ބޮލީވުޑުގައި ފިޔަ ޖަހަމުން އަންނަ މަޝްހޫރު އެކްޓެރެސް، އަދި ނެށުންތެރިޔާ ނޯރާ ފަތޭހީގެ އެންމެ ފަހުގެ ފެނިލުން ކަމަށްވާ "ދިލްބަރު" މިލަވަ ދަނީ އިންޑިޔާގެ ޓޮޕް ޗާޓުތަކުން އެއްވަނަ ހޯދަމުންނެއެވެ. ޖޯން އަބްހަރަމްގެ ފަހުގެ ފިލްމު ކަމަށްވާ 'ސަތްޔަވަމް ޖަޔެތޭ" ގެ އައިޓަމް ލަވައިން ފެނިގެންދާ ނޯރާ ވަނީ މި ލަވައަށް ފަހު ބެލުންތެރިންގެ ހިތް އަތުލާފައެވެ.
ހަބަރުތައް ބުނާ ގޮތުން ދެން އެންމެ އަވަހަށް ނޯރާ ފެނިގެން ދާނީ ސަލްމާން ޚާންގެ ފަހުގެ ފިލްމު ކަމަށްވާ "ބާރަތް" އިންނެވެ. އެހެން ނަމަވެސް މި ފިލްމުން ނޯރާ ފެނިގެން ދާނީ އައިޓަމް ލަވައަކުން ނޫން ކަމަށާއި މިފިލްމުގައި ނޯރާ ހާއްސަ ފެނިލުމަކުން ކަމަށް ހަބަރުތައް ބުނެއެވެ.
މިފިލްމުގައި ނޯރާގެ ފެނިލުމާއި ގުޅޭގޮތުން ފިލްމު ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު، މުމްބާއި މިރާއަށް ބުނެފައި ވަނީ މިފިލްމުގައި ނޯރާ ފެނިގެން ދާނީ ވަރަށް ހާއްސަ ފެނިލުމަކުން ކަމަށާއި މިއީ މިފިލްމުގެ ވާހަކައަށް ވަރަށް މުހިއްމު ރޯލެއް ކަމަށެވެ.
"ބާރަތު" އަކީ ސައުތު ކޮރެއަން ފިލްމެއް ކަމަށްވާ 'އޮޑެ ޓު މައި ފާދަރ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އަދި ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުން ދަނީ 2019 ގެ އީދަށެވެ.
މިފިލްމުގެ ޝޫޓިންގައި އަންނަ މަހުން ފެށިގެން ނޯރާ ބައިވެރިވާން ފަށާއިރު ދެން އޭނާ ފެނިގެން ދާނީ ރާޖްކުމާރު ރާއޯ އަދި ޝްރަދާ ކަޕޫރާއި އެކު ކުޅޭ "ސްޓްރީ" އިންނެވެ. މިއީ ހޮރޯ ކޮމެޑީ ފިލްމެއް ކަމަށްވާއިރު މިފިލްމުގައި ނޯރާގެ އައިޓަމް ލަވައެއް ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ. ޑައިރެކްޓަރ އަމަރު ކައުޝިކްގެ "ސްޓްރީ" ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނީ މިއަހަރުގެ އޮގަސްޓް 31 ގައެވެ.