ކ. މާލެ
|
25 ޖެނުއަރީ 2017 | ބުދަ 14:23
ގެމްބިއާގެ އާ ރައީސް އެޑަމާ ބެރޯ
ގެމްބިއާގެ އާ ރައީސް އެޑަމާ ބެރޯ
މުހައްމަދު ޝަރުހާން
ގެމްބިއާ
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
 
އަންނަ ހަފްތާގައި ގައުމަށް އެނބުރިވަޑައިގަންނަވާނެ

ގެމްބިއާގެ އާ ރައީސް އެޑަމާ ބެރޯ ހަފްތާއެއްގެ ތެރޭގައި އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ އެވެ.

 

މިދިޔަ ޑިސެމްބަރު މަހު ބޭއްވި އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް މަގާމުގައި ދެމިހުންނެވުމަށް މަސައްކަތް ކުރެއްވުމުން ކުރީގެ ރައީސް ޔަހްޔާ ޖަމްމޭހް ވަކި ކުރެވުނީ އަވަށްޓެރި ގައުމުތަކުން މެދުވެރިއެއްގެ ރޯލު އަދާކޮށް ވާހަކަ ދައްކައިގެން އަސްކަރީ ބިރު ދައްކައިގެންނެވެ. އިންތިހާބުން ކާމިޔާބު ހޯއްދެވި ބެރޯ މަގާމުގެ ހުވާ ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސެނެގާލްގަ އެވެ.

 

ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ބެރޯ ވިދާޅުވީ އަންނަ ހޯމަ ދުވަހު ކެބިނެޓާއި ނައިބު ރައީސްގެ މަގާމަށް އައްޔަންކުރާ ފަރާތްތައް އިއުލާން ކުރައްވާނޭ ކަމަށެވެ. އަދި، ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ވަގުތުން ފައްޓަވާނޭ ކަމަށް ވެސް ވިދާޅުވި އެވެ.

 

ޖަމްމޭހް ވެރިކަމުން ފައިބާވަޑައިގެން ގައުމު ދޫކުރައްވާ ވަޑައިގެންނެވިއިރު ޚަޒާނާއިން 11 މިލިއަން އެމެރިކާ ޑޮލަރު މަދު ކަމަށް ބެރޯގެ އެޑްވައިޒަރަކު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ ބެރޯ ވިދާޅުވީ އެފަދަ ހަބަރުތަކެއް ލިބިފައިވާ ކަމަށެވެ. އަދި، މައްސަލައިގެ ތަހުގީގުގައި ގައުމުގެ ސެންޓްރަލް ބޭންކުން ބޭނުންވާ ޑޮކިއުމަންޓްތައް ހޯދުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

އާ ސަރުކާރު ގާއިމްކޮށް، ކަންކަން ހަމައަކަށް އެޅެންދެން، ގައުމުގައި މިހާރު ގާއިމްވެފައި ތިބި ބޭރު ގައުމުތަކުގެ ސިފައިން ތިބޭނެ ކަމަށް ވެސް ބެރޯ ވިދާޅުވި އެވެ. އަދި، ގެމްބިއާގެ އަސްކަރިއްޔާ އިސްލާހުކޮށް، އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތަކީ އިސްކަންދެއްވާނޭ މައްސަލައެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން، އަސްކަރިއްޔާ އިތުރަށް ތަމްރީނުކުރުމުގެ މަސައްކަތުގައި އެފްރިކާ ބައްރުގެ އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދާނޭ ކަމަށް ބެރޯ ވަނީ ވިދާޅުވެފަ އެވެ.

 

ޖަމްމޭހް ވެރިކަމުން ބޭލުމަށް އެ ބައްރުގެ ގިނަ ގައުމުތަކުގެ އަސްކަރީ އެހީތެރިކަން ލިބުނު އިރު، ޖަމްމޭހް ވެރިކަމުން ބޭލުމަށް އދ. ގެ ސަލާމަތީ މަޖްލިހުންވެސް ވަނީ ތާއީދުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް