އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އޭސީ މިލާނަށް ބަދަލުވި އިރު އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަލުން އެނބުރި ޔުވެންޓަސްއަށް ބަދަލުވެއްޖެއެވެ.
އުމުރުން 30 އަހަރުގެ ހިގުއައިން މިލާނަށް ބަދަލުވާނީ 18 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ އެއްބަސްވުން ނިމުމާ އެކު މިލާނަށް 36 މިލިއަން ޔޫރޯގެ ފީއަކާ އެކު އޭނާ ދާއިމީ ކުޅުންތެރިޔަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެއެވެ.
މި އެއްބަސްވުމާ އެކު މިލާންއަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަލުން އެނބުރި ޔުވެންޓަސްއަށް ބަދަލުވާނެއެވެ. ހަމައެހެންމެ ޔުވެންޓަސްގެ ޑިފެންޑަރު މަޓިއާ ކަލްޑާރާ މިލާނަށް ދިނުމަށް ޔުވެންޓަސް އިން ވަނީ ނިންމާފައެވެ.
ބުރާސްފަތި ދުވަހުގެ ވަގުތެއްގައި މި ދެ ކުޅުންތެރިން ވެސް ވަނީ ކްލަބްތަކާ އެކު މެޑިކަލް ފުރިހަމަކޮށްފައެވެ. މިލާނަށް ބަދަލުވުމަށް ފަހު ވާހަކަ ދައްކަމުން ހިގުއައިން ބުނީ ގިނަ އަދަދެއްގެ ސަޕޯޓަރުން އޭނާއަށް މަރުހަބާ ކިޔުމަށް އައުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށާއި އެހެން ނަމަވެސް ޔުވެންޓަސްގެ ސަޕޯޓަރުންނަށް ވެސް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން ބޭނުންވާ ކަމަށެވެ.
ހިގުއައިން ވިއްކާލުމަށް ޔުވެންޓަސްއިން ނިންމީ ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމާ ގުޅުމާ ވިދިގެންނެވެ. އޭނާ އެޓީމަށް ބަދަލުވީ 112 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ނަޕޯލީ އިން 2016 ވަނަ އަހަަރު ޔުވެންޓަސްއަށް ބަދަލުވުމަށް ފަހު ހިގުއަ އިން ވަނީ އެޓީމަށް ޖެހިޖެހިގެން ދެ އިޓާލިއަން ސެރީއޭ ހޯދައިދީފައެވެ. އޭނާ ވަނީ އެޓީމަށް ޖުމްލަ 105 މެޗު ކުޅެދީ 55 ލަނޑު ޖަހައިދީފައެވެ.