ކ. މާލެ
|
5 ޖުލައި 2018 | ބުރާސްފަތި 17:49
ބްރެޒިލްގެ ގައުމީ ޓީމާ އެކު ވާރލްޑް ކަޕްގައި ވިލިއަން ކުޅުނު މެޗެއްގެ ތެރެއިން: އޭނާ ވަނީ ބްރެޒިލްއަށް 61 މެޗު ކުޅެދީފައި
ބްރެޒިލްގެ ގައުމީ ޓީމާ އެކު ވާރލްޑް ކަޕްގައި ވިލިއަން ކުޅުނު މެޗެއްގެ ތެރެއިން: އޭނާ ވަނީ ބްރެޒިލްއަށް 61 މެޗު ކުޅެދީފައި
ގެޓީ އިމޭޖަސް
ޓްރާންސްފާ މާކެޓް
ވިލިއަން ހޯދުމަށް ބާސާއިން މަސައްކަތްކުރަނީ!
އުމުރުން 29 އަހަރުގެ ވިލިއަން އަންނަނީ މިއަހަރުގެ ވާރލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުން

ޗެލްސީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގަރ ވިލިއަން ހޯދުމަށް ސްޕެއިންގެ ބާސެލޯނާ އިން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ވިލިއަން އަންނަނީ މިއަހަރުގެ ވާރލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ވާރލްޑް ކަޕްގެ މިހާތަނަށް ބްރެޒިލް ކުޅުނު ފަސް މެޗުގައި ވެސް ވިލިއަން ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައިވާއިރު ކުއާޓާ ފައިނަލުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާ ފެންނާނެ ކަމަށް ބެލެވެއެވެ. މިދިޔަ ސީޒަނުގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު އޭނާ ހޯދުމަށް ބާސާގެ އިތުރުން އޭނާގެ ކުރީގެ ކޯޗު ހޯސޭ މޮރިނީއޯގެ މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބާސާގައި މިހާރު ވެސް ބްރެޒިލްގެ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފިލިޕޭ ކުޓީނިއޯ އަދި ޕައުލީނިއޯ އަންނަނީ ކުޅެމުންނެވެ. އަންނަ ސީޒަނުގައި އެ ކުޅުންތެރިންނާ އެކު ބާސާއިން ވިލިއަން ފެނިދާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ވިލިއަން ބުނީ އެ ދެ ކުޅުންތެރިންނަކީ ވެސް ވަރަށް ކޮލިޓީ ކުޅުންތެރިން ކަމަށާއި އޭގެ އިތުރުން ވަރަށް ގާތް ދެ އެކުވެރިން ކަމަށެވެ.

ހަމައެހެން މީހުންގެ ފަރާތުން އަބަދުވެސް އެކި އަޑުތައް އިވޭނެ ކަމަށާއި އިންޓަނެޓް މެދުވެރިކޮށް އޭނާ ކްލަބަކަށް ބަދަލުވާން އުޅޭ ކަމުގެ ރިޕޯޓްތަކެއް އުޅޭކަން އެނގިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިވަގުތަކީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވިލިއަން ބުނެފައިވެއެވެ. އެއްވެސް ކްލަބަކުން ހުށަހެޅުމެއް އައިސްފައިވާކަން އެނގިފައިނުވާ ކަމަށާއި މިވަގުތު ހުރިހާ ވެސް ވަގުތެއް ދޭން ބޭނުންވަނީ ބްރެޒިލްއަށް ކަމަށް ވިލިއަން ބުންޏެވެ. އެގޮތުން ބްރެޒިލްއާ އެކު އެންމެ މަތީ ފަންތީގެ ކުޅުން ދެއްކުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިލިއަން ފާހަގަކުރިއެވެ.

މިއަހަރުގެ ވާރލްޑް ކަޕްގައި ބްރެޒިލްއަށް އެންމެ މޮޅު ކުޅުމެއް ދައްކަމުންދަނީ ކުޓީނިއޯ ކަމަށްވާއިރު ވިލިއަން ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. ވިލިއަން ބުނީ މި ވާރލްޑް ކަޕްގައި ކުޓީނިއޯ ދައްކަމުންދަނީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި އެކަމުގެ ސަބަބުން މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމަށް ބްރެޒިލްއަށް ފަސޭހަވެގެން ގޮސްފައިވާ ކަމަށެވެ. އުއްމީދަކީ ކުރިއަށް ހުރި މެޗުތަކުގައި ވެސް ކުޓީނިއޯގެ ފަރާތުން އިތުރަށް ފުރިހަމަ ކުޅުމެއް ފެނިގެންދިއުން ކަމަށް ވިލިއަން ބުނެފައިވެއެވެ.

ވިލިއަން ވަނީ ޗެލްސީއަށް ކުޅުނު 236 މެޗުގައި އެޓީމަށް 44 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 61 މެޗު ކުޅެދީ އަށް ލަނޑު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް