ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ޓީޓޭ އޭނާގެ އެއްބަސްވުން އައުކޮށްފިއެވެ.
ބްރެޒިލްގެ ފުޓްބޯޅަ އިދާރާއިން ވަނީ ޓީޓޭއާއެކު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރުގެ ނިޔަލަށް އިތުރުކުރިކަން ކަށަވަރުކޮށްދީފައެވެ. ކާލޯސް ޑުންގާގެ ފަހުން ބްރެޒިލްގެ ކޯޗުގެ މަގާމާއި ހަވާލުވެ ޓީޓޭ އެޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދިނެވެ.
އެގޮތުން ރަޝިއާގައި ނިިމިގެންދިޔަ ވާރލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ޓީމަކީ ބްރެޒިލްއެވެ. ހަމައެހެންމެ ކޮލިފައިންގައި ކުޅުނު 18 މެޗުގެ ތެރެއިން ބްރެޒިލް ބަލިވީ އެންމެ މެޗަކުންނެވެ. ވާރލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ބްރެޒިލް މުބާރަތަށް ދިޔަ ނަމަވެސް ކުއާޓާ ފައިނަލުގައި 2-1 އިން ބެލްޖިއަމާ އެކު ކުޅުނު މެޗުން ދެރަވެ މުބާރާތުން ބްރެޒިލް ކެޓިއެވެ. އެހެން ނަމަވެސް އަދިވެސް ބްރެޒިލްގެ ކޯޗެއްގެ ގޮތުގައި ޓީޓޭއަށް ވަރަށް ބޮޑު އިތުބާރެއް އޮތް ކަމަށް ބެލެވެއެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މިއީ ވަރަށް ދިގު މުއްދަތަކަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށާއި ކުރިޔަށް އޮތް ތަނުގައި ބްރެޒިލްގެ ފުޓްބޯޅައަށް ޓީޓޭގެ ސަބަބުން ރަނގަޅު ބަދަލުތަކެއް ފެނިގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. ރަނގަޅަށް ޕްލޭންކޮށްގެން އެ ޕްލޭންތަކުގެ ދަށުން ކަންކަން ކުރިޔަށް ދާނަމަ ބްރެޒިލްގެ ފުޓްބޯޅައަށް އައު ނަތީޖާތަކެއް ފެނިގެން ދާނެކަމަށް ވެސް އެ ފެޑެރޭޝަނުން ވަނީ ބުނެފައެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޓީޓޭ ބުނީ ފެޑެރޭޝަނުން ދިން ފުރުސަތުގެ ބޭނުން ހިފާނެ ކަމަށާއި މިހާރު ވެސް މަސައްކަތް ކުރަމުން ދަނީ ކުރިޔަށް ހުރި މުބާރާތްތަކަށާއި މެޗުތަކަށް ތައްޔާރުވަމުން ކަމަށެވެ.
ބްރެޒިލްއިން އުއްމީދުކުރަމުން ދަނީ އަންނަ އަހަރު އަމިއްލަ ފަސްގަނޑުގައި ބާއްވާ ކޮޕާ އެމެރިކާ ކާމިޔާބު ކުރުމަށެވެ. މީގެ 11 އަހަރުކުރިން ބްރެޒިލް އިން ކޮޕާ އެމެރިކާ ކާމިޔާބުކުރި ފަހުން އެޓީމަށް އެމުބާރާތް ކާމިޔާބު ކުރެވިފަ އެއް ނުވެއެވެ. ބްރެޒިލް އެންމެފަހުން ކާމިޔާބުކުރި ބައިނަލްއަގްވާމީ ބޮޑު މުބާރާތަކީ އަމިއްލަ ގައުމުގައި ކުޅުނު 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕެވެ.
ދެކުނު ކޮރެއާ އަދި ޖަޕާންގައި 2002 އަހަރު ބޭއްވި ވާރލްޑް ކަޕަކީ ބްރެޒިލް އެންމެފަހުން ވާރލްޑް ކަޕެއް އުފުލާލި ފަހަރެވެ.