ކ. މާލެ
|
5 ޖުލައި 2018 | ބުރާސްފަތި 16:48
ގޫގުލް
އެރިޔަދޫ ރިސޯޓުގެ މުވައްޒަފުންނަށް މުސާރަ ލިބުން ލަސްވެގެން ކަންބޮޑުވުންފާޅުކުރުމުން ވައިފައި ކަނޑާލައިފި
އެރިޔަދޫ ރިސޯޓުގެ މުއައްޒަފުންނަށް މުސާރަ ނުދޭތާ ދެމަސް ވެފައިވާ ކަމަށް އެމީހުން ބުނޭ
މުސާރަ ނުލިބި ލަސްވާތީ އެމީހުންގެ އާއިލާތަކަށް އެކަމުގެ ތަކުލީފު އުފަލަން ޖެހޭ ކަމަށް ވެސް އެމީހުން ބުނޭ

އެރިޔަދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް މުސާރާ ލިބުން ލަސްވެގެން ކަންބޮޑުވުން ފާޅުކުރުމުން މުވައްޒަފުންނަށް ދޫކޮށްފައިވާ ވައިފައިގެ ޚިދުމަތް ކަނޑާލައިފި އެވެ. 

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ޖެނެރަލް ސެކްރެޓަރީ މައުރޫފު ޒާކިރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެރިސޯޓުގެ މުއައްޒަފުންނަށް މުސާރަ ނުލިބޭތާ ދެ މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާ ކަމަށާއި، ސާވިސް ޗާޖް ވެސް ނުދޭ ކަމަށެވެ. އަދި އެ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުލިބޭތީވެ، އެކަމުގެ ތަކުލީފު އެ މުވައްޒަފުންގެ އައިލާއަށް ވެސް އުފުލަންޖެހިފައިވާ ކަމަށެވެ.

މައުރޫފް ވިދާޅުވީ މުސާރަ ދިނުން ލަސްވާތީ ކަންބޮޑުވުންފާޅުކޮށް އެކަން މިޑިޔާއާ ހިއްސާކުރުމުން މިހާރު އެރިސޯޓުގެ ވައިފައިގެ ޙިދުމަތް ވެސް ކަނޑާލާފައިވާ ކަމަށެވެ.

އެރިޔަދޫ ރިސޯޓުގައި 150 މުއައްޒަފުން މަސައްކަތް ކުރާ ކަމަށާއި، މިމުއައްޒަފުން ލައްވާ ދުވާލަކު 10 ގަޑިއިރު މަސައްކަތް ކުރުވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. 

އެރިސޯޓުގައި މަސައްކަތްކުރާ ބައެއް މުއައްޒަފުން ބުނީ މުސާރަ ދިނުން ލަސްވާތީ ރިސޯޓުގެ މެނޭޖްމަންޓަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މުސާރަ ދޭނެ ކަމަށް މެނޭޖްމެންޓުން ބުނި ނަމަވެސް ސާވިސް ޗާޖްއާއެކު މުސާރަ ނުދޭތާ ދެމަސްވެފައިވާ ކަމަށާއި، އެކަމުގެ ސަބުބުން އައިލާއަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އެރިޔަދޫ ރިސޯޓުން އަދި ބަހެއް ހާމައެއް ނުކުރެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް