މިއަހަރުގެ ފީފާ ވާރލްޑް ކަޕުން އާޖެންޓީނާ އަދި ޕޯޗުގަލް ކެޓުމާ އެކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިއޮނެލް މެސީ ނުވަތަ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުމުގެ ބަދަލުގައި މިހާރު އެ އެވޯޑް ލިބުމުގެ ފުރުސަތު އެންމެ ބޮޑީ ބްރެޒިލްގެ ތަރި ނޭމާއަށް ކަމަށް އެގައުމުގެ ލެޖެންޑް ރޮނާލްޑޯ ބުނެފިއެވެ.
ނޭމާއަކީ އަބަދުވެސް ރޮނާލްޑޯ އަދި މެސީގެ ފަހަތުން އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔެކެވެ. ފާއިތުވެދިޔަ 10 އަހަރު ވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ގެންދިޔައީ ރޮނާލްޑޯ ނުވަތަ މެސީ ކަމަށްވާ އިރު ކޮންމެ ކުޅުންތެރިޔަކު ވަނީ މި އެވޯޑް ފަސް ފަހަރު ގެންގޮސްފައެވެ. މި ދެ ކުޅުންތެރިން ވެސް ކްލަބާ އެކު ކާމިޔާބު ސީޒަނެއް ނިންމާލުމުން އަނެއްކާ ވެސް މި އެވޯޑަށް ވާދަކުރާނެ ކަމަށް ބެލެވުނު ނަމަވެސް ވާރލްޑް ކަޕްގައި ކުރިމަތިވި ނާކާމިޔާބީ އާއި ގުޅިގެން ނޭމާއަށް އެ އެވޯޑް ހޯދުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.
ފީފާގެ ރަސްމީ ވެބްސައިޓާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ މިއަހަރުގެ ވާރލްޑް ކަޕާ އެކު މެސީ އަދި ރޮނާލްޑޯގެ ރަސްކަމަށް ނިމުމެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ވާރލްޑް ކަޕަކީ އެ އެވޯޑް ދޭއިރު ބަލާ ވަރަށް މުހިންމު މުބާރާތެއް ކަމަށާއި މެސީ އަދި ރޮނާލްޑޯ މިހާރު މުބާރާތުން ވަކިވެފައިވުމާ އެކު ބްރެޒިލްއާ އެކު ނޭމާ ކާމިޔާބު ހޯދައިފި ނަމަ އޭނާއަށް އެ އެވޯޑް ލިބުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.
ރޮނާލްޑޯ ބުނީ ނޭމާއަށް އެ ފުރުސަތު އޮންނާނީ ބްރެޒިލްއަށް ވާރލްޑް ކަޕް ކާމިޔާބު ކުރެވެމުން ކަމަށާއި އޭނާ ވާރލްޑް ކަޕްގައި ކުޅެން ޖެހޭނީ އަމިއްލަ ނަފްސަށް އެވޯޑް ހޯދުމުގެ ބަދަލުގައި ބްރެޒިލްއަށް ކާމިޔާބު ހޯދައިދޭން ކަމަށެވެ.
މިއަހަރުގެ ވާރލްޑް ކަޕްގައި ނޭމާގެ މޮޅު ކުޅުމާ އެކު ކުއާޓާ ފައިނަލުން ބްރެޒިލް ޖާގަ ހޯދާފައިވާއިރު ކުއާޓާގައި ބްރެޒިލް ކުޅޭނީ ބެލްޖިއަމްއާ ދެކޮޅަށެވެ. އެހެން ނަމަވެސް މިއަހަރުގެ މުބާރާތުގައި އޭނާގެ ފަރާތުން ފެންނަމުންދާ ބައެއް ކަންކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ވަކިން ހާއްސަކޮށް އޭނާއަށް ފައުލްކުރުމާ އެކު އޭނާގެ ފަރާތުން ފެންނަ ރިއެކްޝަނަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެހެން ނަމަވެސް ރޮނާލްޑޯ ބުނީ ނޭމާއަކީ އެކްޓަރެއް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ދެކޮޅުހަދާ ކަމަށާއި އޭނާއަކީ ވަރަށް ވިސްނުންތެރިކަމާ އެކު ދަނޑުމަތީގައި ހަރަކާތްތެރިވާ ކުޅުންތެރިއެއް ކަމަށެވެ. އެގޮތުން ނޭމާއަށް ދޭންޖެހޭ ވަރަށް ރެފްރީން ހިމާޔަތް ނުދޭ ކަމަށާއި އެއީ ބޭއިންސާފުން ހިނގާ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން އޭނާ މިހާތަނަށް ވާރލްޑް ކަޕްގައި ދައްކާފައިވާ ކުޅުމަށް ބަލާއިރު އޭނާއަށް ފާޑުކިޔޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.
ނޭމާ އަދި ބްރެޒިލް ކުއާޓާ ފައިނަލުގައި ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރޭ 23:00 ގައެވެ.