ކ. މާލެ
|
24 ޖެނުއަރީ 2017 | އަންގާރަ 02:31
މީހަކު ވިސްނުމެއްގެ ތެރެއަށް ގެއްލިފައި
މީހަކު ވިސްނުމެއްގެ ތެރެއަށް ގެއްލިފައި
ގޫގުލް
ދިވެހިން
ގަބޫލުކުރަން ދަތި އެކަމު ހަގީގަތް
ޑިމޮކުރެސީއާއެކު އަމިއްލަ ބުއްދީގެ ބޭނުމެއް ނުކުރޭ
ގިނަބައެއްގެ ވިސްނުމުގެ ބާރު އެމީހުންގެ ކިބައިން ވަކިވެގެން ހިނގައްޖެ

ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީތައް އުފެދި ދައުލަތް ހިންގުމުގެ ބާރުތައް ޤާނޫނު އަސާސީގައި ވަކިން ބަޔާންކުރެވި، މިނިވަން މުއައްސަސާތައް އުފެދުމާ އެކު އައި ބަދަލުތަކުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ވަކި ކުލަތަކެއް އެއީ ސިޔާސީ ކުލަތަކެއް ކަމުގައި ކަނޑައަޅައިފިއެވެ.

 

އާ ޤާނޫނު އަސާސީއާ އެކު އައި ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ ވިސްނުމާއި ފިކުރަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެންމެ ބޮޑު ބަދަލެއްކަމަށް ފާހަގަ ކުރެވޭ އެއްކަމަކީ، ގިނަ ބައެއްގެ ވިސްނުމުގެ ބާރު އެމީހުންގެ ކިބައިން ވަކިވެގެން ދިއުމެވެ.

 

ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އިންސާނުންނަށް ދެއްވާފައިވާ އެންމެ އަގުބޮޑު ނިޢުމަތްކަމުގައިވާ ބުއްދީގެ ބާރުވެސް ވަރަށް ގިނަ ބަޔަކުވަނީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގައި، އެމީހުންގެ ކިބައިން ވަކިކޮށް އެހެންބަޔަކާ ހަވާލުކޮށްފައެވެ.

 

މިއީ އިތުރަށް ތަފްސީލު ގެނެސް ނުދިން ކަމުގައި ވިޔަސް އަޅުގަނޑުމެންގެ މުޖްތަމަޢް އިން ފެންނަން އޮތް ހަގީގަތެކެވެ. ކިތަންމެ ތަޢުލީމީ މީހަކު ރަނގަޅު ވާހަކައެއް ދެއްކިޔަސް ވަކިބަޔަކު އެއާ ދެކޮޅު ހަދައިފި ނަމަ ޤަބޫލު ނުކުރާ މީހުން ވަރަށް ގިނައެވެ. ހަމަ އެގޮތަށް ވަކިބަޔަކު ބުނެފި ނަމަ ކިތަންމެ ބޮޑު ދޮގެއް ވެސް ޤަބޫލުކޮށްގެން އުޅޭ މީހުން އަޅުގަނޑުމެންގެ ތެރެއިން މަދެއް ނޫނެވެ.

 

އެންމެ ހެއްވާ ކަމަކީ، ވަކި ބަޔަކު ނުވަތަ ވަކި މީހަކު ބުނީތީ ވަކިގޮތަކަށް ކަމެއް ޤަބޫލުކުރުމަށް ފަހު، ދުވަސްކޮޅެއް ފަހުން، ހަމަ އެބަޔަކު ނުވަތަ އެމީހަކު އެހެން ގޮތަކަށް އެވާހަކަ ބުނެފި ނަމަވެސް އަނެއްކާ ވެސް އެކަން ހިތުގެ އަޑިން ޤަބޫލުކުރާ އެތައް ބަޔަކު އުޅެއެވެ. ކިތަންމެ ހާމަކޮށް ހަގީގަތް ފެންނަން އޮތަސް ނުވަތަ، ނުވަތަ ތިމާ ކިތަންމެ ކުޑަކޮށް ވިސްނާ ފިކުރުކޮށްފި ނަމަ ވަރަށް ފަސޭހައިން ޙަޤީޤަތް ހާމަ ވާނެ ފަދަ ކަންކަމުގައި ވެސް ބުއްދި ބޭނުންކުރުމަށް އިޚްތިޔާރުކުރަނީ ވަރަށް މަދު ބައެކެވެ. މިފަދަ ހާލަތެއްގައި ތިބުމުން ގިނަ ބަޔަކު އެމީހުންގެ ވިސްނުމުގެ ބާރު އަމިއްލަ ނަފްސާއި ވަކިކޮށްފިއޭ ނުބުނެވޭނެ ހެއްޔެވެ؟

 

މިއީ ހަމައެކަނި ސިޔާސީ ފިކުރުގެ ތެރޭގައި އޮތް ކަމެއްނޫނެވެ. ދީނީ ކަންކަމުގައިވެސް، ވިސްނުމުގެ ބާރު ވަކިކުރުމުގެ މައްސަލަ އެބައޮތެވެ. ދީނީ ކަންކަން ބަލައިގަތުމާއި ނުގަތުމުގައި ވިސްނުމުގެ ބާރު އެހެންބަޔަކާ ޙަވާލުކުރުމަކީ ދިވެހި މުޖްތަމަޢުއިން ފެންނަމުންދާ ހިތާމަވެރި މަންޒަރެކެވެ. ބައެއް ޢިލްމުވެރިން މުޤައްދަސްކުރުމާއި، އެނޫން ޢިލްމުވެރިނަށް ހަޑިހުތުރު ބަސްތައް ބުނުން ފަދަ ކަންކަމީ ބައެއް "ކޫލް ޒުވާނުން"ގެ ތެރޭގައި އަށަގެންފައިވާ އާދައެކެވެ.

 

ވަކިކަމެއްގައި ތިމާ ޤަބޫލުކުރާ ގޮތް ނޫން ގޮތަކަށް ފަތުވާއެއް ދެއްވާފައިވާ ޢިލްމުވެރިއަކުނަމަ، އެބޭފުޅެއްގެ އަގުވައްޓާލުމަށް ހަގީގަތާއި ޚިލާފް ވާހަކަ އެއްވެސް ޖެހިލުމެއް ނެތި ފަތުރަމުން ގެންދާ ބަޔަކު ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބައުޅެއެވެ.

 

ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުންނަކީ ދުނިޔެ ދޫކޮށްފައިވާ ބޭފުޅުންނަށް ވިޔަސް ވަރިހަމަ އެވެ. އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ދީނީ ޢިލްމުވެރިންނަކީ ﷲގެ ޙަޟްރަތުގައި ކިހާ މަތިވެރި ބައެއް ކަން އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކަށް ނޭނގެނީ ކަމަށް ވެދާނެއެވެ.

 

ކޮންމެ މީހަކު ވެސް މުކައްލަފަކަށްވެ، ޒިންމާތަކެއް އުފުލަންޖެހުން ބިނާވެފައި އޮންނަނީ ބުއްދީގެ މައްޗަށެވެ. ގައިބާރު ކިތަންމެ ވަރުގަދަޔަސް، އަދި ބުރުސޫރަ ކިތަންމެ ރީތި ނަމަވެސް ބުއްދިނެތް ނަމަ އެމީހަކީ ތަކްލީފުތައް އުފުލަންޖެހޭ މީހަކަށް ނުވާނެއެވެ.

ވިސްނުމުގެ ބާރަކީ އެކަން އެހެންބަޔަކާ ހަވާލުކޮށް، އެއްވެސް މީހަކަށް ފަރުޖެއްސެން އޮތް ކަމެއް ނޫންނެވެ. ޤިޔާމަތްދުވަހު ސުވަރުގެ އާއި ނަރަކައަށް މީހުން ވެއްދޭއިރު، ބުއްދިފަސްކޮށް، ބާޠިލަށް ގޮވާލާ މީހުންގެ ބަސް ޤަބޫލުކުރި މީހުންނަށް ކާމިޔާބެއް ނުލިބޭނެއެވެ. އެދުވަހުން ތިމަންނާމެންގެ ވިސްނުމުގެ ބާރު ވަކިކޮށްލީމޭ ބުނެ އުޒުރު ދެއްކޭކަށް ނޯންނާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް