ރަޝިޔާގައި ބާއްވާ "އޯޓީޑީވައިކޭއެޗް. ލެއިޝަރ 2018" ގައި ރަޖިސްޓްރީވުމުގެ ފުރުޞަތު, މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް ޓުއާރ އޮޕަރޭޓަރސް (މަޓާޓޯ) އިން ހުޅުވާލައިފިއެވެ.
މިއީ އިންޓަރނޭޝަނަލް ޓްރެވެލް ޓްރޭޑް ޝޯވް އަކަށްވާ އިރު، މިފެއަރ ކުރިއަށް ދާނީ އަންނަ ސެޕްޓެމްބަރ މަހުގެ 11 އިން 13 އަށް ރަޝިޔާގެ، މޮސްކޯގައެވެ. ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ޖުލައި 30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޓާޓޯގެ ކޯ-އެގްޒިބިޝަން ރެޖިސްޓްްރޭޝަން ފޯމް ފުރަން ޖެހޭނެ ކަމަށް މަޓާޓޯ އިން ބުންޏެވެ.
މިފެއަރ ގައި ބައިވެރިވާ ރިސޯޓް، ހޮޓާ އަދި އެއަރލައިންތަކުން ދައްކަން ޖެހޭނީ 2،500 ޑޮލަރު ކަމަށާއި ގެސްޓްހައުސްތަކާއި ޓްރެވެލް އެޖެންޓުން ދައްކަން ޖެހޭނީ 2،000 ޑޮލަރު ކަމަށް މަޓާޓޯ އިން ބުންޏެވެ. ފެއަރގައި ބައިވެރިވާ ފަރާތްތަކަށް ދެ މީޓަރު، ދެ މީޓަރުގެ ޖާގައެއް ލިބޭއިރު އެގްޒިބިޓަރ ބެޖްވެސް ލިބޭނެއެވެ.
"އޯޓީޑީވައިކޭއެޗް. ލެއިޝަރ" އަކީ 1995 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ފެއަރއަކަށްވާ އިރު މިއީ ރަޝިޔާގައި ބާއްވާ އެންމެ ބޮޑު ޓުއަރިޒަމް ފެއަރއެވެ. މިފެއަރ މަޝްހޫރުވެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ ފުރުޞަތު ލިބޭ ފެއަރ އެއްގެ ގޮތުގައި ކަމަށާއި އަދި ފެއަރގެ ތެރެއިން މިދާއިރާގައި ހަރަކާތްތެރިވާ ފުންނާބު އުސް ފަރާތްތަކާއި ބައްދަލުވެ ގުޅުން ބަދަހިވެއެވެ. މިފެއަރގެ ތެރެއިން ތަފާތު ގިނަ ދާއިރާ އާއި ގުޅުންހުރި ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ އިރު، އެޑިއުކޭޝަނަލް ސެޝަންސް، ކަންޓްރީ ޕްރެޒެންޓޭޝަން، ސެމިނަރސް އަދި ނެޓްވޯރކިން އިވެންޓްތައް ހިމެނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއްގައުމަކީ ވެސް ރަޝިޔާއެވެ. އެގޮތުން 2016 ވަނަ އަހަރާއި 2017 ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ފާއިތުވި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 33.1 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު 61،931 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ އިރު 2016 ވަނަ އަހަރު ވަނީ 46،522 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހަށް ބަލާއިރު 38،397 ފަތުރުވެރިން ވަނީ ރަޝިޔާ އިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެހެންކަމުން މިއަހަރު ނިމޭއިރު މިއަދަދު އެހެން އަހަރުތަކަށްވުރެ އިތުރުވެގެންދާނެ ކަމަަށް ބެލެވެއެެވެ.