ކ. މާލެ
|
4 އޯގަސްޓް 2018 | ހޮނިހިރު 18:12
ބެލްޖިއަމްގެ އެއް ނަމްބަރު ކީޕަރު ތީބައު ކޯޓުއާ
ބެލްޖިއަމްގެ އެއް ނަމްބަރު ކީޕަރު ތީބައު ކޯޓުއާ
ގެޓީ އިމޭޖަސް
ޓްރާންސްފާ މާކެޓް
ކޯޓުއާ ރެއާލްއަށް ވިއްކާލަ ދިނުމަށް އޭނާގެ އޭޖެންޓް އެދިއްޖެ
ޗެލްސީއިން އޭނާ ވިއްކާލާނީ 45 މިލިއަން ޔޫރޯގެ ފީއަކަށް

ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ އެއް ނަމްބަރު ކީޕަރު ތީބައު ކޯޓުއާ ރެއާލް މެޑްރިޑަށް ވިއްކާލަ ދިނުމަށް އޭނާގެ އޭޖެންޓް އެެދިއްޖެއެވެ. 

މީގެ ކުރިން ވެސް ސްޕެއިންގައި ކޯޓުއާ ކުޅެފައިވާއިރު އަލުން އެނބުރި އޭނާ އެގައުމަށް ދާން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަމައެހެންމެ ރެއާލް އިން ވެސް އޭނާ ހޯދުމަށް މަސައްކަތްކުރަމުންދާއިރު ޗެލްސީ އިން އޭނާ ވިއްކާލާނީ 45 މިލިއަން ޔޫރޯގެ ފީއަކަށެވެ. ޗެލްސީގެ ކޯޗުގެ މަގާމާ އަލަށް ހަވާލުވި މައުރީޒިއޯ ސައްރީ ވެސް ވަނީ ކޯޓުއާގެ ކުރިމަގާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޓުއާގެ އޭޖެންޓް ކްރިސްޓޮފް ހެންރޮޓޭ ބުނީ އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާކަން ޗެލްސީގެ މެނޭޖްމަންޓަށް ކޯޓުއާ އަންގާފައިވާ ކަމަށާއި އެހެން ނަމަވެސް ޗެލްސީ އިން ބުނަމުންދަނީ ހުރިހާ ކަމެއް ވެސް އޮތީ ކޯޓުއާގެ އަތްމަތީގައި ކަމަށެވެ. ކޯޓުއާއަށް މިއީ ވަރަށް މުހިންމު ނިންމުމެއް ކަމަށާއި ޗެލްސީއަށް ގަބޫލުކުރެވޭނެ ފަދަ ހުށަހެޅުމެއް ކޯޓުއާ ހޯދުމަށް ލިބިފައިވާ ކަމަށް ކްރިސްޓޮފް ބުނެފައި ވެއެވެ. 

އުމުރުން 26 އަހަރުގެ ކީޕަރު ރެއާލްއަށް ބަދަލުވާން ބޭނުން ވަނީ އޭނާއަށް ހުށަހަޅާ ބޮޑު ކޮންޓްރެކްޓްގެ ސަބަބުން ކަމަށް ސަޕޯޓަރުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް ކްރިސްޓޮފް ބުނީ މިއީ ހަމައެކަނި މާލީ ގޮތަށް ވިސްނުމަށް ފަހު ނިންމާ ނިންމުމެއް ނޫން ކަމަށާއި އޭނާއަށް އެހެން ޓީމުތަކުން މާ ބޮޑު ހުށަހެޅުންތައް އައިސްފައިވާ ކަމަށެވެ. ޗެލްސީ އިން ކޯޓުއާ ރަނގަޅު އަގެއްގައި ވިއްކާލުމަށް ފަހު ބަދަލުގައި އެހެން ކުޅުންތެރިޔަކު ހޯދޭ ވަރަށް ވަގުތު އެބަ އޮތް ކަމަށް ވެސް ކްރިސްޓޮފް ބުނެފައި ވެއެވެ. 

އަންނަ ބުރާސްފަތި ދުވަހު އިނގިރޭސި ކްލަބްތަކަށް ޓްރާންސްފާ މާކެޓް ބަންދުވާއިރު އޭގެ ކުރިން ޗެލްސީ އިން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. ކޯޓުއާ ވަނީ ޗެލްސީއަށް 154 މެޗު ކުޅެދީ އެޓީމާ އެކު ދެ ފަހަރެއްގެ މަތިން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް