ކ. މާލެ
|
4 ޖުލައި 2018 | ބުދަ 14:21
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހީމް
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހީމް
ރައްޔިތުންގެ މަޖިލިސް
ނަޝީދަށާއި ގާސިމަށް އިންތިހާބަށް ކުރިމަތި ނުލެވޭގޮތަށް މަޖިލީހުން ފާސްކޮށްފި
ޖަލްސާގައި ބައިވެރިވީ 37 މެމްބަރުން
އިދިކޮޅު އެއްވެސް މެމްބަރެއް ބައިވެރިއެއް ނުވޭ
ފާސްކުރީ ހާލަތުއްޟަރުރާގެ ދަށުން

އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން އިތުރަށް ހުރަސް އެޅިގެންދާ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ޖަލްސާގައި ރިޔާސީ އިންތިހާބާ ގުޅޭ ތިން ބިލަކަށް ވޯޓަށް އެހީ ވޭތުވެދިޔަ ދެ ދުވަހު މަޖިލީސް މެމްބަރުންނަށް ޖަލްސާގައި ބައިވެރިވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިލްތިމާސް ކުރެއްވުމުން ވެސް އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިވެފައި ނުވާތީ ސުޕްރީމް ކޯޓުން މީގެކުރިން ދީފައިވާ ލަފާގެ މަތިން ހާލަތުއްޟަރޫރާގެ ރިއާޔަތް ކޮށެވެ. 

އެ ތިން ބިލަށް ވޯޓަށް އެހަންފެނޭތޯ ވޯޓަށް އެހުމުން ޖަލްސާގައި ތިއްބެވި 31 މެމްބަރުންގެ ވޯޓުން ވަނީ ފާސްކޮށްފަ އެވެ. އަދި އޭގެ ފަހުން ރިޔާސީ އިންތިހާބާ ގުޅުން ހުރި ތިން ބިލަށް ވޯޓަށް އެހުމުން ފާސްކޮށްފައި ވަނީ 34 މެމްބަރުންގެ ވޯޓުން ނެވެ. 

ބުދަ ދުވަހުގެ ޖަލްސާގައި ބައިވެރިވެފައި ވަނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަންޏެވެ.

މި ހަފްތާގައި މަޖިލީހުން ބޭއްވި ހޯމަ ދުވަހުގެ ޖަލްސާ އާއި އަންގާރަ ދުވަހުގެ ޖަލްސާއަށް އެ ބިލްތައް ތާވަލްކޮށްފައި ވެއެވެ. ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ ފަދައިން އަންގާރަ ދުވަހުގެ ޖަލްސާ ވެސް ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް މެމްބަރުންނަށް އިލްތިމާސް ކުރައްވާފައެވެ. 

ހޯމަ ދުވަހުގެ ޖަލްސާއަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ ޓޭބަލް އޮފީހުން ކޮށްފައިވާ މެސެޖްގައި ވަނީ އަންގާރަ ދުވަހު ބާއްވާ ޖަލްސާގައި ވޯޓަށް އެހުމަށް ހުރި ބިލްތަކަކީ ރިޔާސީ އިންތިހާބާ ގުޅުން ހުރި ވަރަށް މުހިއްމު ބިލްތަކަކަށް ވުމާއެކު، މަޖިލީހުގެ ގަވާއިދުގެ 158 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް މަޖިލީހުގެ ރައީސް އިލްތިމާސް ކުރައްވާ ކަމަށެވެ. އެ މެސެޖް މަސީހު ވަނީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވެސް ތަކުރާރު ކުރައްވާފައެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ނަގާ އެ ވޯޓުގައި ބައިވެރިވުމަށް މަޖިލީހުގެ މެމްބަރުންނަށް މަސީހު އިލްތިމާސްކުރެއްވި އިރު، ހޯމަ ދުވަހުގެ ޖަލްސާގައި އެ ބިލްތަކަށް ވޯޓަށް އަހާފައި ނުވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި ބުނާ އަދަދަށް އެ ޖަލްސާގައި މެމްބަރުން ބައިވެރިވެފައި ނުވާތީ ކަމަށް ބުނެއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ނެގުމަށް ނިންމި އެ ވޯޓުގައި ބައިވެރިވުމަށް މަސީހު އިލްތިމާސް ކުރައްވައި، މެމްބަރުންނަށް މެސެޖް ކުރައްވާފައި ވަނީ އެ ތިން ބިލަށް ވޯޓަށް އެހުމަށް އުޒުރު ދެއްކުމުގެ ގޮތުން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ކިތައްމެހާ ވެސް ބޭނުން ކަމަށެވެ. ނަމަވެސް މަޖިލީހުން އަމަލު ކުރަންޖެހޭ މަޖިލީހުގެ ގަވާއިދެއް އޮތްވައި، އެގަވާއިދާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މަޖިލީހުގެ ގަވާއިދާ ހިލާފަށް އަދި މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މަސީހުގެ މަގާމުގެ ސައްހަކަން ގެއްލިފައިވާއިރު، ޖަލްސާގެ ރިޔާސަތުގައި މަސީހު އިންނަވާ ޖަލްސާއެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ވެސް ރޮޒައިނާގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ފާސްކުރި ތިން ބިލަކީ ރިޔާސީ އިންތިހާބުގެ ގާނޫނަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ހ)ގައި އެމީހަކީ، ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން، އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ކަނޑައަޅާފައިވާ ކަމަށްޓަކައި، ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާ ނަަމަ، އެފަދަ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ، އެމީހަކު ބޭރު ގައުމުގެ ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި އެ ބިލަށް ބަހުސް ކުރައްވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވި އިސްލާހުތައް ވަނީ ކޮމެޓީއަށް ހުށަހަޅާފައެވެ.

"ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައިވާ މީހެއް ރިޔާސީ އިންތިހާބަށް ވާދަ ކުރެވޭނީ އެ ހިމާޔާތް ދޫކޮށްލިތާ 10 އަހަރަށް ފަހުން. އަދި ބޭރު ގައުމެއްގެ ޕާސްޕޯޓް ގެންގުޅެފައިވާ މީހެއް އެ ޕާސްޕޯޓް ދޫކޮށްލިތާ 10 އަހަރުވުން، މިއީ ވެސް ގެންނަންޖެހޭ ވަރަށް މުހިއްމު ދެ އިސްލާހު،" މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވިއެވެ.

ނިހާނު ހުށަހެޅުއްވި އެ އިސްލާހާއެކު އަލީ އާރިފް ހުށަހެޅުއްވި އިސްލާހުތައްވެސް އިސްލާހު ގެނައުމުގެ އެ ބިލަށް އިތުރުކުރަން މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅި އިސްލާހަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީގެ އަދަދު 100،000ރ. އަށް އިތުރު ކުރުމަށެވެ. އިދާރީ ފީއެއްގެ ގޮތުގައި މިހާރު ނަގަމުން ދަނީ 40،000ރ. އެވެ. އެ އިސްލާހު ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ތިން ވަނަ ބިލަކީ އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ހުށަހެޅުނު ގިނަ އިސްލާހުތަކެއް ހިމެނޭ ބިލެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް