އެންޓޯނިއޯ ކޮންޓޭއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ފަހު ޗެލްސީއިން އެޓީމުގެ ކޯޗުގެ މަގާމަށް ނަޕޯލީގެ ކުރީގެ ކޯޗު މައުރީޒިއޯ ސައްރީ އައްޔަނު ކޮށްފިއެވެ.
އުމުރުން 59 އަހަރުގެ އެންޓޯނިއޯ ކޮންޓޭ އެމަގާމުން ވަކިކޮށްފައި ވަނީ ޗެލްސީގެ މެނޭޖްމަންޓާއި އޭނާއާ ދެމެދު ޖެހުނު މައްސަލަތަކެއްގެ ސަބަބުންނެވެ.
ސައްރީ ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި ޔުވެންޓަސްގެ ފަހަތުން ނަޕޯލީއަށް އިޓާލިއަން ސެރީއޭގެ ދެވަނަ ހޯދައިދީފައެވެ. ނަޕޯލީގައި ތިން ސީޒަން ހޭދަކުރުމަށް ފަހު އޭނާ އެޓީމުގެ ކޯޗުގެ މަގާމު ދޫކޮށްލީ މިދިޔަ މޭ މަހުގެ ތެރޭގައެވެ.
ޗެލްސީގެ ކޯޗުގެ މަގާމާއި ހަވާލުވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސައްރީ ބުނީ މިއީ އޭނާގެ ކެރިއަރުގައި އަންނަ ވަރަށް މުހިންމު ވަގުތުކޮޅެއް ކަމަށެވެ. އުއްމީދަކީ ސަޕޯޓަރުން ބަލަން ބޭނުންވާ ފަދަ ފުޓްބޯޅައެއް ޓީމު ލައްވައި ކުޅުވުން ކަމަށާއި ޗެލްސީ ފަދަ ކްލަބަކަށް ބޭނުން ވާނީ ސީޒަން ނިމޭއިރު ގިނަ ތަށިތަކެއް ކާމިޔާބު ކުރުން ކަމަށެވެ.
ސައްރީގެ އެންމެ ބޮޑު މަސައްކަތަކަށް ވެގެންދާނީ ޔުއެފާ ޗެމްޕިއަންސް ލީގަށް އެ ޓީމު ކޮލިފައި ކޮށްދިނުމެވެ. ހަމައެހެންމެ އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި މަޑުކުރުވުމަކީ ވެސް ސައްރީގެ ޒިންމާއެކެވެ. އެގޮތުން އަލްވާރޯ މޮރާޓާ ހޯދުމަށް އިޓަލީގެ ޔުވެންޓަސް އަދި އޭސީ މިލާނުން މަސައްކަތް ކުރަމުންދާއިރު އެޑެން ހަޒާޑް އަދި ކީޕަރު ތީބައު ކޯޓުވާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑްއިން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އުމުރުން 59 އަހަރުގެ ސައްރީ ވަނީ އޭނާގެ ކެރިއަރުގައި ނުވަ ޓީމަކަށް އިރުޝާދު ދީފައެވެ. މިދިޔަ ސީޒަން ނަޕޯލީއިން ނިންމާލީ ތާވަލުގެ ދެވަނަ މަގާމުގައި އޮވެގެންވާއިރު އެ ޓީމުން ވަނީ މި ސީޒަނުގައި 91 ޕޮއިންޓް 38 މެޗުން އެއްކޮށްފައެވެ. މިއީ އެކްލަބްގެ ތާރީހުގައި ވެސް އެންމެ ގިނައިން އެއްކުރި ޕޮއިންޓްގެ އަދަދަށްވާއިރު ނަޕޯލީ ވެގެންދިޔައީ 90 ޕޮއިންޓަށްވުރެ ގިނައިން ހޯދުމަށްފަހު ސެރީއޭގެ ޗެމްޕިއަންކަން ނުލިބުނު ފުރަތަމަ ޓީމަށެވެ. ހަމައެހެންމެ މިއީ ސައްރީގެ ކެރިއަރުގައި އޭނާ އެއް ޓީމަކަށް އެންމެ ގިނަ އަދަދަކަށް ޕޮއިންޓް ހޯދައިދިން ފަހަރެވެ.