ކ. މާލެ
|
5 ޖުލައި 2018 | ބުރާސްފަތި 16:47
މަޖިލީހުގެ ބައެއް މެމްބަރުން ސުޕްރީމް ކޯޓު ސަރަހައްދުގައި
މަޖިލީހުގެ ބައެއް މެމްބަރުން ސުޕްރީމް ކޯޓު ސަރަހައްދުގައި
ޙުސައިން ޙަސަން
12 މެމްބަރުންގެ ގޮނޑި
12 މެމްބަރުންގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި، ދެން އޮންނާނީ ހުކުމް ކުރުން!
މިހާރު މިމައްސަލަ ބަލަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން
މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައްކާފައިވާ ވާހަކަތަކާއި ހުށަހެޅުންތައް ބަލައިގަނެ، އިޖުރާއަތު ފުރިހަމަ ކޮށްލަން ބޭއްވި އަޑުއެހުމެއް
ދެން އޮންނާނީ ހުކުމް ކުރުން

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ، އެޓާރނީ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑު އެހުންތައް ނިންމާލައިފިއެވެ.

ދެން މިމަސައްލައިގައި އޮންނާނީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތެވެ. ބުރާސްތި ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލަ ނިންމުމަށް ޝަރީއަތް ބާއްވާނެ ދުވަސް ފަހުން އަންގަވާނެ ކަމަށެވެ.

ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ސާފު ނިޔާއެއް ކަނޑައަޅައި ނިމެންދެން، ވަގުތީ ހައްލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު މަޖިލީހަށް ވަޑައިނުގެންނެވޭ ގޮތަށް ނެރުނު ވަގުތީ އަމުރަށް ފަހު، ދާއިމީ ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ގެންދަވަނީ މަޖިލީހުގެ ޖަލްސާތައް ވެސް ބޮއިކޮޓް ކުރައްވަމުންނެވެ.

ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުން ފައްޓަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިއަޑުއެހުމަކީ މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ އިޖުރާއާތު ފުރިހަމަ ކުރުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ. ކުރިން ތިން ފަނޑިޔާރުންގެ ބެންޗުން ބެއްލެވި އެ މައްސަލަ މިހާރު ބައްލަވަނީ ސުޕްރީމް ކޯޓަށް އަލަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ. ސުޕްރީމް ކޯޓަށް ފަހުން އައްޔަން ކުރައްވާފައި ވަނީ ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުއެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިއަޑުއެހުމުގައި ދައުލަތުން އިތުރު ކަމެއް ފާހަގަ ކުރަން އޮތް ނަމަ އެފުރުސަތު ދެއްވާ ކަމަށެވެ.

ދައުލަތުގެ ވަކީލާ މާޝާ ލުތުފީ ވިދާޅުވީ އިތުރަށް ދާއްކާނެ ވާހަކައެއް ނެތް ކަމަށާއި ނަމަވެސް ހުލާސާ ގޮތެއްގައި މިމައްސަލާ މެދު ފާހަގަކޮށްލަން ބޭނުންވާ ކަންކަން އެބަހުރި ކަމަށެވެ. ހުލާސާ ގޮތެއްގައި ދައުލަތުގެ ވަކީލު ވިދާޅުވީ މިމައްސަލައަކީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.

އެކެއް ފެބްރުއަރީ އަމުރުގައި ހިމެނޭ، ހުކުމް ތައްފީޒު ކުރަމުންދާ އަދި ހައްޔަރުގައި ތިބި ނުވަ ބޭފުޅަކު މިނިވަން ކުރުމަށާއި ޖުޑީޝަލްސާރވިސް ކޮމިޝަނު (ޖޭއެސްސީ)ގެ ބާރުތަކާބެހޭ ނުކުތާ ސުޕްރީމް ކޯޓުން ވަނީ ބާތިކޮށްފައެވެ.

ދައުލަތުގެ ވަކީލާ މާޝާ ވިދާޅުވީ ސުޕްރީމް ކޯޓުން މިހާރު ގޮތެއް ނުނިންމާ އޮތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑީގެ މައްސަލަ ކަމަށެވެ. އެގޮތުން މެމްބަރަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހަދަންޖެހޭ ޕްލޯ ކްރޮސިންގއާ ބެހޭ ގާނޫނު ހެދިފައި ނުވާތީ ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށާއި އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް 1 ފެބްރުއަރީގައި ނެރެފައިވާ އަމުރުގައި ކަނޑައަޅާފައިވާ ނުކުތާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް 1 ފެބްރުއަރީގައި ނެރުނު އަމުރުގައި ކަނޑައެޅި ނަމަވެސް، މިދިޔަ މާޗް މަހު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް މާޝާ ވިދާޅުވިއެވެ. އަދި އެހުކުމުގައި މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ހުރި ކަން ކަމަށް ރިއާޔަތް ކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެހެންކަމުން، މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ބަލަން ޖެހޭ ކަމަށް މާޝާ ވިދާޅުވިއެވެ. އަދި އެކެއް ފެބްރުއަރީގެ އަމުރުގައި އެ ހުކުމް ބާތިލް ކަމަށް ކަނޑައެޅީ އެ ހުކުމުގައި ގާނޫނީ މައްސަލަތަކެއް ހުރެގެން ނޫން ކަން އެންޓި ޑިފެކްޝަން ގާނޫނުގެ ސައްހަކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގެ ނިންމުމުން އެނގޭ ކަމަށް ވަކީލާ ވިދާޅުވި އެވެ.

މިމައްސަލާގައި ދައުލަތުން އެދިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލް ކަމަށް، އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ކަނޑައެޅި ބަޔާއި އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އެ އަމުރުގައި ކަނޑައެޅި ބައި ބާތިލް ކޮށްދިނުމަށެވެ.

މީގެ އިތުރުން ކޯޓުތަކަށް އިސް ފަނޑިޔާރުންނާއި ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ކަނޑައަޅާފައި ވާތީ، އެކަން ފާހަގަ ކުރައްވަމުން ވަކީލާ ވިދާޅުވީ ފަނޑިޔާރުން އައްޔަން ކުރަނީ ޖޭއެސްސީގެ ފަލާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެކަމުގައި ސުޕްރީމް ކޯޓުގެ ދައުރެއް ނޯންނަ ކަމަށެވެ. އެހެންކަމުން އެ އަމުރުގެ އެ ބައި ވެސް ބާތިލްކުރަން ދައުލަތުން އެދުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް