ކ. މާލެ
|
7 ޖުލައި 2018 | ހޮނިހިރު 17:00
ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗް ބޭރުގައި މީހުންތަކެއް މަޑުކޮށްލައިގެން...
ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗް ބޭރުގައި މީހުންތަކެއް މަޑުކޮށްލައިގެން...
މުހައްމަދު ޝަރުހާން
އެމްޑީޕީ މެނިފެސްޓޯ
އެމްޑީޕީގެ މެނިފެސްޓޯ: ރައްޔިތުންގެ ޝަކުވާ ނެތް ޚިދުމަތަކަށް އާސަންދައިގެ ޚިދުމަތް ބަދަލުކުރާނަން
ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނަ މީހަކަށް ވުމަށްޓަކައި ފުރިހަމަ ސިއްހީ ނިޒާމެއް ބޭނުންވޭ
އެމްޑީޕީގެ ވެރިކަމުގައި އެންމެނަށް ހަމަހަމަކަމާ އެކު އަތްފޯރާ ފަށުން ބޭސްފަރުވާ ޚިދުމަތް ލިބޭނެ
ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވާނެކަމުގެ ޔަގީންކަން ވެސް އެމްޑީޕީން ވަނީ ދީފައި

ރައްޔިތުންގެ ޝަކުވާ ނެތް ޚިދުމަތަކަށް އާސަންދައިގެ ޚިދުމަތް ބަދަލުކުރާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ބުނެފިއެވެ.

ކޯލިޝަން ސަރުކާރަށް އެމްޑީޕީން ހުށަހަޅަފައިވާ މެނިފެސްޓޯގައި މައިގަނޑު ފަސް ވައުދެއް ރައްޔިތުންނަށް ވަނީ ކޮށްފައެވެ. އެގޮތުން ފަޚުރުވެރި އާއިލާ ވައުދުގެ ދަށުން އަންނަ ވައުދުގެ ބައިގައި ގިނަ ކަންތައްތައް ކުރުމަށް އެމްޑީޕީން ވަނީ ވައުދުވެފައެވެ.

އެމްޑީޕީން ބުނީ ރާއްޖެ ތަރައްގީކޮށް ކުރިއެރުމަށްޓަކައި ބޭނުންވަނީ ދުޅަހެޔޮ ރައްޔިތުން ކަމަށާއި، ދުޅަހެޔޮ ރައްޔިތެއް އުފެދެނީ ދުޅަހެޔޮ އާއިލާތަކުން ކަމަށެވެ. އެމްޑީޕީން ބުނީ ކޮންމެ އާއިލާއެއްގެ ކޮންމެ މީހަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނަ މީހަކަށް ވުމަށްޓަކައި ފުރިހަމަ ސިއްހީ ނިޒާމެއް ބޭނުންވާ ކަމަށާއި، ރަގަޅު ބޭސްފަރުވާ ލިބޭން ހުންނަންޖެހޭ ކަމަށެވެ. އަދި އެންމެނަށް އަތްފޯރާ ފަށަށް ބޭސްފަރުވާ ލިބިދެވެންޖެހޭ ކަމަށް އެމްޑީޕީން ބުންޏެވެ.

"ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެ އަދި ޝަކުވާއެއް ނެތް ޚިދުމަތަކަށް އާސަންދަ ބަދަލުކުރެވިގެންދާނެ،" އެމްޑީޕީގެ ވައުދުގައި ވެއެވެ.

އެމްޑީޕީން ބުނީ އިޖްތިމާއީ ސިއްހީ ޚިދުމަތުގެ ނިޒާމު އާސަންދަ ތައާރަފްކުރެވުނު މަގްސަދު ހާސިލްކޮށް ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއްނެތި ހިލޭ ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ ކަމަށެވެ. އެޕާޓީން ބުނީ އާސަންދަ މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންނަށް ތަކުލީފަށް ނުވާނެ އަދި ޝަކުވާ އެއް ނެތް ޚިދުމަތަކަށް އާސަންދަ ބަދަލުކުރާނެ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ކުންފުނިތަކުން އުފައްދާ ބޭސް ކަމުގައި ހެދުމުގެ ގޮތުން ރާއްޖެ އެތެރެކުރާ ބޭސް މޮނިޓާރކުރުން ހަރުދަނާކުރާނެ ކަމަށެވެ.

ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވާނެކަން ފާހަގަކޮށް އެމްޑީޕީން ބުނެފައި ވަނީ ދިވެހި ބޭސްވެރިކަން ދަސްކޮށްދިނުމާއި ފަރުވާދިނުމަށްޓަކައި ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓް ގާއިމްކުރާނެ ކަމަށެވެ.

"ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ގާއިމްކުރެވޭނެ" އެމްޑީޕީގެ ވައުދުގައިވެއެވެ.

އެމްޑީޕީން ބުނީ ރަށްރަށުން ތަމްރީންކުރެވޭ މީހުން އެރަށެއްގައި ނުވަތަ އެސަރަހައްދެއްގައި ތިބިގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. އަދި ގިނަ ރަށްރަށުގައި ޓެލެމެޑިސިން ތައާރަފްކުރެވި އައިޓީ ކޮންސަލްޓޭޝަން ފުޅާކުރާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ވައުދުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް