ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 00:47
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓްރީ ހުސެއިން ޖަވާޒް (ޖަވާ)
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓްރީ ހުސެއިން ޖަވާޒް (ޖަވާ)
އެފްއޭއެމް
ސާފް ޗެމްޕިއަންޝިޕް
ގައުމީ ޓީމު މިފަހަރު ކޭމްޕް ކުރާނީ ޤަތަރުގައި
މާލޭގައި އެކުވެރިކަމުގެ މެޗެއް ނުކުޅޭނެ

އަންނަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމު ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމަށް ކޭމްޕް ކުރާނީ ޤަތަރުގައި ކަމަށް އެފްއޭއެމްއިން ހާމަކޮށްފިއެވެ. 

އާދިއްތާ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ ޓްރެއިނިންއަށް ބަދަލު ގެންނަން ޖެހުނީ ގަލޮޅު ދަނޑަށް ދިމާވި ކަންކަމާއި ގުޅިގެން ސަބަބުން ކަމަށެވެ. އެގޮތުން ބަލާއިރު އެންމެ ރަނގަޅު ގައުމެއްގެ ގޮތުގައި ފާހަގަކުރެވުނީ ޤަތަރު ކަމަށާއި އެހެންކަމުން ޤަތަރުގައި ފަރިތަކުރުންތައްް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ހަވަނަ ދުވަހާއި ހިސާބުގައި ޤަތަރަށް ފުރޭނެ ކަމަށް ބެލެވޭ ކަމަށް ޖަވާޒް ވިދާޅުވިއެވެ. ހަމައެހެންމެ ގައުމީ ޓީމު ބަންގްލަދޭޝްއަށް ދާނީ އެނބުރި ރާއްޖެ ނައިސް ސީދާ ޤަތަރުން ކަމަށް ވެސް ޖަވާޒް ވިދާޅުވިއެވެ. 

މިގޮތަށް ނިންމުމާއެކު މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ރާއްޖޭގައި އެއްވެސް އެކުވެރި ކަމުގެ މެޗެއް ގައުމީ ޓީމު ނުކުޅޭނެއެވެ.

ގައުމީ ޓީމު ޤަތަރުގައި ކޭމްޕް ކުރުމަށް ނިންމާފައިވާއިރު ގަލޮޅު ދަނޑުގެ ވިނަގަނޑަށް ގެއްލުންވެ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް ވެސް ވަނީ ފަސްކޮށްފައެވެ. ގަލޮޅު ދަނޑުގެ ވިނަގަނޑަށް ގެއްލުންވެފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތްތަކަށް ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. 

ގައުމީ ޓީމުން ވަނީ 30 ކުޅުންތެރިންގް ސްކޮޑެއް އެކުލަވާލައި ފަރިތަކުރުންތައް އެފްއޭއެމް ޓާފް ދަނޑުގައި ފަށާފައެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ލައްވާލާފައި ވަނީ އިންޑިއާ އަދި ސްރީ ލަންކާއާ އެކު ގްރޫޕް ބީގައެވެ. ސާފް ޗެމްޕިއަންޝިޕްގެ ކުޅުން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. 

- ކޮމެންޓް
30 ޖުލައި 2018 | ހޯމަ 03:09
ޖަޒީރާ ޢަލީ
މި ސަރުކާރުން ޤަތަރާއި ގުޅުން ކަނޑާލި އިރު ޤަތަރުން ރައްދުގައި މިކަމަށް ހުރަސް ނާޅާ. ގައިމު ޗައިނާއަށް ދިޔަ ނަމަ ކޭމްޕް ކުރަން