ކ. މާލެ
|
9 ޖުލައި 2018 | ހޯމަ 12:56
މަޖިލީޙުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފާތުމަތު ނިއުޝާ
މަޖިލީޙުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފާތުމަތު ނިއުޝާ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ޑެޕިއުޓީ އަމީން އާންމު ނިއުޝާ އަމީންއާންމު ކަމުގެ މަގާމަށް އައްޔަން ކުރަައްވަނީ!
ނިއުޝާއަކީ މިވަގުތު މަޖިލީހުގެ ޑެޕިއުޓީ އާމީންއާންމު
މަޖިލީހުގެ ގަވައިދާއި ގާނޫނު އަސާސީއާ ހިލާފަށް ޖަލްސާތައް ކުރިއަށް ގެންދިއުމަށް މަސީހަށް އެއްބާރުލުން ދެއްވާކަން އިދިކޮޅު ފަރާތްތަކުން ބުނޭ
ކުއްލި ނުރައްކަލުގެ ހާލަތާއި ރިޔާސީ އިންތިހާބާ ގުޅޭގޮތުން ގާނޫނަށް ގެނައި އިސްލާހުތައް ފާހަގަ ކޮށްލެވޭ

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ކަމުގެ މަގާމަށް ޑެޕިއުޓީ އަމީންއާންމު ކަމުގެ މަގާމުގައި ހުންނެވި ފާތިމަތު ނިއުޝާ އަންޔަން ކުރަން މަޖިލީހުގެ ރައީސް އަމިއްލަ ފުޅަށް ހޮއްވެވި ކޮމެޓީން ނިންމައިފި އެވެ. 

ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި ފަށަށް ހަމަޖެއްސި ޖަލްސާ ކޯރަމް ހަމަނުވެގެން ފަސް ކުރުމަށް ފަހު، 11:00 ގައި ޖަލްސާ ފެށުމަށް ފަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފަ އެވެ.

ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ އަމީންއާންމުގެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި ފުރަތަމަ ފަހަރު ޝަރުތު ހަމަވާ ދެ ބޭފުޅަކު ކުރިމަތި ލެއްވި ކަމަށެވެ. އެހެންކަމުން ދެވަނަ ފަހަރަށް އެމަގާމަށް ކުރިމަތި ލެއްވުމަށް ފުރުސަތު ހުޅުވާލުމުން ކުރިމަތި ލެއްވީ ޝަރުތު ހަމަވާ އެންމެ ބޭފުޅެއް ކަމަށެވެ. 

މަސީހު ވިދާޅުވީ ނިއުޝާއާ އިންޓަވިއު ކުރުމަށާއި އެމައްސަލަ ދިރާސާ ކުރުމަށް އޭނާއަށް އެކަމުގައި އެހީތެރިވެދެއްވުމަށް ކުޑަ ކޮމެޓީއެއް އެކުލަވާ ލެއްވި ކަމަށެވެ. އެއީ ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިނާއި ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ކަމަށެވެ.

މަސީހު ވިދާޅުވީ އެކޮމެޓީން އޭނާއަށް ލަފާދެއްވާފައިވަނީ ނިއުޝާއަކީ އަމީންއާންމުގެ މަގާމަށް ވަރަށް އެކަށީގެންވާ ގާބިލު ބޭފުޅެއް ކަމަށެވެ. 

މަސީހު ވިދާޅުވީ އިތުރު ބަހުސަކާ ނުލައި އަމީންއާންމުގެ މަގާމަށް ނިއުޝާ އައްޔަން ކުރަން ފެނިވަޑައިގަންނަވާތޯ މަޖިލީހުގައި އަހަންޖެހޭ ވޯޓް ހޯމަ ދުވަހުގެ ވޯޓު ނަގާ ވަގުތު ކަމަށްވާ 13:30 ގައި ވޯޓަށް އެހުން އޮންނާނެ ކަމަށެވެ. 

އަމީން އާންމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކޮށްފައިވުމާއި ރައްޔިތުންގެ މަޖިލީހަށް ގާނޫނީ ލަފަޔާއި މަޝްވަރާ ދެވޭ ފެންވަރުގެ މީހަކު ކަމުގައިވުމާއި އުމުރުން 25 އަހަރު ވެފައިވާ މީހަކަށް ވާންޖެހެ އެވެ.

އަމީން އާންމުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 50000ރ. ލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހުއެވެ.

އަހުމަދު މުހައްމަދު އެމަގާމުން އިސްތިއުފާ ދެއްވާފައި ވަނީ 12 އަހަރާއި 6 މަސް ދުވަހު އެމަގާމުގައި ހުންނެވުމަށް ފަހު އެވެ.

އަހުމަދު މުހައްމަދު އަމީން އާންމު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައި ވަނިކޮށް، އެކެއް ފެބްރިއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއީ ބާތިލް ނިންމުމެއް ކަމަށް އެ ކޯޓުން އަމަރު ނެރެފައި ވަނިކޮށެވެ.

އޭގެފަހުން މަޖިލީހުގެ އަމީންއާންމުގެ މަގާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދެވީ ނިއުޝާ އެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތާބެހޭ ކަންކަންކަމާއި ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހުތައް، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފުކަމަށް މަޖިލީހުގެ ގިނަ މެމްބަރުން ވިދާޅުވަމުން ގެންދަވަނިކޮށް، އެޖަލްސާތައް ބާއްވާ ކުރިއަށް ގެންދިޔައިރު، މަޖިލީހުގެ އަމީންއާންމުގެ ދައުރު އަދާކުރެއްވީ ނިއުޝާ އެވެ. 

ހޯމަ ދުވަހުގެ ޖަލްސާއަށް އިތުރު ކަމަކަށް އެޖެންޑާ ކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން، މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިބްތިދާއީ ބަހުސް ކުރުމެވެ.

އެބިލް މަޖިލީހުގެ ޖަލްސާއަށް އިއްވުމަށް ފަހު، ބަހުސް ކުރައްވާނެ މެމްބަރެއް ނެތުމުން ވަނީ ބަހުސް މަރުހަލާ ނިންމާލައްވާފަ އެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން މީގެ އެއް އަހަރު ކުރިން ފެށިގެން ގެންދަވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވަމުންނެވެ. ސަބަބެއް ކަމަށް އެ މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވޯޓަށް އެހުމެއްނެތި ޖަލްސާތައް މަޖީލީހުގެ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދަވާތީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް