މިމަހުގެ 3 ވަނަ ދުވަހު ސިނަމާތަކަށް އައި ހިންދީ ފިލްމު ފަންނޭ ޚާންއަށް ފުރަތަމަ ދުވަހު ލިބުނީ 2.15 ކުރޯޑް އިންޑިއަން ރުޕީސްއެވެ.
ބޮލީވުޑްގެ ފިލްމު އެނަލިސްޓެއްކަމަށްވާ ތާރަން އަދާޝް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފަންނޭ ޚާންގެ ހުށައެޅުން ވަރަށް ދަށް ކަމަށެވެ.
އަދި މިއީ އުއްމީދު ކުރި ވަރާ އަޅާއިރު ވަރަށް ބޮޑު ދަށްވުމެއްކަމަށާއި ފިލްމުގެ އެކްޓިން ކަމު ނުދާކަމަށް ފިލްމު ބެލި މީހުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމަށް މާބޮޑު ކާމިޔާބެއް ނުލިބޭނެކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ގިނަ ބައެއްގެ ފާޑު ކިޔުން މިފިލްމަށް އަމާޒުވީ ކަމުގައި ވީނަމަވެސް ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ އައިޝްވަރިޔާ ރާއިގެ ފިރިމީހާ އަބީޝެކް ބައްޗަން ވަނީ ފިލްމު ބެލުމަށްފަހު ތައުރީފު ކޮށްފައެވެ. ފަންނޭ ޚާން އަކީ ރީތި ފިލްމެއްކަމަށާއި ރަނގަޅު މެސެޖެއް ލިބޭ ފިލްމެއްކަމަށް އަބީޝެކް ވަނީ ބުނެފައެވެ.
ފަންނޭ ޚާން އަކީ މިއުޒިކަލް ކޮމެޑީ ފިލްމެކެވެ. އަނިލް ކަޕޫރު މި ފިލްމުން ފެނިގެން ދަނީ ޓެކްސީ ޑްރައިވަރެއްގެ ރޯލުންނެވެ. އަދި ރާޖް ކުމާރު ރާއޯ ފެނިގެން ދަނީ އަނިލްގެ ރައްޓެއްސެއްގެ ގޮތުންނެވެ. މި ފިލްމުގައި އަނިލް އަދާކުރަނީ އޭނާގެ އަންހެން ދަރިފުޅު ލަވަކިއުންތެރިއަކަށް ވުމަށް ދެކެމުންދާ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާ ބައްޕައެއްގެ ރޯލެވެ. ފަންނޭ ޚާންގެ ފިލްމުގެ ކާސްޓުންނަކީ އަނިލް ކަޕޫރް އާއި ރާޖްކުމާރު ރާއޯގެ އިތުރުން އައިޝްވާރްޔާ ރާއި ބައްޗަން އާއި، ދިވްޔާ ދަތުއެވެ.
މިއީ އަނިލް ކަޕޫރާއި އައިޝްވާރްޔާ ރާއީ 1999 ވަނަ އަހަރު ކުޅުނު ފިލްމު ތާލް ގެ ފަހުން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަތުލް މަންޖްރެކަރް ޑައިރެކްޓްކުރާ މި ފިލްމު ޕްރޮޑިއުސް ކުރަނީ ރާކޭޝް އޯމްޕްރަކާޝް މެހެރާ އާއި ޕްރޭނާ އަރޯރާ އެވެ.
އެންމެ ފަހުން އަނިލް ކަޕޫރުގެ ފިލްމަކަށް ނިކުމެފައިވާ ފިލްމަކީ މިހާރު ސިނަމާތަކުގައި އެންމެ ވިދަމުންދާ ފިލްމު ރޭސް3 އެވެ. ރޭސް3 އަށް ވަނީ 500 ކުރޯޑް އިންޑިއަން ރުޕީސް އަށް ވުރެބޮޑު އާމްދަނީއެއް ލިބިފައެވެ.