ކ. މާލެ
|
5 ޖުލައި 2018 | ބުރާސްފަތި 17:12
ރާއްޖެއަށް ވަޑައިގެންނެވި މިސްރު ވަފްދާ އެކު އިސްލާމިކް މިނިސްޓަރު
ރާއްޖެއަށް ވަޑައިގެންނެވި މިސްރު ވަފްދާ އެކު އިސްލާމިކް މިނިސްޓަރު
އިސްލާމިކް މިނިސްޓްރީ
ފަތުވާ ކޮންފަރެންސް
ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިޞްރުގެ މުފްތީ ރާއްޖެ ވަޑައިގެންފި
މިވަފްދުގައި މިޞްރުގެ މުފްތީ ފަޟީލަތުއް އުސްތާޛު ޑރ. ޝައުޤީ އިބްރާހީމް އައްލާމް ހިމެނިވަޑައިގަންނަވާ

"އަލްފަތުވާ ވަސީލަތުއްލިނަޝްރިއްސަލާމް" ގެ ނަމުގައި ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ މިޞްރުގެ ވަފްދު ރާއްޖެ ވަޑައިގެންފިއެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި މިވަފްދުގައި މިޞްރުގެ މުފްތީ ފަޟީލަތުއް އުސްތާޛު ޑރ. ޝައުޤީ އިބްރާހީމް އައްލާމް ހިމެނިވަޑައިގަންނަވައެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ޖުލައި މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން ހަތަރު ޤައުމަކުން ބައިވެރިވެފައިވެއެވެ. އެ ޤައުމުތަކުގެ ތެރޭގައި މިޞްރު، ސޫދާން، ޖޯޑަން، އަދި މެލޭޝިޔާ ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެއް ދުވަހުގެ މުއްދަތަށް އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށްގެންދާ "އަލްފަތުވާ ވަސީލަތުއްލިނަޝްރިއްސަލާމް"  ކޮންފަރެންސްގެ މަޤްސަދަކީ ފަތުވާގެ ޒަރިއްޔާ އިން އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ބަދަހިކުރުމާއި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މައްސަލަތަކުގައި ފަތުވާގެ ދައުރުފުޅާ ކުރެވޭނެ ގޮތްތައް ދެނެގަތުމާއި، އިސްލާމީ ބޮޑެތި ޤައުމުތަކުގެ ފަތުވާދޭ އެންމެ މަތީ މަޖިލިސްތަކާ ގުޅުން ބަދަހިކުރުމާއި، އަދި މިފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ އިސްނެގުމާއި އެއްބާރުލުމުގެ ރޫހު ހާމަކޮށްދިނުން ކަމަށެވެ.

ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދު އިމާމްވެ ކުރެއްވުމަށް ހަމަޖެހިފައި ވަނީ މިޞްރުގެ މުފްތީ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް