެއްވީ ބިލިއަޑް އެސޯސިއޭޝަން ވުޖޫދަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޢަލީ ވަޙީދު (އަލިކާ) އެވެ.
މި އެވޯޑް ތަކުގެ އިތުރުން ރޭގެ ޙަފްލާގައި ވަނީ 2016 އަހަރު ބޭއްވި 8 ބޯލް 9 ބޯލް އަދި 10 ބޯލް ބިލިއަޑް މުބާރާތްތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދި ކުޅުންތެރިންނަށް ތަށްޓާ މެޑަލް ޙަވާލްކޮށްފަ އެވެ. ގައުމީ 8 ބޯލް ބިލިއަޑް މުބާރާތުގެ 3 ވަނަ ކުޅުންތެރިއަކީ ޙަސަން ޝާޒް މުޙައްމަދެވެ. ގައުމީ 9 ބޯލް ބިލިއަޑް މުބާރާތުގެ 3 ވަނަ ކުޅުންތެރިއަކީ އަޙުސަން ހާޝިމެވެ. ގައުމީ 10 ބޯލް ބިލިއަޑް މުބާރާތުގެ 3 ވަނަ ކުޅުންތެރިއަކީ ދުންޔާޒް މުޙައްމަދެވެ. މި އެވޯޑްތައް ހަވާލްކޮށްދެއްވީ ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ރައްޒާގެވެ.
ގައުމީ 8 ބޯލް ބިލިއަޑް މުބާރާތުގެ 2 ވަނަ ކުޅުންތެރިއަކީ ޙުސައިން ފަޔާޒެވެ. 9 ބޯލް ބިލިއަޑް މުބާރާތުގެ ދެވަނަ ކުޅުންތެރިއަކީ އިބްރާހިމް ޙަނީފެވެ. އަދި ގައުމީ 10 ބޯލް ބިލިއަޑް މުބާރާތުގެ ދެވަނަ ކުޅުންތެރިއަކީ އަޙްމަދު ނާސިފެވެ. 2 ވަނައަށް ދިޔަ ކުޅުންތެރިންނަށް މެޑަލް ހަވާލްކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާދިލެވެ.
މި ތިން މުބާރާތުގެ އެއްވަނައަށް ދިޔަ ކުޅުންތެރިންނަށް ތަށްޓާއި މެޑަލް ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާން ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. ޤައުމީ 8 ބޯލް ބިލިއަޑް މުބާރާތުގެ ޗެމްޕިއަނަކީ މުޙައްމަދު ޝަރީފެވެ. 9 ބޯލް ބިލިއަޑް މުބާރާތުގެ ޗެމްޕިއަނަކީ ޢަލީ ފަޔާޒެވެ. އަދި ޤައުމީ 10 ބޯލް ބިލިއަޑް މުބާރާތުގެ ޗެމްޕިއަނަކީ މުޙައްމަދު ޝަރީފެވެ.
ރޭގެ ޙަފްލާގައި ބިލިއަޑް ގައުމީ ޓީމް ޢިއުލާންކޮށް ކުޅުންތެރިންނަށްވަނީ ޖާޒީވެސް ޙަވާލްކޮށްފައެވެ. ޤައުމީ ޓީމްގައި ހިމެނެނީ ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ޝަރީފާއި، ޢަލީ ފަޔާޒާއި މުޙައްމަދު ފަޔާޒްގެ އިތުރުން ޒުވާން ކުޅުންތެރިޔާ ޙަސަން ޝާޒެވެ.
މީގެއިތުރުން މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަނަށް ވޭތުވެދިޔަ އަހަރު އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށްވަނީ ހަނދާނީ ފިލާ ދީފައެވެ. އަދި އެ އެސޯސިއޭޝަނުންދޭ ޚާއްސަ އެވޯޑް މިފަހަރު ލިބިލެއްވީ އިބްރާހީމް ޝަރީފް (އިބޫ) އަށެވެ.
މިޙަފްލާގައި އެންމެ ޚާއްސަކަމެއްގެ ގޮތުގައި ފެނިގެންދިޔައީ ފުރަތަމަ ފަހަރަށް ބިލިއަޑް އެސޯސިއޭޝަންގެ އެންބަސަޑަރެއް ހަމަޖެއްސުމެވެ. ބިލިއަޑް އެސޯސިއޭޝަންގެ އެމްބަސަޑަރަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަހްމަދު އިބްރާހީމް (އައްމަޑޭ) އެވެ. އައްމަޑޭއަށް ވަނީ އެސޯސިއޭޝަންގެ އެމްބަސަޑަރު ކާޑު ވެސް ހަވާލުކޮށްފަ އެވެ.