ކ. މާލެ
|
8 ޖުލައި 2018 | އާދީއްތަ 15:24
މުސްތަފާ ލުތުފީ
މުސްތަފާ ލުތުފީ
ރާއްޖެއެމްވީ
މުސްތަފާ ލުތުފީ
ޓެބްލެޓް ދޭންވާނީ ވަންނަންނުވާ ސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމަށް ފަހު: މުސްތަފާ ލުތުފީ
ޓެބްލެޓްތައް ބޭނުންކޮށްގެން އަދިވެސް ކިޔަވައިދޭން ފަށާފައެއް ނުވޭ

ސްކޫލުތައް ޑިޖިޓައިޒް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮކެޖްޓްގެ ދަށުން ދަރިވަރުންނާ  ހަވާލުކުރާ ޓެބްލެޓްތައް ދޭއިރު ދޭންވާނީ ނުވަންނަންވާ ސައިޓުތަކަށް ނުވަދެވޭގޮތް ހެދުމަށް ފަހު ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.

ޑރ.މުސްތަފާ ލުތުފީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކުދިން ވަންނަން ނުވާ ސައިޓްތަކަށް ނުވަދެވޭ ގޮތް ހަދާފައި ނޫނީ ޓެބްލެޓްތައް އެޑިއުކޭޝަން މިނިސްޓްރީން ކުދިންނަށް ދިނުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ތައުލީމުގެ ތެރެއިން، ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކޮށް އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުންނަށް އޭގެ މަންފާ ކުރާނެ ގޮތަށް ތައުލީމީ ދާއިރާ ބަދަލު ކުރުމަށް ހިންގާ މި މަޝްރޫއުގެ ދަށުން ޓީޗަރުންނަށް ދޭންޖެހޭ ޓެބްލެޓްތައް މިހާރު ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. އެގޮތުން 8،000 އަށް ވުރެ ގިނަ ޓެބްލެޓް ޓީޗަރުންނާ ހަވާލުކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލުތައް ޑިޖިޓައިޒްކޮށް ދަރިވަރުންނާއި މުދައްރިސުންނަށް 70،000 ވުރެ ގިނަ ޓެބްލެޓް ހަވާލު ކުރުމަށް ނިންމާފައިވާ އިރު މި ތަކެތި ބޭނުން ކުރުމަށް ޓީޗަރުންނަށް ދޭންޖެހޭ ތަމްރީނުތައްދީ ނިމިފައިވާ ކަމަށެވެ. އަދި މިކަމަށް ޚާއްސަކޮށް ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގި ލެވަލް 1 އަދި 2 ގެ ތަމްރީނުތައް ރާއްޖޭގެ ހުރިހާ ޓީޗަރުން ވެސް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުން ކުރުމަށް ނިންމުމާ ގުޅިގެން ކުރި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި، ސްކޫލްތަކުގެ ނެޓްވާރކް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޓެބްލެޓްތައް ދެވަނަ ޓާމުގެ ކިޔެވުމާއެކު ބޭނުންކުރަން ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނި ކަމުގައިވިއަސް ޓެބްލެޓްތައް ބޭނުންކޮށްގެން އަދިވެސް ކިޔަވައިދޭން ފަށާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް