ކ. މާލެ
|
29 ޖުލައި 2018 | އާދީއްތަ 18:57
ރޮނާލްޑޯ ޔުވެންޓަސްގެ ޖާޒީގައި
ރޮނާލްޑޯ ޔުވެންޓަސްގެ ޖާޒީގައި
ގެޓީ އިމޭޖަސް
ޔުވެންޓަސް
ރޮނާލްޑޯއާއެކު އިތުރު ކުޅުންތެރިން ވެސް ޔުވެންޓަސްއަށް ގެންނަނީ
އިތުރު ކުޅުންތެރިންތަކެއް ޔުވެންޓަސްއަށް ގެންނާނެ

ކްރިސްޓިއާނޯ ރޮނާލްޑޯ ސޮއިކުރި ނަމަވެސް އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިތުރު ކުޅުންތެރިން ޔުވެންޓަސްއަށް ގެނައުމަށް ނިންމާފައިވާ ކަމަށް އެކްލަބްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފިއެވެ. 

ރެއާލް މެޑްރިޑް ދޫކޮށް ރޮނާލްޑޯ ވަނީ 112 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވެފައެވެ. އޭނާ އެކްލަބްގައި 2022 ވަނަ އަހަރުގެ ނިޔަލަަށް މަޑުކުރާނެއެވެ. ރޮނާލްޑޯ ޔުވެންޓަސްއަށް ގެނެސްފައިވަނީ އެކްލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ކަމަށް ބެލެވެއެވެ. އެންމެފަހުން ޔުވެންޓަސްއިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވަނީ 1996 ވަނަ އަހަރުއެވެ. 

އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗު އަލެގްރީ ބުނީ އަބަދުވެސް ބޭނުންވަނީ މުބާރާތްތައް ކާމިޔާބުކުރަން ކަމަށާއި ރޮނާލްޑޯ އައި ނަމަވެސް އެކަން ބަދަލުނުވާނެ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގަށް ވިޔަސް ނުވަތަ އިޓާލިއަން ސެރީއޭއަށް ވިޔަސް ރޮނާލްޑޯގެ އެހީތެރިކަން އެމުބާރާތްތައް ކާމިޔާބުކުރަން ބޭނުންވާނެ ކަމަށް އަލެގްރީ ބުނެފައިވެއެވެ. 

ޕްރީ ސީޒަންގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ޔުވެންޓަސް ބަލިވެފައިނުވާއިރު އެންމެފަހުން ބެނެފީކާއާއި ދެކޮޅަށް އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ކުޅުނު މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. 

ޔުވެންޓަސްގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގަައި ގުނާލެވުނު ޖިއަންލުއީޖީ ބުފޮން އެޓީމު ދޫކޮށްލާފައިވާއިރު އޭނާގެ ބަދަލުގައި އެޓީމުން ވަނީ މަޓިއާ ޕެރިން ގެނެސްފައެވެ. އިތުރު ކީޕަރެއް ގެނައުމަށް ޔުވެންޓަސްއިން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފަައި ވަނިކޮށް އަލެގްރީ ވަނީ އަންނަ ސީޒަނުގައި ޔުވެންޓަސްގެ ގޯލު ބަލަހައްޓާނީ ޕެރިންގެ އިތުރުން ސެޒްނީ ކަމަށް ބުނެފައެވެ. 

އަންނަ ސީޒަނަށް ޔުވެންޓަސް ނުކުންނާނީ ރޮނާލްޑޯއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް