ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 11:22
ޕީއެސްއެމްގެ ގާނޫނުން އުފައްދާވައިވާ އެކުންފުނީގެ ބޯޑުގެ ބައެއް މެމްބަރުން
ޕީއެސްއެމްގެ ގާނޫނުން އުފައްދާވައިވާ އެކުންފުނީގެ ބޯޑުގެ ބައެއް މެމްބަރުން
ރައީސް އޮފީސް
ޕަބްލިކް ސާރވިސް މީޑިއާ ގާނޫނު
ޕީއެސްއެމްގެ ގާނޫނަށް އިސްލާހު ހުށަހަޅައި، ފާސްކުރަން އަވަސް އަރުވާލައިފި
ޕީއެސްއެމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް މިއަދު ހުށަހަޅާނެ
މިއަދު އެ ބިލަށް ބަހުސް ކުރާނެ
އެބިލް ދިރާސާ ކުރުމަށް މިއަދު ކޮމެޓީއަށް ފޮނުވާނެ

ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)ގެ ގާނޫނަށް އިސްލާހު ހުށަހަޅައި، އެ އިސްލާހު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން އަވަސް އަރުވާލައިފި އެވެ.

އަންގާރަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން ޕީއެސްއެމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އެހުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

އެބިލް މަޖިލީހަށް ތައާރަފް ކުރުމަށްފަހު، އިބްތިދާއީ ބަހުސް ކުރުމަށް ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ. 

އެހެންކަމުން އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ޕީއެސްއެމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ އެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، އިބްތިދާއީ ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލާނެ އެވެ. އަދި އޭގެ ފަހުން އެ ބިލް މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވާނެ ކަމަށް ވެސް ބެލެވެއެވެ.

އެބިލް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ. 

ޕީއެސްއެމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިތުރުން، ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ވެސް ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވެއެވެ. 

މިހާރަކަށް އައިސް މަޖިލީހަށް ހުށަހެޅީ މިފަދަ ބިލްތަކަށް މެންބަރުން ބަހުސް ކުރުމެއް ނެތި، ސަރުކާރުން ހުށަހަޅާ ގޮތަށް ދަނީ ފާސްކުރަމުންނެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ދަނީ މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްމުން ނެވެ. ސަބަބެއް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދުގެ އިތުބަރު ނެތުމުން ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީ އިދިކޮޅު ފަރާތްތަކުގެ އަތްމަތީގަ އެވެ. ސަރުކާރަށް މެޖޯރިޓީ ގެއްލުމުން ސިފައިން ލައްވައި މަޖިލިސް ހިސޯރުކޮށް، އަދި މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި އިލެކްޝަންސް ކޮމިޝަނުން ވަނީ ގެއްލުވާލައިފަ އެވެ.  މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އިދިކޮޅު މެމްބަރުންނާއި ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ވިދާޅުވި އެވެ. 

12 މެމްބަރުންގެ މައްސަލަ އަށް ގޮތެއް ސުޕްރީމް ކޯޓުން ނިންމުން ވަނީ ދިގުލައިގެން ގޮސްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް