ކ. މާލެ
|
4 ޖުލައި 2018 | ބުދަ 20:00
އިދިކޮޅު ކޯލިޝަނުގައި ހިމެނޭ އިސްވެރިންނާއެކު މާރިޔާ: އޭނާ އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަންގެ މަގާމަށް ވަނީ އައްޔަން ކޮށްފައި
އިދިކޮޅު ކޯލިޝަނުގައި ހިމެނޭ އިސްވެރިންނާއެކު މާރިޔާ: އޭނާ އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަންގެ މަގާމަށް ވަނީ އައްޔަން ކޮށްފައި
މުހައްމަދު ޝަރުހާން
ރިޔާސީ ރޭސް 2018
އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ސްޕޯކްސްޕާސަންގެ މަގާމަށް މާރިޔާ
އިންސާފުވެރި އިންތިހާބަށް ބޭއްވޭނެ ކަމަށް ގަބޫލެއް ނުކުރަން
ވޯޓާސްލިސްޓުގައި މައްސަލަތަކެއް ހުރި ކަމަށް ނިޔާޒް ވިދާޅުވި

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިންގެ ސްޕޯކްސްޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އެ ޕާޓީން ހަމަޖައްސައިފި އެވެ.

އެމްޑީޕީގެ އޮފީހުގައި ބުދަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން ހަމަކުރެއްވީ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒެވެ. މާރިޔާ ވަނީ މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް  ފުރުއްވާފަ އެވެ.    

މާރިޔާ ވަނީ މި ނޫސްވެރިންގެ ބައްދަލުވުގައި ކެމްޕެއިންގެ ހަރަކާތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް މިހާރު އޮތް ގޮތުން ބޭއްވި ދާނެ ކަމަށް އެ ޕާޓީން ގަބޫލު ނުކުރާ ކަމަށެވެ. އަދި އެ ފަދަ މާހައުލެއް އޮތް ކަމަށް އެ ޕާޓީން ގަބޫލުކުރާނީ ޕާޓީތަކުގެ ލީޑަރުންނަށް ބައިވެރިވެވޭ އިންތިހާބެއް ބޭއްވުމަށް ފުރުސަތު ލިބުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ހަރަކާތްތައް ރޭވިފައިވާ ގޮތް މީޑިޔާތަކަށް ހާމަ ކުރައްވަމުން ގެންދަވާނެ ކަމަށެވެ. ފުލުހުން މެދުވެރިކޮށް އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރުތައް ހަލާކު ކޮށްލަމުން ދާކަން ފާހަގަކުރައްވާ އެނާ ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިނަށް އެތައް ދުއްތުރާއެއް ޖައްސާފައިވާ ކަމަށެވެ. އަދި އެހެންމެ ރައްޔިތުންނަށް ތަކުލީފު ނުޖައްސާ ކެމްޕެއިން ކުރުމަށް ރައީސް އަބްދުﷲ ޔާމިން އެންގެވުމާ ގުޅޭ ގޮތުން މާރިޔާ ވިދާޅުވީ ރައްޔިތުންނަށް ދުއްތުރާއެއް ވިއްޔާ ވެފައި އޮތީ އެމަނިކުފާނުގެ ފަރާތުން ކަމަށް ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީން މިހާތަނަށް ވެސް ދައްކާފައިވާނީ ސާފު ކެނޑިޑޭޓެއް ކަމަށާއި އިބްރާހިމް މުހައްމަދު ސޯލިހަކީ ވެސް އެފަދަ ބޭފުޅެއް ކަމަށެވެ.    

މީގެ އިތުރުން ނިޔާޒް ވިދާޅުވީ އައިޑީކާޑް ނަމްބަރު ނެތި ވޯޓުލާ މީހުންގެ ލިސްޓް ހާމަ ކުރުމަކީ ކަންބޮޑުވުމަކަށްވާއިރު ފަހުން ހާމަކުރި ލިސްޓްގައި ވެސް މައްސަލަތަކެއް އެބަ ހުރި ކަމަށެވެ. އެހެން ނަމަވެސް މައްސަލަތައް ހައްލު ކުރުމަށް އަދިވެސް އެމްޑީޕީން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް