ކ. މާލެ
|
4 ޖުލައި 2018 | ބުދަ 19:56
މައުރޯ އިކާޑީ - އޭނާއަކީ އިންޓަރ މިލާންގެ ކެޕްޓަން
މައުރޯ އިކާޑީ - އޭނާއަކީ އިންޓަރ މިލާންގެ ކެޕްޓަން
ގެޓީ އިމޭޖަސް
ޓާރާންސްފާ މާކެޓް
އިކާޑީއަށް އައު ކޮންޓްރެކްޓެއް ހުށަހަޅަން އިންޓަރ ތައްޔާރުވެއްޖެ
އޭނާގެ ރިލީސް ފީއަކީ 110 މިލިއަން ޔޫރޯ
އިންޓަ މިލާނުން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުން

އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީއަށް އައު ކޮންޓްރެކްޓެއް ހުށަހެޅުމަށް އޭނާ ކެޕްޓަންކަން ކުރަމުން އަންނަ ކްލަބް ކަމަށްވާ އިންޓަރ މިލާނުން އެއްބަސްވެއްޖެއެވެ.

މިދިޔަ ސީޒަނުގެ އިޓާލިއަން ސެރީއޭގެ ހަތަރު ވަނަ ހޯދައި އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން އިންޓަރ އަށް ޖާގަ ހޯދައިދިނުމުގައި އިކާޑީ މުހިންމު ރޯލެއް އަދާކުރިއެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ސީޒަނުގެ ސެރީއޭގައި 29 ލަނޑު ޖަހާ ރަން ބޫޓު ގެންގޮސްފައެވެ. މިކަމުގެ ސަބަބުން އޭނާ ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން މަސައްކަތްކުރަމުންދާ ކަމުގެ ރިޕޯޓްތަކެއް ފެތުރިފައިވާއިރު ވަކިން ހާއްސަކޮށް އިންޓަރގެ ވާދަވެރި ޔުވެންޓަސްއިން އޭނާ ގެންދަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ގަދަވެފައެވެ.

މިދިޔަ ސީޒަނުގައި އޭނާ ކިތަންމެ މޮޅު ކުޅުމެއް ދެއްކި ނަމަވެސް މިއަހަރުގެ ފީފާ ވާރލްޑް ކަޕްގެ ދެވަނަ ބުރުން ކެޓި އާޖެންޓީނާގެ ޓީމަށް އޭނާ ނަގާފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އާޖެންޓީނާގެ ކޯޗު ހޯސޭ ސަމްޕައޯލީއަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.

އިންޓަރގެ ޗީފް އެގްޒެކްޓިވް އަލެސަންދްރޯ އެންޓޮނޭލޯ ބުނެފައިވަނީ އޭނާއަކީ މިހާރު ވެސް ކެޕްޓަން ކަމަށާއި އަންނަ ސީޒަނުގައި ވެސް އެކަން އެގޮތަށް ދެމެހެއްޓުމުގެ ގޮތުން އޭނާއަށް އައު ކޮންޓްރެކްޓެއް ހުށަހެޅުމަށް އެ ކްލަބްއިން ނިންމާފައިވާ ކަމަށަވެ. އަދި އިކާޑީ ވެސް އައު ކޮންޓްރެކްޓެއްގައި ސޮއިކުރަން ބޭނުންވާ ކަމަށާއި ކުރިޔަށް އޮތް ހަފްތާތަކުގައި ކޮންޓްރެކްޓާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުންތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އިކާޑީ ހޯދުމަށް އަދި މިހާތަނަށް އެއްވެސް ހުށަހެޅުމެއް އައިސްފައި ނުވާކަން އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.

ޔުވެންޓަސްއަށް އިކާޑީ ގެންދިޔުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޔުވެންޓަސްގެ ޖެނެރަލް މެނޭޖަރ ބެއްޕޭ މަރޯޓާ ބުނީ އިކާޑީއަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށާއި އެހެން ނަމަވެސް އޭނާ ޔުވެންޓަސްއިން ފެނުމަކީ "ފެންޓަސީ ފުޓްބޯލް" ކަމަށެވެ.

އުމުރުން 25 އަހަރުގެ އިކާޑީ މިހާރު އިންޓަރއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާގެ ރިލީސް ފީއަކީ 110 މިލިއަން ޔޫރޯއެވެ.

އޭނާގެ އޭޖެންޓް ވަންޑާ ނާރާ ބުނީ އޭނާ އައު ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށާއި އައު ސީޒަން ފެށުމުގެ ކުރިން އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އިންޓަ މިލާނުން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންނެވެ. އެގޮތުން އެ ޓީމުން ވަނީ އޭއެސް ރޯމާގެ ނައިންގޮލަން އާއި ޔުވެންޓަސްގެ ކްވަޑްވޯ އަސަމޯއާ އަދި ލާޒިއޯގެ ސްޓެފަން ޑެވްރީގެ ސޮއި ހޯދާފައެވެ. ހަމައެހެންމެ އެ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލޭޓީއަށް އެޓީމުން އަންނަނީ އައު ކޮންޓްރެކްޓެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

2013 ވަނަ އަހަރުން ފެށިގެން އިންޓަ މިލާނަށް ކުޅެމުން އަންނަ އިކާޑީ ވަނީ އެޓީމަށް 182 މެޗު ކުޅެދީ 107 ލަނޑު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް