ކ. މާލެ
|
11 ޖުލައި 2018 | ބުދަ 08:16
މަހްރޭޒް ސިޓީގެ ކޮންޓްރެކްޓަގައި ސޮއިކުރަނީ
މަހްރޭޒް ސިޓީގެ ކޮންޓްރެކްޓަގައި ސޮއިކުރަނީ
ގެޓީ އިމޭޖަސް
ޓްރާންސްފާ މާކެޓް
އެންމެފަހުން މަހްރޭޒް ސިޓީއަށް ސޮއިކޮށްފި
އުމުރުން 27 އަހަރުގެ މަހްރޭޒް ވަނީ ސިޓީއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި
އޭނާ ސިޓީއަށް ސޮއިކޮށްފައިވަނީ 60 މިލިއަން ޕައުންޑްގެ ފީއަކަށް

މިދިޔަ ފިނި ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ސިޓީއަށް ގެނައުމަށް މަސައްކަތްކުރި ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ އަލްޖީރިއާގެ ބައިނަލްއަގްވާމީ މިޑްފީލްޑަރު ރިޔާދް މަހްރޭޒްގެ ސޮއި އެޓީމުން ހޯދައިފިއެވެ.

އުމުރުން 27 އަހަރުގެ މަހްރޭޒް ވަނީ ސިޓީއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭނާ ސިޓީއަށް ސޮއިކޮށްފައިވަނީ 60 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އޭނާ ސިޓީގައި ބޭނުންކުރާނީ 26 ނަމްބަރު ޖާޒީއެވެ. ސިޓީއިން ވަނީ މިދިޔަ ޖެނުއަރީ މަހު ވެސް އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ޖެނުއަރީގައި ސިޓީއިން އޭނާ ގެނެސްފައި ނުވަނީ ލެސްޓާއިން އޭނާ ވިއްކާލަން ބުނި އަގުބޮޑުވުމުގެ ސަބަބުންނެވެ.

ސިޓީއަށް ސޮއިކުރުމަށް ފަހު ވާހަކަ ދައްކަމުން މަހްރޭޒް ބުނީ ސިޓީއިން ކުޅޭ ފުޓްބޯޅައަކީ އޭނާއަށް ވަރަށް ކަމުދާ ސްޓައިލެއް ކަމަށާއި ސިޓީ ކުޅޭތަން ބެލުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށެވެ. ހަމައެހެންމެ ސިޓީގެ ކޯޗު ކުޅުވަން މަސައްކަތްކުރަނީ އަބަދުވެސް އެޓޭކިން ފުޓްބޯޅަ ކަމަށާއި މިދިޔަ ސީޒަނުގައި އެޓީމުން ތަފާތު ދައްކާފައިވާ ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެ އޭނާއަށް ވެސް ކުރިއެރުން ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް މަހްރޭޒް ބުނެފައިވެއެވެ.

މަހްރޭޒް ލެސްޓާ ދޫކޮށްލުމާއެކު އެޓީމުން ނެރުނު ބަޔާނެއްގައި ވަނީ އޭނާއަކީ އަބަދުވެސް އެކްލަބްގެ ތާރީހުން ފުރުސަތު ލިބޭނެ ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ އެ ކްލަބަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފައިވާ ކުޅުންތެރިޔެއް ކަމަށެވެ.

މަހްރޭޒް ވަނީ އޭނާ ލެސްޓާއަށް ކުޅުނު 179 މެޗުގައި އެޓީމަށް 48 ލަނޑު ޖަހައިދީފައެވެ. ލެސްޓާއިން 2016 ވަނަ އަހަރުގެ ޕްރިމިއާ ލީގު އުފުލާލިއިރު އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެއަހަރު ހޮވި ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާއަށް ލިބިފައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް