ނިމިގެންދިޔަ ފީފާ ވާރލްޑް ކަޕްގެ އެންމެ މޮޅު ލަނޑަކަށް ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާރޑް ޖެހި ލަނޑު ހޮވިއްޖެއެވެ.
އާއްމުގެން މެދުގައި ނެގުނު ވޯޓަކުން އެއްވަނައަށް ހޮވިފައި ވަނީ އާޖެންޓީނާއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި ޕަވާރޑް ޖެހި ލަނޑެވެ. މި މެޗުގައި ޕަވާރޑް ލަނޑު ޖެހިއިރު ނަތީޖާ އޮތީ 2-2 އިން ދެ ޓީމު އެއްވަރުވެފައެވެ. ޕަވާރޑް އޭރީއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާ ގޯލަށް ވަދެގެންދިޔައިރު އާޖެންޓީނާގެ ކީޕަރު ފްރޭންކޯ އަރްމާނީ ހުރީ ގޮތް ހުސްވެފައެވެ. މި މެޗު 4-2 އިން ކާމިޔާބުކޮށް ކުއާޓާއިން ޖާގަ ހޯދީ ފްރާންސްއެވެ.
އެމެޗަށް ފަހު ވާހަކަ ދައްކަމުން ޕަވާރޑް ބުނީ ބޯޅަ ފޮނުވާލިއިރު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށާއި ވިސްނީ އަމާޒަށް ފޮނުވާލެވޭތޯ ކަމަށެވެ. ލަނޑު ވަނުމުން ވަރަށް އުފާވި ކަމަށް ޕަވާރޑް ބުނެފައި ވެެއެވެ. މިއީ ޕަވާރޑް ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު 12 މެޗުގައި ޖަހާފައިވާ ހަމައެކަނި ލަނޑެވެ.
ޕަވާރޑްގެ ފަހަތުން ދެވަނައަށް އެންމެ މޮޅު ލަނޑަކަށް ހޮވުނީ ޖަޕާން ކޮޅަށް ކޮލޮމްބިއާގެ ލަނޑު ޖެހި ހުއާން ކުއިންޓޭރޯއަށެވެ. އަދި ތިން ވަނަ ލިބުނީ ވާރލްޑް ކަޕްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ލޫކާ މޮޑްރިޗްގެ ލަނޑެކެވެ. އެއީ އޭނާ އާޖެންޓީނާ ކޮޅަށް ގްރޫޕް ސްޓޭޖުގައި ޖެހި ލަނޑެކެވެ.
ފްރާންސްގެ ކުޅުންތެރިޔަކަށް އެންމެ ރީތި ލަނޑު ޖެހުމުގެ ރެކޯޑް ލިބުނުއިރު ފައިނަލްގައި 4-2 އިން ކްރޮއޭޝިއާ ބަލިކޮށް ތަށި އުފުލާލީ ވެސް ފްރާންސްއެވެ.
މުޅި މުބާރާތުގައި ވެސް ޕަވާރޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސްޓުޓްގާޓަށް ކުޅެމުން އަންނަ ޕަވާރޑް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުންދަނީ ޖަރުމަނުގެ ބަޔާން މިއުނިކް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.