ކ. މާލެ
|
4 ޖުލައި 2018 | ބުދަ 19:56
ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ޔޯކިން ލޯ
ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ޔޯކިން ލޯ
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
ވާރލްޑް ކަޕްއިން ކެޓި ނަމަވެސް ޖަރުމަނުގެ ކޯޗަކަށް ދެންވެސް ހުންނާނީ ލޯ
ޖަރުމަނު ވަނީ މިއަހަރުގެ ގްރޫޕް ފިޔަވަހިން ކަޓާފައި

ޖަރުމަނުގެ ކޯޗުގެ މަގާމުގައި ޔޯކިމް ލޯ ދެމިހުންނާނެ ކަމަށް އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

އެންމެފަހުގެ ޗެމްޕިއަނުންގެ ގޮތުގައި މިއަހަރުގެ ވާރލްޑް ކަޕާއި ކުރިމަތިލި ޖަރުމަނު ވަނީ މިއަހަރުގެ ގްރޫޕް ފިޔަވަހިން ކަޓާފައެވެ. މެކްސިކޯ އާއި ސްވިޑެން އަދި ދެކުނު ކޮރެއާ ހިމެނުނު ގްރޫޕް ޖަރުމަނު ނިންމާލީ ތާވަލުގެ ފުލުގައ އޮވެގެންނެވެ. ގްރޫޕް ފިޔަވަހީގައި ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނު މޮޅުވިއިރު އެޓީމު ވަނީ މެކްސިކޯ އަދި ދެކުނު ކޮރެއާ އަތުން ބަލިވެފައެވެ. މި ނަތީޖާތަކާއި ގުޅިގެން އޭނާ މަގާމުން ވަކިކުރާނެ ކަމަށް ބެލެވުނެވެ.

އެހެން ނަމަވެސް ޖަރުމަނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އޭނާ އެމަގާމުގައި ދެމިހުންނާނެކަން ކަށަވަރުކޮށްދީފައެވެ. އެ އެސޯސިއޭޝަންގެ ރައީސް ރެއިންހާޑް ގްރިންޑެލް ވިދާޅުވީ ލޯއަކީ އެމާގަމަށް އެންމެ އެކަށީގެންވާ މީހާ ކަމަށް ގަބޫލުކުރާ ކަމަށާއި އޭނާއާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ކުރިޔަށް ހުރި މުބާރާތްތަކުގައި ޖަރުމަނަށް ކާމިޔާބު ހޯދައިދޭނެ ފޯމިއުލާ ހޯދުމަށް އޭނާ ދިރާސާ ކުރާނެ ކަމަށާއި އަލުން އެނބުރި އެންމެ އުހަށް ޓީމު ގެންދެވޭނެ ކަމުގެ ފުރިހަމަ އިތުބާރު ލޯއަށް އެބައޮތް ކަމަށް ގްރިންޑެލް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ވާހަކަ ދައްކަމުން ލޯ ބުނީ އޭނާއަށް ޖަރުމަނުގެ އެފްއޭއިން ކުރާ އިތުބާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށާއި ވާރލްޑް ކަޕްއިން ކެޓުމުން ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް މިކަމުގެ ސަބަބުން އެފްއޭގެ އެއްބާރުލުން މުސްތަގުބަލުގައި ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އޭނާ ބުނީ މުބާރާތުން ކެޓުމުން ވަރަށް ދެރަވި ކަމަށާއި ބޭނުންވަނީ މި ތަޖުރިބާގެ އަލީގައި ކުރިޔަށް ހުރި މުބާރާތްތަކަށް އައު ޓީމެއް ތައްޔާރުކުރަން ކަމަށެވެ.

އޭނާ ބުނީ އޭނާގެ ޓީމާއެކު މަޝްވަރާތައް ކުރިޔަށް ގެންދާނެ ކަމަށާއި ހުރިހާ ކަމެއް ކުރަން ވަގުތު ބޭނުންވި ނަމަވެސް އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން ޓީމު ތައްޔާރުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.  

ލޯ ގެ ކޮންޓްރެކްޓް 2020 ވަނަ އަހަރުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް އޭނާ ވަނީ އެ ޓީމާއެކު އިތުރު ދެ އަހަރު މަޑުކުރުމަށް އެއްބަސްވެ އައު ކޮންޓްރެކްޓެއްގައި ދާދިފަހުން ސޮއިކޮށްފައެވެ. އެގޮތުން 2022 ވަނަ އަހަރު ޤަތަރުގައި އޮންނަ ވޯލްޑް ކަޕްގެ ނިޔަލަށް އޭނާ ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ދެމި ހުންނާނެއެވެ.

އުމުރުން 58 އަހަރުގެ ކޯޗު ޖަރުމަނުގެ ގައުމީ ޓީމާއި ހަވާލުވީ 2006 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ޖަރުމަނުގެ ގައުމީ ޓީމުން ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނައިރު އެ ޓީމުން ވަނީ އޭގެ ފަހުން ކުޅުނު ކޮންމެ މުބާރާތެއްގެ ވެސް ސެމީ ފައިނަލުގައި ކުޅެފައެވެ. ހަމައެހެންމެ ލޯ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް ޖަރުމަނުގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދީފައެވެ. ހަމައެހެންމެ މިދިޔަ އަހަރު އޮތް ފީފާ ކޮންފެޑެރޭޝަންސް ކަޕް ވެސް ޖަރުމަނު ކާމިޔާބުކުރީ ލޯ ގެ އިރުޝާދުގެ ދަށުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް