މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ނެދަލޭންޑްސްގެ ފޯވާޑް މެންފިސް ޑިޕޭ އެންމެ ފަހުން އޮލިމްޕިކް ލިއޯން އަށް ސޮއިކޮށްފި އެވެ.
ލިޔޯން އަށް ޑިޕޭ ސޮއިކުރިކަން އޭނާ ވެސް ވަނީ ކަށަވަރުކޮށްދީ ޓްވީޓްކޮށްފައެވެ. މީގެ އިތުރުން ޑިޕޭ ވަނީ އޭނާ އަށް ކޮށްދިން ހުރިހާ ކަމަކަށް ޝުކުރު އަދާކޮށް، ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފައިވަނީ 21.7 މިލިއަން ޕައުންޑުގެ އަގަކަށެވެ. ލިޔޯންގެ ނުވަ ނަމްބަރު ޖޯޒީގައި ޑިޕޭ ފެނިގެންދާ ފުރަތަމަ މެޗަށް ވެގެންދާނީ އަންނަ އާދީއްތަ ދުވަހު މާސޭއާ ދެކޮޅަށް އެޓީމު ކުޅޭ މެޗެވެ.
ގިނަ ކްލަބްތަކުން ހުށަހެޅުންތައް ލިބެމުން އައި ޑިޕޭ ހޯދުމަށް އެވަޓަންގެ އިތުރުން އިޓަލީގެ ގިނަ ކްލަބްތަކުން ވެސް ވަނީ މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި އޭސީ މިލާން، ނަޕޯލީ، އޭއެސް ރޯމާ އަދި ޔުވަންޓަސްވެސް ހިމެނެއެވެ. މީގެ އިތުރުން އޭނާ ހޯދުމަށް ސްޕެއިން އަދި ޖަރުމަންގެ ކްލަބްތަކުން ވެސް ވަނީ މަސައްކަތް ކޮށްފައެވެ.
ޕީއެސްވީން 2011 ވަނަ އަހަރު ކެރިޔަރު ފެށި 22 އަހަރުގެ ޒުވާން ވިންގާ ވަނީ އެޓީމަށް 124 މެޗު ކުޅެދީ 50 ލަނޑު ކާމިޔާބުކޮށްފަ އެވެ. އެގޮތުން އޭނާ ޕީއެސްވީއާ އެކު ހޯދި ކާމިޔާބީތަކަށް ބަލާއިރު، ނެދަލޭންޑްސް ލީގް އެއް ފަހަރު އަދި ނެދަލޭންޑްސް ކަޕް އެއް ފަހަރު ވަނީ ކާމިޔާބުކޮށްފަ އެވެ.
އުމުރުން 15 އަހަރުން ފެށިގެން ބަރާބަރަށް ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ޑިޕޭ ވަނީ ނެދަލޭންޑްސް ސީނިއާ ޓީމަށް 25 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ޔުއެފާ ޗެންޕިއަންޝިޕް ނެދަލޭންޑްސްއާ އެކު ކާމިޔާބުކޮށްފަ އެވެ.