ކ. މާލެ
|
6 ޖުލައި 2018 | ހުކުރު 13:39
ހުކުރު ޚުތުބާގެ މައުޟޫއަކީ ވަނީ \'އިސްލާމްދީނަކީ ލުއި ފަސޭހަކަމުގެ ދީން\'
ހުކުރު ޚުތުބާގެ މައުޟޫއަކީ ވަނީ 'އިސްލާމްދީނަކީ ލުއި ފަސޭހަކަމުގެ ދީން'
ގޫގުލް
ހުކުރު ޚުތުބާ
ﷲ ޝަރްއު ނުކުރައްވާ ކަމެއް ކުރުމަށް މަޖްބޫރު ކުރުމަކީ ދީނުގައި އޮތް ކަމެއް ނޫން: ހުކުރު ޚުތުބާ
އަޅުކަމެއް ކަމުގައި ހަދައިގެން މާތްﷲ ހުއްދަކުރެއްވި ކަންތައްތައް ހަރާމްކުރުމަކީ ދީނުގައި އޮންނަ ކަމެއް ނޫން
ލުއި ފަސޭހަކަމުގެ މާނައަކީ ﷲގެ ފަރުޟު ކުރައްވާފައިވާ އަޅުކަންތައް އެމީހަކު ބޭނުން ގޮތަކަށް ކުރުމެއް ނޫން

މާތްﷲ ޝަރްއު ނުކުރައްވާ ކަމެއް ތިމާގެ ނަފްސަށް ވެސް އަދި އެހެން ބަޔަކަށް ވެސް އެކަމެއް ކުރުމަށް މަޖްބޫރު ކުރުމަކީ ދީނުގައި އޮތް ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އިސްލާމްދީނަކީ ލުއި ފަސޭހަކަމުގެ ދީން މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އަޅުކަމެއް ކަމުގައި ހަދައިގެން މާތްﷲ ހުއްދަކުރެއްވި ކަންތައްތައް ހަރާމްކުރުމަކީ ވެސް އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމެއް ކަމަށާއި، އެއީ އިސްލާމްދީން މަނާކުރާ ކަމެއް ކަމަށެވެ.

ޚުތުބާގައި ބުނީ އަބްނު އައްބާސުގެފާނު އަރިހުން ރިވާވެގެންވާ ގޮތުގައި އެއްދުވަހަކު ސަލާމާއި ސަލަވާތްލެއްވި ރަސޫލުﷲގެފާނު އަރިހަށް މީހަކު އައިސް އެއްގަމު މަސް ނުކައި އަމިއްލައަށް އެ ހަރާން ކުރި ކަމަށެވެ.

މިކަމާއި ގުޅިގެން މާތްﷲ ބާވައިލެއްވި މަސްފުޅެއްގެ މާނާގައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނެވެ! ތިޔަބައިމީހުންނަށްޓަކައި ﷲ، ހަލާލު ކުރައްވާފައިވާ ރަނގަޅު ކަންތަކާއި ތަކެތި، ތިޔަބައި މީހުން ހަރާމް ނުކުރާށެވެ. އަދި ތިޔަބައި މީހުން ހައްދުފަހަނައަޅައި ނުދާށެވެ. ހައްދުފަހަނައަޅާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެއެވެ"

އެހެންކަމުން ނިދުމާއި، ކައުމާއި، ބުއިމާއި، ކާވެނި ކުރުން ފަދަ ޒަރޫރީ ކަންތައްތައް ދޫކޮށްލުމަކީ ވެސް ދީނުގެ ލުއި ފަސޭހަކަމާ އަރާރުންވާ ކަމެއް ކަމަށް ޚުތުބާގައި ވެއެވެ.

އިސްލާމްދީން ލައްވާފައި ވަނީ ލުއި ފަސޭހަ ދީނެއްގެ ގޮތުގައި ކަން ފާހަގަކޮށް ހުކުރު ޚުތުބާގައި ވަނީ އެދީނަކީ ﷲގެ އެންމެ ފަހު ރިސާލަތު ކަމަށެވެ. އެކަލާނގެ މިދީން ފަހްމުކޮށް ދޭހަވުމުން ފަސޭހަކޮށްދެއްވި ކަމަށާއި، މިދީނުގެ ކީރިތި ޤުރުއާން ހިތުދަސްކުރުން ފަސޭހަކޮށްދެއްވި ކަމަށެވެ.

އިސްލާމީ ޝަރީއަތަކީ ލުއި ފަސޭހަ ޝަރީއަތެއްކަން އަންގަވައިދެއްވާ މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެކަލާނގެ ތިޔަބައި މީހުން ޚިޔާރު ކުރެއްވިއެވެ. އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައި މީހުންގެ މައްޗަކަށް ނުލައްވަތެވެ"

ހުކުރު ޚުތުބާގައި ބުނީ ލުއި ފަސޭހަކަމުގެ މާނައަކީ ﷲގެ ފަރުޟު ކުރައްވާފައިވާ އަޅުކަންތައް އެމީހަކު ބޭނުން ގޮތަކަށް ކުރުމެއް ނޫން ކަމަށެވެ. އެކަމަކު އެއީ އެމީހަކަށް ކުޅަދާނެވެގެންވާ މިންވަރަކަށް އެއަޅުކަން އަދާކުރުމުގެ މަގު ތަނަވަސްކޮށްދެއްވުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް