މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.
ޓާފް އެއް ނަންބަރ ދަނޑުގައި ހޯމަ ދުވަހު ހަވީރު ކުޅުނު މި މެޗުގައި ނިއު ރޭޑިއަންޓުން ވަނީ އެކްލަބަށް އަލަށް ގެނައި ބިދޭސީ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ ހަފުތާގަ އެވެ.
އެގޮތުން އެޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ގައުމީ ޓީމުގައިވެސް އަދި ކްލަބު ލެވެލްގައިވެސް ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންވަނީ ގެނެސްފަ އެވެ. އެކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެއް ނަންބަރު ގޯލްކީޕަރ އިމްރާން މުހައްމަދާއި ޓީސީ އަށް ކުޅެމުން އައި ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި މިދިޔަ ސީޒަންގައި ވެލެންސިއާއަށް ކުޅުނު މިޑްފީލްޑަރ އަކްރަމް އަބްދުލްޣަނީ އާއި މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބ. އޭދަފުށީ ޓީމުގެ ގޯލްކީޕަރ އަބްދުﷲ ޒިޔަޒަންގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަބުދުﷲ މިދުހަތު ފަހުމީ ހިމެނެ އެވެ.
މީގެ އިތުރުން ނިއުއާ ގުޅުނު ބިދޭސީ ހަތަރު ކުޅުންތެރިންނަކީ ޗެލްސީގެ 18 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ގާނާގެ ޑިފެންޑަރެއް ކަމަށްވާ ޑެނިއަލް ޕަޕޯ އާއި ނެދަލެންޑްސްގެ މިޑްފީލްޑަރެއް ކަމަށްވާ ޖަމެލް ލީފްލޭންގާއި ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯ ވަލްޑެސް އަދި ޖަޕާނުގެ މިޑްފީލްޑަރު ކެއިސޫކޭ އޮގާވާ އެވެ.
ނިއުގެ ފަރިތަކުރުންތައް ކުރިއަށްދާއިރު، އެޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ހަމަޖައްސާފައި ވަނީ އެޓީމުގެ ކުރީގެ ކެޕްޓަން އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ. އަދި ގޯލު ކީޕަރ ޓްރެއިނަރަކަށް ހަމަޖއްސާފައިވަނީ ހަސަން ހަމީދު (ޑަކޭ) އެވެ.
މީގެ އިތުރުން ގްރީން ސްޓްރީޓުންވެސް ވަނީ އާ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއް ގޮންގޮސްފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ މެދުތެރެއިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ގެނައި ޖަޕާނުގެ ގޯލްކީޕަރު ޔުން ކޮޗީ އާއި ވިކްޓަރީ އަށް ކުޅުނު ފަރުހާދު އިސްމާއިލް (ފަރޭ) އާއި ސައިފް އާއި މާޒިޔާ އަށް ކުޅުނު އަހްމަދު ރަޝީދާއި ޓީސީގެ އަހްމަދު ނިޒާމް އަދި މުހައްމަދު ޝައްފާޒު (ޝައްޕެ) ހިމެނެއެވެ.
މިއަހަރުގެ ފުރަތަމަ ޑިވިޝަނުން ގްރީން ސްޓްރީޓް ޖާގަ ހޯދީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމްއިން ނިންމާފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.