އިނގިރޭސި ކޮމިއުނިޓީ ޝީލްޑް ޗެލްސީއާއި ވާދަކޮށް އެންމެފަހުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއިން ހޯދައިފިއެވެ.
މަޝްހޫރު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މި މެޗުގައި ކުޅެނީ ފާއިތުވެދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ޓީމާއި އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކުރި ޓީމެވެ. މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ސިޓީއިން ކާމިޔާބުކުރިއިރު އެފްއޭ ކަޕް ކާމިޔާބުކުރީ ޗެލްސީއެވެ.
މި މެޗުގައި ސިޓީއާއި އަލަށް ގުޅުނު ރިޔާދު މަހްރޭޒް ވަނީ ކުޅެފައެވެ. ހަމައެހެންމެ ޗެލްސީއާއި އަލަށް ގުޅުނު ޖޯޖީނިއޯ ވެސް ކުޅުނުއިރު މިއީ މައުރީޒިއޯ ސައްރީގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ ވާދަވެރި މެޗެވެ.
ފުރަތަމަ ހާފު ފެށިގެން ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 13 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ސާޖިއޯ އަގުއޭރޯއެވެ. މިއީ އޭނާ ސިޓީއަށް ޖަހައިދިން 200 ވަނަ ލަނޑެވެ. ސިޓީއިން ތަކުރާރުކޮށް ހަމަލާ އުފައްދަމުންދިޔައިރު މެޗުގެ 58 ވަނަ މިނެޓުގައި އެޓީމުގެ ދެވަނަ ލަނޑު ވެސް ޖަހައިދިނީ އަގުއޭރޯއެވެ. ޗެލްސީގެ ކުޅުންތެރިންނަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
ޕްރިމިއާ ލީގުގައި ޗެލްސީ އެންމެ ފުރަތަމަ ކުޅޭނެ މެޗަކީ އޮގަސްޓް 11 ވަނަ ދުވަހު ހަޑާސްފީލްޑް ޓައުންއާއި ދެކޮޅަށެވެ. ހަމައެހެންމެ ސިޓީގެ ފުރަތަމަ މެޗުގައި އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.