ކ. މާލެ
|
6 ޖުލައި 2018 | ހުކުރު 19:04
ޑރ. ޖަމީލް (މ) އީޔޫ ޕާލަމެންޓްގެ ބައެއް ބޭފުޅުންނާއިއެކު ފަރަންސޭސީވިލާތުގައި
ޑރ. ޖަމީލް (މ) އީޔޫ ޕާލަމެންޓްގެ ބައެއް ބޭފުޅުންނާއިއެކު ފަރަންސޭސީވިލާތުގައި
ސޯޝަލް މީޑިއާ
އީޔޫ - ދިވެހިރާއްޖެ
ދިވެހި ސަރުކާރާއި ދެކޮޅަށް ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އަނެއްކާވެސް ޔޫރަޕިއަން ޕާލަމެންޓް މެމްބަރުން ގޮވާލައިފި
މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެކަމަށް ޔޫރަޕިއަން ޕާލަމެންޓް މެމްބަރުން ފާހަގަކުރެއްވި
މެމްބަރުން ވަނީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އިތުރު ޤަރާރެއް ފާސްކުރުމަށް ތާޢީދުކުރައްވާފައި
އީޔޫގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި

ދިވެހިރާއްޖޭގެ މަސްރަހާއިމެދު ކަންބޮޑުވުން ފާޅުކޮށް، ދިވެހި ސަރުކާރާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޕާލަމެންޓްގެ ބައެއް މެމްބަރުން  ޔޫރަޕިއަން ކޮމިޝަނަށް އަނެއްކާވެސް ގޮވާލައިފިއެވެ.

އީޔޫ ޕާލަމެންޓްގެ ބައެއް މެމްބަރުން މިކަމަށް ގޮވާލައްވާފައިވަނީ ފަރަންސޭސިވިލާތުގެ ސްޓްރަސްބަރގްގައި މިހާރު ކުރިއަށްދާ ޔޫރަޕިއަން ޕާލަމެންޓް ސެޝަންގެ ހަވާސާގައި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއިއެކު ބޭއްވި ބައްދަލުމެއްގައެވެ. 

ޑރ. ޖަމީލްއާއި ބައްދަލުކުރެއްވި މެމްބަރުން ވަނީ ރާއްޖޭގެ މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެއަށް ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒު އިންތިހާއަށް ވަދެފައިވާކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކުރުމަށް ވިލާތުގެ އިއްތިޙާދުންނާއި ބައިނަލްއަޤްވާމީ މުޖްތަމައުން ގޮވާލާ ގޮވާލުންތަކަށް ދިވެހި ސަރުކާރުން އިޖާބާ ނުދޭތީ އެކަމާއި ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މީޑިއާތަކާއި އާއްމު ރައްޔިތުންގެ މިނިވަންކަމާއި ހައްޤުތަކަށް އަރައިގަންނާތީވެސް ޔޫރަޕިއަން ޕާލަމެންޓް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. 

މީގެ އިތުރުން ރާއްޖޭގެ ޙާލަތު މިހާރު އޮތް ގޮތުން މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެކަމަށްވެސް ޔޫރަޕިއަން ޕާލަމެންޓް މެމްބަރުން ފާހަގަކުރެއްވިއެވެ. 

މިދިޔަ މާރޗްމަހު ރާއްޖޭގެ މައްސަލައިގައި ޔޫރަޕިއަން ޕާލަމެންޓުން ކަންބޮޑުވުން ފާޅުކޮށް، ގިނަ ކަންތައްތަކެއް އިސްލާހުުކުރަން ގޮވާލާ ޤަރާރެއް ފާސްކޮށްފައިވެއެވެ. ޑރ. ޖަމީލްއާއި ބައްދަލުކުރެއްވި ބައެއް މެމްބަރުން ވަނީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އިތުރު ޤަރާރެއް ފާސްކުރުމަށް ތާޢީދުކުރައްވާފައެވެ. 

މިބައްދަލުވުމުގައި ޑރ. ޖަމީލް ވަނީ ސަރުކާރުން އިންތިޚާބާއި ދިމާކޮށް ހިންގަމުންދާ ބައެއް އަމަލުތަކުގެ ތަފްޞީލުތައް ޔޫރަޕިއަން ޕާލަމެންޓް މެމްބަރުންނާއި ހިއްސާކުރައްވާފައެވެ. ޚާއްސަ ގޮތެއްގައި ހާލަތުއްޒަރޫރާއޭ ބުނެ ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް މަޖިލިސް ތެރެއިން ގެންނަވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީނާއިމެދު ދިވެހި ރައްޔިތުން ކިތަންމެ ނުރުހުނަސް، ބައިނަލްއަޤްވާމީ މުޖްތަމައުން ސަމާލުވެ ނެތްނަމަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ ސަރުކާރުން އޮޅުވާލާނެކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. 

މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ބޭރުގެ ޤައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގައި ޖިހާދުގެ ނަމުގައި ބައިވެރިވާ މައްސަލައިގައިވެސް ޔޫރަޕިއަން ޕާލަމެންޓް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އެފަދަ ހަނގުރާމަތަކުގައި ބައިވެރިވެފައި އަންނަ ދިވެހިންނަށް ދިވެހިރާއްޖެއަށް އަނބުރާ އާދެވޭ މައްސަލައާއި، އެމައްސަލަތައް ބަލައި ފިޔަވަޅު ނާޅާ މައްސަލަވެސް މެމްބަރުން ފާހަގަކުރެއްވިއެވެ. 

ބައްދަލުކުރެއްވުންތަކަށްފަހު ޑރ. ޖަމީލުގެ ޝަރަފުގައި އިޓަލީވިލާތުގެ ނޭޕްލްސްއަށް ނިސްބަތްވެވަޑައިގަންނަވާ ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރެއްކަމަށްވާ ފުލްވިއޯ މަރޓުސިއޭލޯ ވަނީ އެހެން ބައެއް މެމްބަރުންނާއިއެކު މެންދުރުގެ ފަރިއްކޮޅެއް ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
7 ޖުލައި 2018 | ހޮނިހިރު 08:41
ކާފަ
ތިޔަ ކާފަރުންތަކުގެ އުނދަގޫ މިރާއްޖެއަށް ހާދަހާ ބޮވެއްޖެ މުސީބާތަކަށް ވެއްޖެއޭ މިހާރު
6 ޖުލައި 2018 | ހުކުރު 15:20
ހަޟަވެރކަން
ކޯލިޝަން ސަރުކާރަކާ އެކު ކުރިއަށް ނުދެވޭނެ ކަމަށް އެމްޑީޕީން އެއްބަސްވެއްޖެ؟