ކ. މާލެ
|
4 ޖުލައި 2018 | ބުދަ 19:24
ކްރިމިނަލް ކޯޓުގައި ރާއްޖޭޓީވީގެ ބައެއް ނޫސްވެރިން
ކްރިމިނަލް ކޯޓުގައި ރާއްޖޭޓީވީގެ ބައެއް ނޫސްވެރިން
މުހައްމަދު ޝަރުހާން
ޝަރުއީ ދާއިރާ
ކޯޓު ޚަބަރުތައް ގެނެސްދޭ ނޫސްވެރިންނަށް އަދަބު ދެވޭ ގޮތަށް އިސްލާހު ހުށަހަޅައިފި
ކުރާ ޓްވީޓަކުން ވެސް އަދަބު ދެވިދާނެ

ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކާއި ކުރާ ހުކުމްތަކާ ގުޅޭ ޚަބަރުތައް ގެނެސްދޭ ނޫސްވެރިންނަށް އަދަބު ދެވޭ ގޮތަށް ގާނޫނުލް އުގޫބާތު ބަދަލު ކުރަން ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރު ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ކޯޓެއްގައި ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށްޓަކާ ގަސްތުގައި ގާނޫނާ ހިލާފަށް އެއްވެސް އެއްޗެއް ޝާއިއުކޮށް، ނުވަތަ އެއްވެސް އަމަލެއް ކުރުމަކީ ކުށެއް ކަމަށެވެ.

ޝަރީއަތަށް ނުފޫޒު ފޯރުވުމަށްޓަކާ އެއްވެސް އަމަލެއް ކުރުމަކީ ކުށެއް ކަމަށް ގާނޫނުގައި ކަނޑައަޅައިފިނަމަ، ގާނޫނީ ވަކީލުން ދައްކަވާ ވާހަކަތަކާއި ކުރައްވާ ޓްވީޓުތަކާއި ބްލޮގުތަކުގައި ޝާއިއު ކުރާ ލިޔުންތަކަކީ ވެސް ނުފޫޒު ފޯރުމަށްޓަކާ ކުރާ ކަމެއްގެ ގޮތުގައި ބެލެވިދާނެ ކަމެކެވެ.

ގާނޫނުލް އުގޫބާތުގައި ކޯޓުގެ ހުރުމަތް ކެނޑޭނެ ހާލަތްތައް ބަޔާން ކުރާ 510 ވަނަ މާއްދާއަށް ގެނައުމަށް ހުށަހަޅާފައިވާ ބަދަލުގައި ބުނެފައިވާ ގޮތުން ޝަރުއީ ދާއިރާގެ ޚަބަރުތައް ކަވަރުކުރާ ނޫސްވެރިންނަށް ވެސް އަދަބު ދެވޭނެ ހާލަތެއް ބަޔާން ކޮށްފައިވެއެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުން ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު މައްސަލައެއް ނިންމުމުގެ ގާބިލުކަން ކޯޓެއްގައި ނެތް ކަމަށް ދެއްކުމަށްޓަކައި، ނުވަތަ ކޯޓަކުން ވަކި ކަމެއް ކުރަނީ ރަނގަޅު ނޫން މަގްސަދެއްގައި ކަމަށް ބުނެ، ގަސްތުގައި ގާނޫނާ ހިލާފަށް އެއްވެސް އެއްޗެއް ޝާއިއު ކުރުމަކީ ކުށެކެވެ.

އެ އިސްލާހުގައި އެގޮތަށް ފާސްކޮށް، ތަސްދީގުކޮށް އަމަލު ކުރަން ފަށައިފިނަމަ، ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކާ ގުޅޭ ގޮތުން ނޫސްވެރިން ލިޔާ ލިޔުންތަކާއި އަމާޒު ކުރަމުންދާ ފާޑުކިޔުންތަކާ ގުޅޭ ގޮތުން އަދަބު ދެވިދާނެއެވެ. އަދި ނޫސްވެރިންގެ އެ އަމަލަކީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށް ވެސް ބެލެވިދާނެއެވެ.

ނޫސްވެރިއެއްގެ މައްޗަށް އެފަދަ ދައުވާއެއް އުފުލައިފިނަމަ، އެ ދައުވާއެއް ސާބިތު ކުރުމުގައި ބަލާނީ އޭނާ އެ ކުރި އަމަލުގެ ސަބަބުން އެ ހުކުމަށް ނުވަތަ ނިންމުމަށް އެއްވެސް އަސަރެއް ކުރުން ނުވަތަ ތައައްސުބެއް އުފެދުމުގެ އިހްތިމާލު ބޮޑުވުމެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން މައްސަލައަކާ ގުޅިގެން ގާނޫނީ ވަކީލުންތަކެއް ޝަރީއަތުގައި ދައްކާ ވާހާކަތަކެއް ނުވަތަ އާންމު ކުރާ މައުލޫމާތެއް ނޫސްވެރިޔާ ގެނެސްދިނުމަކީ ވެސް ހުކުމަށް ތައައްސުބެއް ނުވަތަ އިހްތިމާލު ބޮޑުވެގެންދާނެ ކަމެއް ކަމަށް ބެލެވިދާނެއެވެ.

ގާނޫނުލް އުގޫބާތަށް ގެންނަ އެ އިސްލާހުގެ ސަބަބުން، އެފަދަ އަމަލެއް ކުރި ނޫސްވެރިޔަކު ހަތަރު މަހަށް ޖަލަށް ލެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް