ރެއާލް މެޑްރިޑަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި އެހެން ނަމަވެސް އެޓީމުން އޭނާ ހޯދުމަށް އެއްވެސް ބިޑެއް މިހާތަނަށް ކޮށްފައިނުވާ ކަމަށް ލިވަޕޫލްއަށް ކުޅެމުން އަންނަ ސެނެގާލްގެ ވިންގަރ ސަދިއޯ މާނޭ ބުނެފިއެވެ.
ރެއާލް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވުމަށް ރޮނާލްޑޯ ނިންމާފައިވާއިރު އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ރެއާލްއިން ބުނެފައިވެއެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ ބަދަލުގައި ރެއާލްއިން ގެންނަން ބޭނުންވަނީ މާނޭ ނުވަތަ ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑްއެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ރެއާލް ކޮޅަށް ލަނޑު ޖެހި މާނޭ ވަނީ ރެއާލްއާއެކު އެއްވެސް މަޝްވަރާތަކެއް ކުރިޔަށް ނުގެންދާކަން ކަށަވަރުކޮށްދީފައެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން މާނޭ ބުނީ މީޑިއާގައި މިހާރު ދައުރުވަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ރެއާލްއިން އޭނާ ހޯދުމަށް އެއްވެސް ފެންވަރެއްގެ މަޝްވަރާތަކެއް މިހާތަނަށް ކުރިޔަށް ގެންގޮސްފައިނުވާ ކަމަށެވެ. އަދިވެސް އޭނާއަކީ ލިވަޕޫލްގެ ކުޅުންތެރިޔެއް ކަމަށާއި އަދި އެމެރިކާގައި ލިވަޕޫލްއިން ކުރިޔަށް ގެންދާ ޕްރީ ސީޒަން ފަރިތަކުރުންތަކުގައި ވަރަށް އަވަހަށް ބައިވެރިވާނެ ކަމަށް މާނޭ ބުނެފައިވެއެވެ. މީގެއިތުރުން އޭނާ ބުނީ ރެއާލްއަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެހެން ނަމަވެސް އަދިވެސް އޭނާގެ ހުރިހާ ވަގުތެއް ދެމުންގެންދާނީ ލިވަޕޫލްއަށް ކަމަށެވެ.
މިއަހަރުގެ ވާރލްޑް ކަޕްގައި ޖަޕާން އަދި ކޮލޮމްބިއާގެ އިތުރުން ޕޮލެންޑާއެކު ސެނެގާލް އެއް ގްރޫޕެއްގައި ހިމެނުނު ނަމަވެސް ފެއާޕްލޭ ޕޮއިންޓްގެ ތަފާތުން އެޓީމު ގްރޫޕް ފިޔަވަހިން ކެޓިއެވެ. ވާރލްޑް ކަޕްގައި ކުޅުނު ތިން މެޗުގައި މާނޭއަށް ޖެހުނީ އެންމެ ތިން ލަނޑެވެ. އެހެން ނަމަވެސް އޭނާގެ ފަރާތުން މި ތިން މެޗުގައި ފެނުނު މޮޅު ކުޅުމާއި ވިދިގެން ގިނަ ބައެއްގެ ތައުރީފް ލިބިފައިވެއެވެ. އޭނާ ހޯދުމަށް ރެއާލްއިން ވެސް މަސައްކަތްކުރާ މައިގަނޑު ސަބަބަކީ މިދިޔަ ސީޒަނާއި ވާރލްޑް ކަޕްގައި އޭނާގެ ފަރާތުން ފެނުނު މޮޅު ކުޅުމެވެ.
2016 ވަނަ އަހަރުގެ ޖޫން މަހު 34 މިލިއަން ޕައުންޑަށް ސައުތުހެމެޕްޓަން ދޫކޮށްލުމަށްފަހު މާނޭ ވަނީ މިހާތަނަށް ލިވަޕޫލްއަށް ކުޅުނު 73 މެޗުގައި 33 ލަނޑު ޖަހާފައެވެ.