މިދިޔަ މަހުގެ ތެރޭގައި ރަޝިއާގައި ނިމިގެންދިޔަ ފީފާ ވާރލްޑް ކަޕްގައި ކުޅުނު ސްޕެއިންގެ ގައުމީ ޓީމުން ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރި ކަމަށް ސްކޮޑުން ބާކީކުރި ބާސެލޯނާގެ މިޑްފީލްޑަރު ސާޖީ ރޮބާޓޯ ބުނެފިއެވެ.
ބާސާގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ހިމެނިގެން ރޮބާޓޯ ކުޅުނު ނަމަވެސް އޭނާއަށް ސްޕެއިންގެ ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި ސްކޮޑަށް ނެގީ ރެއާލް މެޑްރިޑްގެ ޑެނީ ކަވަހާލް އަދި އެޓީމަށް ދާދިފަހުން ބަދަލުވި ރެއާލް ސޮސިއެޑާޑްގެ ކުރީގެ ކުޅުންތެރިޔާ އަލްވާރޯ އޮޑްރިއޮޒޯލާއެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރޮބާޓޯ ބުނީ ވާރލްޑް ކަޕަށް ގެންދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށާއި އެހެން ނަމަވެސް ކޯޗުގެ ނިންމުމާއެކު ވާރލްޑް ކަޕް ބަލަން ޖެހުނީ ގޭގައި ހުރެގެން ކަމަށެވެ.
ސްޕެއިންގެ ގައުމީ ޓީމަށް ރޮބާޓޯ ނުނެގިއިރު އެޓީމުގެ ތެރޭގައި ޖެހުނު މައްސަލަތަކެއްގައި ސްކޮޑް ނެގި ކޯޗުގެ މަގާމުގައި ހުރި ހޫލިއަން ލޮޕްޓެގީ އެމަގާމު ވަކިކުރިއެވެ. ވާރލްޑް ކަޕްގައި ސްޕެއިންގެ ގައުމީ ޓީމަށް ފެނާންޑޯ ހިއެރޯ އިރުޝާދުދިން އިރު އޭނާއާއެކު އެޓީމަށް ދަތުރުކުރެވުނީ ދެވަނަ ބުރާއި ހިސާބަށެވެ. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ދާދިފަހުން ސްޕެއިންގެ ކޯޗަކަށް ރޮބާޓޯއަށް ކުރިން އިރުޝާދުދިން ލުއިސް އެންރިކޭ ހަމަޖައްސާފައެވެ.
ސްޕެއިންގެ އައު ކޯޗު ލުއިސް އެންރިކޭއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ރޮބާޓޯ ބުނީ އޭނާއަކީ ވަރަށް މުހިންމު މީހެއް ކަމަށާއި އެންރިކޭއަކީ ބާސާގެ ޓީމުން ވެސް އޭނާއަށް ފުރުސަތުދިން ކޯޗު ކަމަށެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން އަނެއްކާ ވެސް ސްޕެއިންގެ ގައުމީ ޓީމުން ފުރުސަތު ލިބުން ވެގެންދާނީ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށް ރޮބާޓޯ ބުނެފައިވެއެވެ.
މިހާތަނަށް ސްޕެއިންގެ ގައުމީ ޓީމަށް ރޮބާޓޯ ކުޅެފައިވަނީ އެންމެ ތިން މެޗެވެ.