ކ. މާލެ
|
6 ޖުލައި 2018 | ހުކުރު 06:33
ވެކޭޝަން އެކްސްޕޯއަށް ގިނަ ބަޔަކު އަންނަނީ ޒިޔާރަތް ކުރަމުން
ވެކޭޝަން އެކްސްޕޯއަށް ގިނަ ބަޔަކު އަންނަނީ ޒިޔާރަތް ކުރަމުން
މުހައްމަދު ޝަރުހާން
ވެކޭޝަން އެކްސްޕޯ
ވެކޭޝަން އެކްސްޕޯ ފަށައިފި
މިއެކްސްޕޯގައި ދަތުރުކުރާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓްތައް ލިބޭނެ
ހޮނިހިރު ދުވަހުގެ ނިޔަލަށް މިއެކްސްޕޯ ކުރިއަށްދާނެ

ހައިރައިޒްއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ވެކޭޝަން އެކްސްޕޯ ފަށައިފިއެވެ.

މިއަހަރުގެ އެކްސްޕޯ ހުޅުވައިދެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ރެޕްރެޒެންޓޭޓިވް އަދި ޔޫއެންޑީޕީގެ ރެޒިޑެންޓަލް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޮޑާ އެވެ.

މިއެކްސްޕޯއާއި ބެހޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހައިރައިޒްގެ ސޭލްސް އެންޑް މާރކެޓިން މަރިޔަމް އައިޝާ ވިދާޅުވީ ކުރިއަށް އޮތް ބަންދުގައި ޗުއްޓީ ހޭދަކޮށްލަންދާން ބޭނުންވާ މީހުންނަށް މިއީ ވަރަށް މުހިންމު އެކްސްޕޯއެއް ކަމަށެވެ. ޓްރެވަލް އިންޑަސްޓްރީގެ ފަރާތްތަކުން މި އެކްސްޕޯގައި ބައިވެރިވެ، އެ ފަރާތްތަކުގެ ޓްރެވަލް ޕެކޭޖުތަކާއި ޗުއްޓީ ޕެކޭޖުތަކުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ހައިރައިޒްގެ ސޭލްސް އެންޑް މާރކެޓިން މަރިޔަމް އައިޝާ

ޖުމުލަ 24 ފަރާތަކާއެކު ފެށި މިއެކްސްޕޯގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ މަންޒިލުތަކުން ޑިސްކައުންޓު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ބޭސް ފަރުވާއަށް ބޭރުގެ ގައުމުތަކަށްދާން ބޭނުންވާ މީހުންނަށް ވެސް އެކި ޑިސްކައުންޓްތައް ލިބޭނެ ކަމަށް މައިޝާ ވިދާޅުވިއެވެ. 

" ހުރިހާ ބޭފުޅުން ވެސް ވަޑައިގަން މިއަގުހުރި ބޭނުން ހިއްޕަވާށޭ. އަޅުގަނޑުމެން ބުނާނީ ބޮޑު އީދު ބަންދަށް ވަރަށް ޚާއްސަ ޕެކޭޖްތަކެއް، އެއާރލައިންތަކުގެ ފަރާތުން އެބަދެއްވާ ޓިކެޓް ތަކެއް. އަދި ހޮސްޕިޓަލްގެ ފަރުވާއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބެންކޮކް ހޮސްޕިޓަލްގެ ފަރާތުން ވަރަށް ޚާއްސަ ރޭޓްތަކެއް ވެސް އެބަ ދެއްވާ. މެލޭޝީއާ ޓޫރިޒަމް، ސިންގަޕޫރު ޓޫރިޒަމް، ބޫޓާން ޓޫރިޒަމް ވެސް އެބަ ބައިވެރިވޭ މިއެކްސްޕޯގައި. އެހެންވީމަ ހުރިހާ ބޭފުޅުން ވަޑައިގެން މިހުރިހާ މިއަގުހުރި ފުރުސަތު ހިއްޕަވާށޭ އަޅުގަނޑު ދަންނަވާނީ. " އައިޝާ ވިދާޅުވިއެވެ.

ތިން ވަނަ ވެކޭޝަން އެކްސްޕޯގައި ބައިވެރިވާ، އިނާ މޯލްޑިވްސްގެ ޑިރެކްޓާރ އޭވިއޭޝަން އިޖާޒް ވިދާޅުވީ އިނާ މޯލްޑިވްސްއިން އެކްސްޕޯގައި ބައިވެރިވީ ޕްރިންސިޕަލް ސްޕަންސާރގެ ހައިސިއްޔަތުން ކަމަށެވެ. އިޖާޒް ވިދާޅުވީ މިފަހަރު ބައިވެރިވީ ތަފާތުކޮށް ކަމަށާއި، އެގޮތުން މިއަހަރު މިތަނުން ވިޔަފާރި ކުރެވޭނެ ކަމެށެވެ.

" މިއަހަރު ވަރަށް ތަފާތުކޮށް މިބައިވެރިވީ އެއީ ސީދާ މިފަހަރު މިބައިވެރިވީ މިތާ ތިބެގެން އަޅުގަނޑުމެން ވިޔަފާރި ކުރާ ގޮތަށް. އޮފާތަކާއި ޕްރޮމޮޝަންތަކާއެކު، ސްރީ ލަންކަން އެއާރލައިންސް، ގަތަރު އެއާރވޭސް ސްކޫޓް އެއާލައިންސްއިން ވަރަށް ޚާއްސަ ޑިސްކައުންޓު ލިބޭނެ،" އިޖާޒް ވިދާޅުވިއެވެ.

އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ އެލައިޑްގެ ފަރާތުން މިއެކްސްޕޯގައި ބައިވެރިވީ ދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަން ފޯރުކޮށްދިމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން ދަތުރުވެރިންނަށް ޚާއްސަކޮށްގެން އެލައިޑް އިންޝުއަރެންސް އިން ޚާއްސަ ޓްރެވަލް އިންޝުއަރެންސް ވެބްސައިޓެއް ތައާރަފުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ޓްރެވަލް ޕްލޭންތައް އެކަމަށް ޚާއްސަ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ނެގޭނެ ކަމަށާއި ޕްލޭންތައް ފެށޭ އަގަކީ 10 ޑޮލަރު ކަމަށް ނައުޝާދު ވިދާޅުވިއެވެ. 

އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު

" ޕާސްޕޯޓު ގެއްލުން، ފައިސާ ގެއްލުން، ލަގެޖް ގެއްލުން، އެމެޖަންސީ މެޑިކަލް ހާލަތެއް ދިމާވުން. އަދި މީހާ ނިޔާވި ކަމުގައި ވިޔަސް އާއިލާއަށް ތަކުލީފެއް ނުޖެހި ބޮޑީ އަބުރާ ރާއްޖެ ގެނެވޭނެ. އެހެންވެ ޓްރެވަލް އިންޝުއަރެންސް ކިޔާދޭންވެގެން އަސްލު ބޭނުންވަނީ" ނައުޝާދު ވިދާޅުވިއެވެ. 

ތައިލެންޑްގެ ފަތުރުވެރިކަމާ ބެހޭ އިދާރާ، ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑް މާކެޓިން އޮފިސާރ ޔައޮޒާ ޝިމްރޭ ވިދާޅުވީ މިއެކްސްޕޯގެ ތެރެއިން ތައިންލެންޑަށް ދަތުރުކުރާ ފަރާތްތަކަށް ފިހާރަތަކުން ވެސް ޚާއްސަ ޑިސްކައުންޓެއް ހޯދުމުގެ ފުރުސަތު އޮބައޮތް ކަމަށާއި، އުފާވެރި ޗުއްޓީއެއް ހޭދަކުރުމަށް މިފުރުސަތުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.

" ހޮޓެލްގަ ތިބުމަށާއި، ބޭސް ފަރުވާއަށް ވެސް ޚާއްސަ ޚިދުމަތްތަކެއް ލިބޭނެ" ޔައޮޒާ ޝިމްރޭ ވިދާޅުވިއެވެ.

ހިއުމަން އިންޓަޕްރެނަންސް އެސޯޝިއޭޝަން ވައިސްޗެއާރޕާސަން އައިމިނަތު އިފާޝާ ވިދާޅުވީ މިއެކްސްޕޯގައި ބައިވެރިވީ އަންހެން ކަނބަލުންގެ ކުރާ މަސައްކަތްތައް ޓޫރިޒަމްގެ މާރކެޓަށް ނެރުމުގެ މަގުސަދުގައި ކަމަށެވެ. މިއެކްސްޕޯއިން އަންހެން ކަނބަލުން ގޭގައި ކުރާ ބުރަ މަސައްކަތްތައް ވެސް ފެނިގެންދާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

ހިއުމަން އިންޓަޕްރެނަންސް އެސޯޝިއޭޝަން ވައިސްޗެއާރޕާސަން އައިމިނަތު އިފާޝާ

"އަސްލު ގޭގައި ތިބެގެން ވެސް ވިޔަފާރި ކުރެވޭކަން މިކަހަލަ އެކްސްޕޯއިން އެބަ ސާބިތުކޮށްދެވޭ. މިސްޓޯލުން ދިވެހި ލިބާސް ހަދާ ގޮތާއި މައުލޫމާތު ވެސް ފޯރުކޮށްދެން." އިފާޝާ ވިދާޅުވިއެވެ.

ވެކޭޝަން އެކްސްޕޯ ކުރިއަށް ދާނީ މެންދުރު 2:00 އިން ހަވީރު 6:00 އަށް، އަދި އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.

ވެކޭޝަން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގްރޭންޑް ލަކީޑްރޯއިން ހޮވޭ ފަރާތްތަކަށް ކަނޑައަޅާފައިވާ އިނާމުތަކުގެ ތެރޭގައި ހައްޖު ކޯޕަރޭޝަނުން ދޭ އުމްރާ ދަތުރު، އަލް މަނާސިކު ގްރޫޕުން ދޭ އުމްރާ ދަތުރު، ގެސްޓް ހައުސްތަކުން ދޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު، ރާއްޖެ އިން ބޭރަށް ޒިޔާރަތް ކުރުމަށް ބެންކޮކް އެއާވޭސް، ސިންގަޕޯ އެއާލައިންސް، ސްރީލަންކަން އެއާލައިންސް އަދި އެއާ އޭޝިއާ، ގަތަރު އަދި ސްކޫޓް އެއާލައިނުން ހުށަހަޅާ ޓިކެޓް، ބޫޓާން، މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވެސް ހިމެނެ އެވެ. 

މީގެ އިތުރުން ވެސް އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް ގިނަ އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ބެންކޮކް ހޮސްޕިޓަލުން ހުށަހަޅާ ޚާއްސަ ޕެކޭޖު، ޕަޑީ އޯޕަން ވޯޓާ އަދި ޑައިވް ކޯސް، އަދި އެލައިޑްއިން ހުށަހަޅާ އިންޝުއަރެންސް ޕެކޭޖު ހިމެނެއެވެ. މި އިނާމުތަކުގެ އިތުރުން އެކްސްޕޯގެ ސްޓޯލުތަކަށް ޒިޔާރަތް ކޮށްގެން ވެސް އިނާމު ހޯދުމުގެ ފުރުސަތު އޮވެ އެވެ.

މި އެކްސްޕޯގެ ޕްރިންސިޕަލް ސްޕޮންސަރަކީ އިނަ މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރަކީ ތައިލެންޑްގެ ފަތުރުވެރިކަމާ ބެހޭ އިދާރާ، ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑު އަދި އެލައިޑް އިންޝުއަރެންސެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް