ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޕްރިންސް އަލްވަލީދު ބިލް ޠަލާލް އެމެރިކާގެ ސްނެޕް ކުންފުނީގައި އިންވެސްޓްކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕްރިންސް އަލްވަލީދު ވަނީ 250 މިލިއަން ޑޮލަރަށް ސްނެޕް ކުންފުނީގެ 2.3 އިންސައްތަ ހިއްސާ ގަނެފައެވެ.
ސްނެޕްގައި އިންވެސްޓްކުރުމަށްފަހު އަލްވަލީދު ވިދާޅުވީ ސްނެޕްޗެޓަކީ މިވަގުތު އެންމެ އިނޮވޭޓިވް ސޯޝަލް މީޑިއާ ޕްލެޓްފޯމްކަމަށެވެ. އަދި ސްނެޕްޗެޓުން ކިރިޔާ ފަށައިގަތީކަމަށާއި، ކުރިއަށް އޮތްތަނުގައި އެކުންފުނިން އަދި އައު އުސްމިންތަކަށް ދާނެކަމަށް ޔަޤީންކުރައްވާކަމަށް އަލްވަލީދު ވިދާޅުވިއެވެ. ޕްރިންސް އަލްވަލީދު ސްނެޕްގައި އިންވެސްޓްކުރުމުގެ އެއްބަސްވުން މިދިޔަ މެއި މަހު ނިމިފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ޕްރިންސް އަލްވަލީދު ސްނެޕްގެ ހިއްސާ ގަނެފައިވަނީ ހިއްސާއެއް 11 ޑޮލަރުގެ މަގުންނެވެ. އަންގާރަ ދުވަހު ނިއުޔޯކްގެ ހިއްސާގެ ބާޒާރު ބަންދުކުރިއިރު ސްނެޕް ކުންފުނީގެ ހިއްސާއެއްގެ އަގު އުޅެނީ 13.12 ޑޮލަރުގައެވެ.
ސްނެޕް ކުންފުނީގައި ޕްރިންސް އަލްވަލީދު އިންވެސްޓްކުރިއިރު އެކުންފުނީގެ ސްނެޕްޗެޓް ޕްލެޓްފޯމް ބޭނުންކުރާ މީހުން އިތުރުވަމުން އަންނަ މިންވަރު ދަށްވުމާއި ގުޅިގެން އިތުރު އިންވެސްޓަރުން ހޯދުމަށް ވަނީ ދަތިވެފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ކޮންމެ ދުވަހަކު ސްނެޕްޗެޓް ބޭނުންކުރާ މީހުންގެ އަދަދު ވަނީ 191 މިލިއަނުން 188 މިލިއަނަށް ވެއްޓިފައެވެ. މިއީ 2 އިންސައްތައިގެ ވެއްޓުމެކެވެ. އަދި ޑިޖިޓަލް އިޝްތިހާރު ހޯދުމަށް ފޭސްބުކް އަދި ޓްވިޓަރ އާއިއެކު އެއްހަމައެއްގައި ފައިހަމަކުރުމަށް ސްނެޕްއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ސްނެޕްޗެޓް ބޭނުންކުރާ މީހުންގެ އަދަދު މަދުވިނަމަވެސް، ރެވެނިއު އިތުރުކޮށް، ގެއްލުން ކުޑަކޮށްފައިވާކަމަށް ސްނެޕްއިން ވަނީ ބުނެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު 262 މިލިއަން ޑޮލަރުގެ ރެވެނިއު ވައްދާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 44 އިންސައްތަ އިތުރު އަދަދެކެވެ. އަދި ގެއްލުމުގެ ގޮތުގައި 353 މިލިއަން ޑޮލަރު ރެކޯޑްކޮށްފައިވާއިރު، މިއީވެސް މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 20 އިންސައްތަ ދަށް އަދަދެކެވެ.
ޕްރިންސް އަލްވަލީދު ވަނީ މީގެ ކުރިންވެސް އައިޓީ އަދި ޓެކްނޮލޮޖީ ކުންފުނިތަކުގައި އިންވެސްޓްކުރައްވާފައެވެ. އެގޮތުން ލިފްޓް، ޓްވިޓަރ އަދި ޖޭޑީ.ކޮމް ގައި އިންވެސްޓްކުރެއްވިއެވެ.
ޕްރިންސް އަލްވަލީދަކީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަޙުދު މުހައްމަދު ބިން ސަލްމާން ހިންގެވި ކޮރަޕްޝަނާއި ދެކޮޅު އޮޕަރޭޝަންގައި ހައްޔަރުކުރެވުނު ސަޢޫދީ އަމީރުންގެ ތެރެއިން ބޭފުޅެކެވެ. އެހެންނަމަވެސް އެހުރިޙާ ބޭފުޅުން މިހާރު ވަނީ މިނިވަންކޮށްފައެވެ.