ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 15:39
ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ހަލީލު: އާ ބިލް ތަސްދީގުކުރުމުން މިހާރު އޮތް ބޯޑު އުވިގެންދާނެ
ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ހަލީލު: އާ ބިލް ތަސްދީގުކުރުމުން މިހާރު އޮތް ބޯޑު އުވިގެންދާނެ
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
ޕީއެސްއެމްގެ ބޯޑު މެންބަރުންގެ އަދަދު ހަތަކުން ފަހަކަށް ދަށްކޮށް މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ގޮތަށް ހަދަނީ!
މިބިލް ތަސްދިގު ކުރުމާއެކު މިވަގުތު ތިއްބެވި ހަތް މެމްބަރުން ވަކިވާނެ
ގާނޫނުގެ ދަށުން 10 ދުވަހުގެ ތެރޭގައި ހަތް މެންބަރުންގެ ބަދަލުގައި ފަސް މެންބަރުން އައްޔަންކުރަންޖެހޭ
މެމްބަރުން އައްޔަން ކުރުމުގެ ބާރު ޕްރައިވަޓައިޒޭޝަން ބޯޑަށް

ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) ބޯޑުގެ ހަތް މެމްބަރުން ވަކިކޮށް، އަލަށް އައްޔަން ކުރާ މެމްބަރުން ބޯޑަށް އައްޔަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ގޮތަށް ޕީއެސްއެމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.

ޕީއެސްއެމްގެ ބޯޑުގައި މިވަގުތު ތިއްބެވި ހަތް މެމްބަރުންގެ އަދަދު ފަހަކަށް ތިރިކޮށް، ބޯޑަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ޕްރައިވަޓައިޒޭޝަން ބޯޑަށް ލިބިދޭ ގޮތަށް ޕީއެސްއެމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ގެނައުމުގެ މިބިލްގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އެބިލު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 32 މެމްބަރުންގެ އިއްތިފާގުންނެވެ. 

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ޕީއެސްއެމްގެ ގާނޫނަށް ގެންނަ މި އިސްލާހު ތަސްދީގު ކުރުމާ އެކު، 10 ދުވަހުގެ ތެރޭގައި ބޯޑަށް މެމްބަރުން އައްޔަން ކުރަންޖެހޭނެ ކަމަށެވެ.

އެ އިސްލާހު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމާ އެކު، ޕީއެސްއެމްގެ ބޯޑުގައި ތިއްބެވި ހަތް މެމްބަރުންގެ މަގާމު ހުސްވާނެއެވެ. ޕީއެސްއެމް ބޯޑުގައި މިހާރު ހިމެނޭ ހަތް މެމްބަރުންނަކީ އެ ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއް ލަތީފާއި، ހއ. އިހަވަންދޫ ނޫފަރު މަހްމޫދު އަލީ އާއި، މ. ޕެޓީވިލާ އައިމިނަތު ޝާޔަން ޝާހިދާއި، ތ. ވިލުފުށި ހުސްނުހީނާގެ އިބްރާހިމް ހިލްމީގެ އިތުރުން މއ. ޕެންޒީ މުހައްމަދު ޝާގިލްއެވެ.

އެ ހަތް މެމްބަރުން ޕީއެސްއެމްގެ ބޯޑަށް އައްޔަން ކުރީ މަޖިލީހަށް ހުށަހަޅައި، އިންޓަވިއުކޮށް، ރުހުން ދިނުމަށް ފަހު ގައެވެ. ނަމަވެސް ޕީއެސްއެމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން އަލަަށް އެ ބޯޑަށް އައްޔަން ކުރާ މެމްބަރުންނަށް މަޖިލީހުން ރުހުން ހޯދާކަށް ނުޖެހެއެވެ. އެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ މަތިން، ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން އައްޔަން ކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަންގެ ބޯޑުން ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

މުހައްމަދު އިސްމާއިލް ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން، ޕީއެސްއެމްގެ ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ ތެރެއިން މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަނޑައަޅާނީ ޕްރައިވަޓައިޒޭޝަން ބޯޑުންނެވެ. ނަމަވެސް ޕީއެސްއެމްގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އެ އިސްލާހުގައިވާ ގޮތުން ޕީއެސްއެމްގެ ބޯޑުގެ މެމްބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ. އަދި މެންބަރަކަށް ހުރެވޭނީ ގިނަވެގެން ޖެހިޖެހިގެން އަށް އަހަރު ކަމަށް އިސްލާހުގައި ވެއެވެ. ނަމަވެސް އެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ޕީއެސްއެމްގެ ބޯޑުގެ މެމްބަރުންގެ ދައުރުގެ މުއްދަތަކީ ހަތް އަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް