ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 07:37
ޝިދާތާ ޝަރީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ޝިދާތާ ޝަރީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
އަހުމަދު މުހުސިނު
ފަލަ ސުރުހީ
އިމްރާން ހުންނެވީ ރައްޔިތުންނާއެކު، ހެޔޮ އެދެނީ ކާކުކަން ނިންމާނީ ޝަހީމެއް ނޫން:ޝިދާތާ
ޝަހީމަށް ވަރަށް ފާޑުވިދާޅުވި
އިމްރާން ޖަލަށްލި ވެރިޔާގެ ފަހަތަށް ޝަހީމް އެރުއްވީ އިމްރާން ދެކެ ލޯބިވާތީތޯ؟
އަނިޔާގެ ފަހަތުގައި ހުންނެވި ބޭފުޅަކަށް ބައިއަތު ހިއްޕަވައިގެން ހުންނެވީ ހެޔޮ އެދިވަޑައިގަންނަވާތީތޯ؟

ޖަލަށް ހުކުމްކޮށްފައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ހުންނެވީ ރައްޔިތުންނާއެކުގައި ކަމަށް  އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.މި އުޑު ދަށުގައި ޝެއިހް އިމްރާނަށް އެންމެ ހެޔޮއެދޭ ބޭފުޅަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ރައީސް ޔާމީންގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ކަމަށް އެބޭފުޅާ ހޯމަ ދުވަހު ވިދާޅުވުމުން އެއަށް ރައްދުދެއްވާ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ޝައިޚް އިމްރާން ހުންނެވީ  ރައްޔިތުންނާއި އެކުގައި ކަމަށާއި އެބޭފުޅާގެ ނަފްސް ޖަލުގައި ވީކަމުގައި ވިޔަސް ހިތާއި ވިސްނުން ހުރީ ރައްޔިތުންނާއި އެކުގައި ކަމަށެވެ. ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވުމުގެ ކުރިން ގޭބަންދަށް ބަދަލު ކުރައްވާފައި ހުންނެވި އިމްރާން ހުންނެވީ ގޮތަކީ މިއީ ކަމަށާއި އެގޮތަށް އޭނާ ވިދާޅުވެފައިވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ. .އެ ދެ ބޭފުޅުންގެ ރަހްމަތްތެރިކަމަށް ގާތްގަނޑަކަށް 30 އަހަރު ވުމަށް ގާތްވެފައިވާއިރު، އިމްރާނަށް އެންމެ ހެޔޮއެދޭ ބޭފުޅާކަމަށް ވާނީ ޝަހީމް ކަމަށް އަމިއްލަފުޅަށް ވިދާޅުވިޔަސް، އެކަން ނިންމަވާނީ ޑރ. ޝަހީމް ނޫން ކަމަށާއި އިމްރާން ކަމަށް ޝިދާތާ ވިދާޅުވި އެވެ.

ފާއިތުވި ދުވަސް ތަކުގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު އިމްރާން ހުރަގޭގައި އެތައް ދުވަހެއް ހޭދަކުރުމަށް މަޖުބޫރު ކުރުވި ވެރިޔާގެ ފަހަތްޕުޅުގައި ޑރ. ޝަހީމް ހުންނަވަނީ އެއީ ޝައިޚް އިމްރާން ދެކެ ލޯބިފުޅުވާތީތޯ ވަނީ ޝިދާތާ ސުވާލު އުފައްދަވާފަ އެވެ. ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި މިހެން ވިދާޅުވި ނަމަވެސް، އެއްވެސް ބޭފުޅެއްގެ ނަމެއް ޝިދާތާ ފާހަގަ ނުކުރައްވަ އެވެ. 

ޝަހީމް އާއި ރައީސް ޔާމީން 

އިމްރާން ސަރުކާރު ފަޅިއަށް އެރުއްވުމަށް ޑރ. ޝަހީމް ގޮވާލައްވާފައިވާއިރު، ޝިދާތާ ވަނީ ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން އިމްރާން ޖަލުގައި ހުންނެވީ ކުށެއް ކުރައްވައިގެން އިންސާފުންތޯ އަދި ހައްގު ހުކުމެއްގައިތޯ ސުވާލު އުފެއްދެވި އެވެ. ލޯބިފުޅުވާ ބޭފުޅަކަށް އެފަދަ ބޮޑެތި އަނިޔާ ލިބިގެން ދާއިރު އެ އަނިޔާގެ ފަހަތުގައި ހުންނެވި ބޭފުޅަކަށް ބައިއަތު ހިއްޕަވައިގެން ހުންނެވީ ހެޔޮއެދިވަޑައިގަންނަވާތީތޯ ވެސް ޝީދާތާ ވަނީ ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން ޝިދާތާ ވިދާޅުވީ ފެނިގެން ދިޔައީ ރައީސް ޔާމީނާއެކު ދިޔަ ކޮންމެ ބޭފުޅެއްގެ ދުވަސްތައް ވަރަށް ހިތި ގޮތަކަށް ނިމެގެން ދިޔަ ތަން ކަމަށާއި އަދި ވަކިން ޚާއްސަކޮށް ނައިބު ރައީސްގެ މަގާމަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ނިމުން މިހާތަނަށް އޮތީ އެންމެ ހިތިކޮށް ކަމަށް ފާހަގަ ކުރެއްވެވި އެވެ. 

ޑރ ޝަހީމް އަކީ ގާތް އަޚެއް ކަމަށާއި ކުރީގެ ނައިބު ރައީސުން ގޮތަށް ޑރ. ޝަހީމްގެ ނިމުންވެސް ހިނގައިދާނެތީ ހިތާމަ ކުރައްވާކަމަށް ޝިދާތާ ވިދާޅުވިއެވެ. އެހެން ނަމަވެސް އަފަދަ އަނިޔާއެއްގެ ޝިކާރައަށް ޑރ. ޝަހީމް ވާދުވަހަކުން ވެސް އެމަނިކުފާނުގެ ހައްގުގައިވެސް އަޑުއުފުލާ މީހެއްގެ ގޮތުގައި އެންމެ ކުރީގައި ހުންނަވާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

މިސަރުކާރު ތެރޭގައި މިހިނގާ ކަންކަމަކީ އަދި ކުރިއަށް ނެރެފައި އޮތް ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރި ކަމާއި ބޭއިންސާފު އެންމެންނަށް އިނގޭ ކަމަށާއި އެހެންކަމުން މިއަދު މި ސަރުކާރު "ދީނީ" ވާ ގޮތެއް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ. އަދި އެއްވެސް ދީނީ އިލްމުވެރިއެއް ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ބޭއިންސާފަށް ތަރުހީބުދީ ވާހަކަ ދައްކާ މިކަންކަމަކީ އެންމެ ހެޔޮކަމެއްގެ ގޮތުގައި ދެކޭތަން ފެނިގެން ނުދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

 

ޑރ. ޝަހީމް، ޝެއިޚް އިލްޔާސް، ޝެއިޚް އިމްރާން އަދި ޑރ. މައުރޫފް: ރާއްޖޭގެ އެންމެ މަޝްހޫރު އިލްމްވެރިޔާގެ ގޮތުގައި ހުންނެވި އިލްޔާސް ވެސް ޝަހީމުގެ ނިންމެވުމަށް ތާއިދު ނުކުރައްވާކަން ވަނީ ހާމަކުރައްވާފައި

މިސަރުކާރަށް ރައްޔިތަކު ދީނީވެގެން ނުވަތަ ދީނީ ކަންކަމަށް މަގުފަހިކޮށްފާނެ ކަމަށް ގަބޫލު ކޮށްގެންވެސް ވޯޓެއް ދޭންވީ ނުވަތަ އިތުރު ދައުރަކަށް  އެންމެ ދުވަހަކަށްވެސް ބާއްވަންވީ ސަބަބެއް ގިނަ ބަޔަކަށް ވިސްނޭކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ވައްކަމާއި ކޮރަޕްޝަންގެ އަމަލެއް ނުހިންގައި ކުޑަކުޑަ މުއާމަލާތެއްވެސް މިސަރުކާރުން ހިންގާފައި ނުވާ ކަމަށާއި ސަރުކާރުގެ ކޮންމެ މަޝްރޫއު އަކަށް ބެލިޔަސް ސުވާލު އުފެދޭ އެތައް ކަންތައްތަކެއް ނެތް އެއްވެސް މަޝްރޫއުއެއް މިހާތަނަށް ސަރުކާރުން ހިންގަފައި ނުވާކަން ވެސް ޝިދާތާ ފާހަގަ ކުރެއްވިއެވެ.

 ޝިދާތާ ވިދާޅުވީ ޔާމީނަށް ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރައްވާނެ ފުރުސަތެއް ފަސް އަހަރު ހަމަވެގެން ދާއިރު ލިބިފައި ނުވާކަމަށާއި ދައުރު ނިމގެން މިދަނީ  ކޮންމެވެސް ކަހަލަ ހަނގުރާމައެއް ނޫނީ ބަހުގެ ހަމަލާތަކެއް ދެއްވުމުގައި ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތް ކުރަން ފުރުސަތު ލިބުނު ކަމަކަށް ނުފެންނަ ކަމަށާއި ރާއްޖޭއަށް މިއަދު މިހެން މި ވާންޖެހުނީ މި ސަރުކާރުގެ ދޯހަޅި ކަމާއި ރައްޔިތުންގެ ތާއީދު ގެއްލިފައި ވާލެއް ބޮޑު ކަމުންކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު ޝަހީމް އިސްތިއުފާ ދެއްވީ އިމްރާން ޖަލަށްލުމުންނެވެ. ނަމަވެސް އެއަށް ފަހު އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަން ގަބޫލުކުރައްވައި، އެ މަގާމުގައި ހުންނެވުމަށް ފަހު ޗާންސެލަރަކަށް ބަދަލުވެވަޑައިގެންނެވި އެވެ. 

އަދާލަތު ޕާޓީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ޑރ. ޝަހީމް، އެ ޕާޓީން ވަކިވެވަޑައިގަތީ ސިޔާސީ ކަންކަމާ ދުރަށްވަޑައިގަނެ، އިޖުތިމާއީ އަދި ދީނީ ކަންކަމަށް ހިދުމަތް ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޝަހީމް ހަމަޖައްސަވާ ކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވަނިކޮށް، ސިޔާސީ ދާއިރާއިން އަލުން ފެނިގެން ގޮސްދާނެ ކަަމަށް ވިދާޅުވި އެވެ. 

ޝަހީމް މިހާރު ނިންމަވާފައިވަނީ ޕީޕީއެމްގެ މެމްބަރަކަށް ވުމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
10 ޖުލައި 2018 | އަންގާރަ 05:04
އެއްލަކިން
ޝުކުރިއްޔާ ރައީސް ޔާމީން.ޝުކުރިއްޔާ ޝަހީމް. އިމްރާން ވެސް ވަޑައިގަންނަވާނެ އަދި މިފަޅިއަށް. މުނާފިގުން ނާ އެކީ އުޅެން ވަރަށް އުނދަގޫ ވާނެ ޝެއިޙް އަށް.ކުރުދޮށިން މިފަހަރު އަޅާނީ.