ޕްރިޔަންކާ ޗޯޕްޅާ އާއި އެމްރިކާގެ ލަވަލިޔުންތެރިޔާ ނިކް ޖޯނަސް އެންގޭޖްކުރި ކަމަށް މީޑިއާގައި އަޑު ފެތުރެމުން ދަނިކޮށް ބޮލީވުޑްގެ ތަރި އަދި ޕްރިޔަންކާގެ ގާތް ރައްޓެއްސެއް ކަމަށްވާ ކަންގަނާ ރަނައުތް މަރުހަބާ ކިޔައިފިއެވެ.
އަންގާރަ ދުވަހު ވޯގް ބިއުޓީ އެވޯޑް 2018 ރެޑް ކާޕެޓްގައި މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ކަންގަނާ ބުނެފައި ވަނީ ޕްރިޔަންކާއާ ވާހަކަ ދެއްކި ކަމަށާއި ފެންނަ ފެނުމަށް ޕްރިޔަންކާ ހުރީ ވަރަށް އުފަލުން ކަމަށެވެ. ނަމަވެސް މީޑިއާގައި އޭނާ އެންގޭޖްކުރި ކަމަށް ދެކެވޭ ވާހަކައަކީ ތެދު ވާހަކައެއް ކަމެއް ޔަގީންކޮށް ނުދޭ ކަމަށާއި އަދި އެ ވާހަކަތަކަށް ދެކޮޅު ހަދާފައި ވެސް ނުވާ ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.
"އެފަދަ ކަމެއް ހިނގާ ނަމަ އޭނާއާ އެކު އެކަން ސެލްބްރޭޓް ކުރަން ބޭނުން. އޭނައަކީ ވަރަށް ލޯބި މީހެއް. އޭނާއަށް ހުރިހާ އުފަލެއް ލިބުން ހައްގު. އޭނާއަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. އެންގޭޖްމަންޓާއި ކައިވެނީގެ ވާހަކައާއެކު އަހަރެން ވަރަށް އުފާވެއްޖެ،" ކަންގަނާ ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު "ބާރަތު"ގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު ކުރި ޓްވީޓުން ދޭހަވާ ގޮތުން ނިކް އާއި ޕްރިޔަންކާ އޭނާގެ 36 ވަނަ އުފަން ދުވަހު ލަންޑަންގައި އެންގޭޖްކުރި ކަމަށް ވަނީ ވާހަކަ ދެކެވެން ފަށާފައެވެ.
އަލީ އައްބާސް ޒަފަރު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޕްރިޔަންކާ މި ފިލްމް ނުކުޅެ، ދޫކޮށްލާފައި ވަނީ "ވަރަށް ވަރަށް ޚާއްސަ ސަބަބަކާ ހުރެ" ކަމަށާއި ޕްރިޔަންކާ އެވާހަކަ ބުނެފައި ވަނީ އެންމެ ފަހު ވަގުތު ކަމަށެވެ. އަދި އެންމެން ވެސް ޕްރިޔަންކާއަށްޓަކައި ވަރަށް އުފާވާ ކަމަށް ޒަފަރު ވަނީ ބުނެފައެވެ. "ބާރަތު"ގެ ޓީމުން ޕްރިޔަންކާ އަށް އުފާވެރި ދިރިއުޅުމަކަށް އެދޭ ކަމަށް ވެސް ޒަފަރުގެ ޓްވީޓްގައި ވެއެވެ.
ޕްރިޔަންކާ މިވަގުތު ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު އޭނާ ވަނީ ސޮނާލީ ބޯސްގެ ފިލްމް "ދަ ސްކައި އިޒް ޕިންކް" ކުޅެން ސޮއްފައެވެ.