އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާއަށް އިތުރު ކުޅުންތެރިން ގެންނާނެ ކަމުގެ އިޝާރާތެއް އެކްލަބްގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ދީފިއެވެ.
ބާސާއިން ވަނި މިހާރު ވެސް އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ތިން ކުޅުންތެރިޔަކު ގެނެސްފައެވެ. އެގޮތުން އެޓީމުން ވަނީ ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓް އާއި ބްރެޒިލްގެ މިޑްފީލްޑަރު އާތުރުގެ އިތުރުން ބްރެޒިލްގެ ފޯވާޑް މެލްކޮމް އެޓީމަށް ގެނެސްފައެވެ. ބާސާއިން މިހާތަނަށް އެކްލަބަށް ގެނެސްފައި ވަނީ ޒުވާން ކުޅުންތެރިންނަށްވާއިރު މިއީ ކުރިމަގަށް އެކްލަބުން ކުރާ އިންވެސްޓްމެންޓެއް ކަމަށް ބެލެވެއެވެ. އެގޮތުން އެކްލަބުގައި ތިބި އުމުރުން ދުވަސްވީ ކުޅުންތެރިން ކަމަށްވާ އަންދްރޭސް އިނިއެސްޓާ އަދި ޕައުލީނިއޯ ވަނީ އެހެން ޓީމުތަކަށް ބަދަލުވެފައެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ ކޮންމެ ކަމެއް ވެސް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިޑްފީލްޑުން ވަރަށް މުހިންމު ކުޅުންތެރިން ދިޔުމާއެކު ސީޒަން ފެށުމުގެ ކުރިން އިތުރު ކުޅުންތެރިން އަދިވެސް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ޕައުލީނިއޯ އަދި އިނިއެސްޓާ ނެތްކަން ބަލައިގަނެގެން ސްކޮޑް ބިނާކުރާނެ ކަމަށާއި ވީހާވެސް ވާދަވެރިކަން ބޮޑު ސްކޮޑެއް ބިނާކުރަން ބޭނުންވާ ކަމަށެވެ.
ވަލްވާޑޭ ބުނީ ކުޅުންތެރިން ގެންނަނީ ހަމައެކަނި އޭނާގެ ވިސްނުމަކަށް ނޫން ކަމަށާއި އެއީ ކްލަބްގެ މެނޭޖްމަންޓުގެ ނިންމުންތަކެއް ވެސް އޮންނަ ކަމެއް ކަމަށެވެ. ބޭނުންވަނީ ބާސާގެ ސްޓައިލްގައި ކުޅެވޭ ކުޅުންތެރިން ކަމަށާއި މެދުތެރެ ވަރުގަދަ ކުރަން އިތުރު ކުޅުންތެރިން ޓީމަށް ގެންނަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ނިމިގެންދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން އެހެން ޓީމުތަކަށް ކުޅުނު ކުޅުންތެރިން ވެސް ތިބޭނެ ކަމަށާއި ހަމައެހެންމެ ޒުވާން ޓީމުގެ ކުޅުންތެރިން ވެސް ސްކޮޑްގައި ހިމެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ބާސާއިން އަންނަނީ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި މިހާރު ވާދަކުރަމުންނެވެ.