ކ. މާލެ
|
4 ޖުލައި 2018 | ބުދަ 16:43
ސަރުކާރު ހިންގާ ޕީޕީއެމް-އެމްޑީއޭގެ ބައެއް މެމްބަރުން: (ކ-ވ) ކަނޑިތީމު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު، ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު
ސަރުކާރު ހިންގާ ޕީޕީއެމް-އެމްޑީއޭގެ ބައެއް މެމްބަރުން: (ކ-ވ) ކަނޑިތީމު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު، ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ރިޔާޒު ރަޝީދާއި އާމިރު އަދި މުހައްމަދު ހުސައިން ސަރުކާރުގެ ނިންމުމާ ދެކޮޅު!
ގާނޫނުއަސާސީގައި ބުނާ ގޮތާ ހިލާފަށް ވޯޓަށް އެހި
ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމް ބިލެއް މަޖިލީހުުން ފާސްކުރާއިރު މަޖިލީހުުގެ ދެބައިކުޅަ އެއްބައި މެމްބަރުން ތިބެންޖެހޭ
85 މެމްބަރުން ތިއްބަވާ މަޖިލީހުގައި، މިއަދުގެ ޖަލްސާގައި ބައިވެރިވީ 34 މެމްބަރުން

ރިޔާސީ އިންތިހާބު ބޯމަތި ވެފައިވަނިކޮށް، ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމްވާ ގޮތުން ސަރުކާރުން ހުށަހެޅި ރިޔާސީ އިންތިހާބާ ގުޅުންހުރި ތިން ބިލަށް ވޯޓަށް އެހުމަށް ނުފެންނަ ކަމަށް ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވޯޓު ދެއްވައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން އިތުރަށް ހުރަސް އެޅިގެންދާ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ހުށަހަޅުއްވާފައިވާ އިސްލާހު ގެނައުމުގެ ބިލާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީގެ އަދަދު 100،000ރ. އަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ހުށަހެޅުނު ގިނަ އިސްލާހުތަކެއް ހިމެނޭ ބިލަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ އެ ތިން ބިލަށް ވޯޓަށް އެހުމަށް ފެނޭތޯ ވޯޓަށް އަހާފަ އެވެ. 

މަސީހު އެގޮތަށް ވޯޓަށް އެއްސެވީ ވޭތުވެދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު މަޖިލިސް މެމްބަރުންނަށް ޖަލްސާގައި ބައިވެރިވުމަށް އިލްތިމާސް ކުރެއްވުމުން ވެސް އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިވެފައި ނުވާތީ ސުޕްރީމް ކޯޓުން މީގެކުރިން ދީފައިވާ ލަފަޔަށް ރިއާޔަތްކޮށް ހާލަތުއްޟަރޫރާގެ ދަށުން ނެވެ. 

ނަމަވެސް ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)އަށް ރިއާޔަތްކޮށް، އެ ތިން ބިލަށް ވޯޓަށް އެހުމަށް ފެނޭތޯ ވޯޓަށް އެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދާއި ސަރުކާރު ކޯލިޝަން އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަހުމަދު އާމިރުގެ އިތުރުން ކަނޑިތީމް ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން އެވެ. 

އެ ތިން ބިލަށް ވޯޓަށް އަހަން ފެނޭތޯ ވޯޓަށް އެހުމުން ފާސްކޮށްފައިވަނީ 31 މެމްބަރުންގެ ވޯޓުންނެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެމަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން އެވޯޓެއް ނަގާ ޖަލްސާގަ ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށެވެ. 

މަޖިލީހުން ނެގި އެވޯޓާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގައި އޮތް މާއްދާއެއް މަޖިލީހުގެ 31 މެމްބަރުންނަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ގަބޫލު ކުރައްވައި ރިޔާޒު ރަޝީދާއި އަހުމަދު އާމިރު އަދި މުހައްމަދު ހުސައިން، މަސީހުގެ އެހުށަހެޅުމަށް ވޯޓު ދެއްވާފައި ނުވާކަމަށް ރޮޒައިނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އަނެއްކާވެސް މަސީހު ގާނޫނުއަސާސީއާ ހިލާފުވެ ވަޑައިގަންނަވާފައިވާ ކަމަށެވެ. ރޮޒައިނާ ވަނީ ވޯޓް ދިން ގޮތުގެ ރިޕޯޓް ވެސް އެޓްވީޓާއެކު އާއްމުކޮށްފަ އެވެ.

 

މަޖިލީހުގެ 31 މެމްބަރުންގެ ވޯޓުން އެ ތިން ބިލަށް ވޯޓަށް އެހޭނެ ކަމަށް ފާސްކުރުމުން މަސީހު ވަނީ އެ ތިން ބިލަށްވެސް ވޯޓަށް އައްސަވާފަ އެވެ. އެ ތިން ބިލްވެސް ފާސްކޮށްފައިވަނީ 34 މެމްބަރުންގެ ވޯޓުން ނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
4 ޖުލައި 2018 | ބުދަ 13:54
ސަނީ
މަޖިލިހުގެ ރައީސޭ؟ ކާކު ގަބޫލުކުރަނީ މަސީހު އެއީ މަޖިލިހުގެ ރައީސެއްކަމަށް!
4 ޖުލައި 2018 | ބުދަ 13:54
ސަނީ
މަޖިލިހުގެ ރައީސޭ؟ ކާކު ގަބޫލުކުރަނީ މަސީހު އެއީ މަޖިލިހުގެ ރައީސެއްކަމަށް!