ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ބޭއްވި ހަތަރު ވަނަ ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޗެމްޕިއަންކަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ހޯދިއިރު ފިރިހެން ޗެމްޕިއަންކަން ޔޫތު ސްޕޯޓްސް ކްލަބް ހޯދައިފިއެވެ.
އަންހެން ބައިގެ ޗެމްޕިއަންކަން ނިއު ރޭޑިއަންޓް ހޯދީ ފައިނަލުގައި އޮރިކްސް ހޭންޑްބޯލް ކްލަބް 22-21 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިއު ރޭޑިއަންޓްގެ ޖާޒީ ނަމްބަރު 10 ފާތިމަތު ރިޝްމާއެވެ.
އަންހެން ބައިގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިއު ރޭޑިއަންޓްގެ ރިޝްމާ އާއި އެޓީމުގެ އައިޝަތު ރީމާ، ފާތިމަތު ޝިފާ އަދި އޮރިކްސްގެ ނަޝްފާ އާމިރާ، ޒުލައިޚާ އިބްރާހިމް، އައިމިނަތު އިސްރައު އަބްދުއް ޝުކޫރު އަދި ޔޫތު ސްޕޯޓްސް ކްލަބްގެ ނާހިދާ އަހުމަދުއެވެ.
ފިރިހެން ބައިގެ ޗެމްޕިއަންކަން ޔޫތު ސްޕޯޓްސް ކްލަބް ހޯދީ ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 29-26 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗު މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔޫތު ސްޕޯޓްސް ކްލަބްގެ ޖާޒީ ނަމްބަރު 13 އަބްދުﷲ ޒިޔާއުއެވެ.
ފިރިހެން ބައިގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބްގެ އަހުމަދު ނަސީރު އަދި އަހުމަދު ރަޒުނީގެ އިތުރުން ޔޫތު ސްޕޯޓްސް ކްލަބްގެ އަހުމަދު ސާއިފް ނައީމް، ރިޝްފާން ރަޝީދު، އަބްދުﷲ ޒިޔާއު، މުހައްމަދު ފިރުނާޝް އަބްދުﷲ އަދި އަހުމަދު އިިނާޝްއެވެ.