ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު ބޮލީވުޑަށް ތަޢާރަފް ވެގެންދާ ފިލްމް "ދަޅަކް" ހުކުރު ދުވަހު ރިލީޒް ކޮށްފައިވާއިރު އެ ފިލްމް ވަނީ ބޮކްސް އޮފީހުގައި ރެކޯޑެއް ގާއިމް ކޮށްފައެވެ
ޝަޝާންކް ކައިތަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް ވަނީ ފިލްމް އެޅުވި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 8.50 ކުރޯޑް ރުޕީޒް ލިބިފައެވެ. އެހެން ކަމުން މި ފިލްމް ވެފައި މިވަނީ ބޮލީވުޑަށް އަލަށް ތަޢާރަފްވާ ތަރިން ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދިޔަ ފިލްމަށެވެ.
މީގެ ކުރިން މި ލިސްޓްގެ އެއްވަނައިގައި އޮތީ އާލިއާ ބަޓް، ވަރުން ދަވަން އަދި ސިދާތު މަލޯތްރާ ބޮލީވުޑަށް ތަޢާރަފްވި ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" އެވެ. 2012 ގައި ރިލީޒް ކުރި މި ފިލްމަށް، ރިލީޒް ކުރި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 7.52 ކްރޯޑް ރުޕީޒްއެވެ. އަދި މި ލިސްޓްގެ ތިން ވަނައިގައި އޮތީ ސޫރަޖް ޕަންޗޯލީ އާއި އާތިޔާ ޝެޓީ ބޮލީވުޑަށް ތައާރަފްވި ފިލްމް "ހީރޯ" އެވެ. މި ފިލްމަށް ރިލީޒްކުރި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 6.69 ކްރޯޑް ރުޕީސް އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާގެ "އިޝްގްޒާދޭ" އަށެވެ. މި ފިލްމަށް ވަނީ 4.48 ކްރޯޑް ރުޕީސް ލިބިފައެވެ. އަދި "ދަޅަކް" ވެފައި މި ވަނީ މިއަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ފުރަތަމަ ދުވަހު އަށް ވަނަ އަށް އެންމެ ބޮޑު އާމްދަނީ ލިބިގެންދިޔަ ފިލްމަށެވެ.
"ދަޅަކް" އަކީ ކާމިޔާބު މަރާތީ ފިލްމް "ސައިރާތް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
ބޮލީވުޑަށް އަލަށް ތަޢާރުފުވާ ޖާންވީ ކަޕޫރަކީ ބޮލީވުޑްގެ ކާމިޔާބު ބަޠަލާ ސްރީ ދޭވީގެ ދަރިފުޅެވެ. އަދި ދަޅަކްގެ ފިރިހެން ލީޑްގެ ގޮތުގައި ބޮލީވުޑަށް ތަޢާރުފުވާ އިޝާން ޚައްތަރަކީ ބޮލީވުޑްގެ އެކްޓަރ ރާޖޭޝް ޚައްތާރާއި ޓީވީ އެކްޓްރެސް ނީލިމާ އަޒީމްގެ ދަރިފުޅެވެ. އަދި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޝާހިދު ކަޕޫރަކީ އިޝާންގެ އެއްބަނޑު ބޭބެއެވެ.