ކ. މާލެ
|
18 ޖުލައި 2018 | ބުދަ 17:55
އެލިސަން ބެކަރ
އެލިސަން ބެކަރ
ގެޓީ އިމޭޖަސް
ޓްރާންސްފާ މާކެޓް
ދުނިޔޭގެ ރެކޯޑް ފީއަކަށް ލިވަޕޫލްއަށް ބަދަލުވުމަށް އެލިސަން އެއްބަސްވެއްޖެ
އޭނާ ލިވަޕޫލްއަށް ބަދަލުވާނީ 66 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން

އިޓަލީގެ އޭއެސް ރޯމާ ދޫކޮށް އިނގިރޭސިވިލާތުގެ ލިވަޕޫލްއަށް ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއްގެ ދަށުން ބަދަލުވުމަށް ބްރެޒިލްގެ ބައިނަލްއަގްވާމީ ކީޕަރު އެލިސަން ބެކަރ ތައްޔާރުވެއްޖެއެވެ.

ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ލިވަޕޫލްއިން ވަނީ އޭނާ ގެނައުމުގެ ގޮތުން ރޯމާއާއި މަތީ ފަންތީގެ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ރޯމާއިން ވަނީ އެލިސަންއަށް ލިވަޕޫލްއިން ކޮންޓްރެކްޓެއް ހުށަހެޅުމުގެ ހުއްދަ ދީފައެވެ.

ބެލެވޭ ގޮތުގައި އޭނާ ލިވަޕޫލްއަށް ބަދަލުވާނީ 66 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމާއެކު އެލިސަން ވެގެންދާނީ ދުނިޔޭގެ ތާރީހުގައި ވެސް ކްލަބް ބަދަލުކުރާ އެންމެ އަގުބޮޑު ގޯލްކީޕަރަށެވެ.

ލިވަޕޫލްއަށް މިދިޔަ ސީޒަންތަކުގައި ބޮޑު މުބާރާތްތަކުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބަކީ ގޯލްކީޕަރުން ފަރާތުން ފެނުނު ގޯސްތަކެވެ. އެގޮތުން މިނިމުނު ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލްގެ ކީޕަރު ލޯރިސް ކާރިއަސްގެ ސަބަބުން އެޓީމުގެ ކޮޅަށް ރެއާލްއިން ދެ ލަނޑު ޖެހިއެވެ. މިކަމުގެ ސަބަބުން އޭނާއަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެ، ލިވަޕޫލް އައު ކީޕަރެއް ހޯދުމުގެ މަސައްކަތް ފެށިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެލިސަން ވެސް ހުރީ ލިވަޕޫލްއަށް ބަދަލުވާން ތައްޔާރަށެވެ. އޭނާގެ ސޮއި ހޯދުމަށް ލިވަޕޫލްއިން މަސައްކަތް ކުރަމުންދާއިރު ޗެލްސީއިން ވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޗެލްސީއިން އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދަނީ އެޓީމުގެ ކީޕަރު ތީބައު ކޯޓުވާ ހޯދުމަށް ރެއާލް މެޑްރިޑްއިން މަސައްކަތް ކުރަމުންދާތީއެވެ.

ލިވަޕޫލްއަށް އެލިސަން ގެނައުމާއެކު އެޓީމު ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރު އަދި ޑިފެންޑަރު ކުޅޭ ޓީމަށެވެ. އެގޮތުން މީގެ ހަތް މަސް ދުވަސް ކުރިން އެޓީމުން ވަނީ ސައުތުހެމްޕްޓަންއަށް ކުޅުނު ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް އެޓީމަށް ގެނެސްފައެވެ.

އެލިސަން ވަނީ އޭނާ ރޯމާގައި ހޭދަކުރި ދެ ސީޒަނުގައި އެޓީމަށް 64 މެޗު ކުޅެދީ އެޓިމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް