ކ. މާލެ
|
4 ޖުލައި 2018 | ބުދަ 11:31
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމް
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމް
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
ނަޝީދާއި ގާސިމަށް އިންތިހާބުގައި ވާދަނުކުރެވޭ ހުށަހެޅުން ތިން ވަނަ ފަހަރަށް ތާވަލްކޮށްފި
މިއީ މި ވޯޓަށް އެހުމަށް ތާވަލްކުރި ތިންވަނަ ޖަލްސާ
ރިޔާސީ އިންތިހާބު އޮތީ ސެޕްޓެމްބަރު މަހު 23 ގައި
މަޖިލީހުގައި 85 މެމްބަރުން ހިމެނޭއިރު، ޖަލްސާތަކުގައި ބައިވެރި ވަނީ 27 ވަރަކަށް މެމްބަރުން

އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން އިތުރަށް ހުރަސް އެޅިގެންދާ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ވޯޓަށް އެހުންމަށް ތިންވަނަ ފަހަރަށް ތާވަލްކޮށްފިއެވެ.

މިހަފްތާގައި މަޖިލީހުން ބޭއްވި ހޯމަ ދުވަހުގެ ޖަލްސާ އާއި އަންގާރަ ދުވަހުގެ ޖަލްސާއަށް އެ ބިލްތައް ތާވަލްކޮށްފައި ވެއެވެ. ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ ފަދައިން އަންގާރަ ދުވަހުގެ ޖަލްސާ ވެސް ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް މެމްބަރުންނަށް އިލްތިމާސް ކުރައްވާފައެވެ. 

ހޯމަ ދުވަހުގެ ޖަލްސާއަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ ޓޭބަލް އޮފީހުން ކޮށްފައިވާ މެސެޖްގައި ވަނީ އަންގާރަ ދުވަހު ބާއްވާ ޖަލްސާގައި ވޯޓަށް އެހުމަށް ހުރި ބިލްތަކަކީ ރިޔާސީ އިންތިހާބާ ގުޅުން ހުރި ވަރަށް މުހިއްމު ބިލްތަކަކަށް ވުމާއެކު، މަޖިލީހުގެ ގަވާއިދުގެ 158 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް މަޖިލީހުގެ ރައީސް އިލްތިމާސް ކުރައްވާ ކަމަށެވެ. އެ މެސެޖް މަސީހު ވަނީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވެސް ތަކުރާރު ކުރައްވާފައެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ނަގާ އެ ވޯޓުގައި ބައިވެރިވުމަށް މަޖިލީހުގެ މެމްބަރުންނަށް މަސީހު އިލްތިމާސްކުރެއްވި އިރު، ހޯމަ ދުވަހުގެ ޖަލްސާގައި އެ ބިލްތަކަށް ވޯޓަށް އަހާފައި ނުވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި ބުނާ އަދަދަށް އެޖަލްސާގައި މެމްބަރުން ބައިވެރިވެފައި ނުވާތީ ކަމަށް ބުނެއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ނެގުމަށް ނިންމި އެ ވޯޓުގައި ބައިވެރިވުމަށް މަސީހު އިލްތިމާސް ކުރައްވައި، މެމްބަރުންނަށް މެސެޖް ކުރައްވާފައި ވަނީ އެ ތިން ބިލަށް ވޯޓަށް އެހުމަށް އުޒުރު ދެއްކުމުގެ ގޮތުން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއެވެ. ނަމަވެސް މަސީހު ވަނީ އަންގާރަ ދުވަހުގެ ޖަލްސާގައި ވެސް ވޯޓަށް ނާހާ ނިންމާލައްވާފަ އެވެެ. މަސީހު ޖަލްސާ ނިންމާލައްވަމުން ވިދާޅުވީ ދެން ބާއްވާ ޖަލްސާގައިވެސް މެމްބަރުން ބައިވެރިވެވަޑައިގެންނެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ހޯމަ ދުވަހުގެ ޖަލްސާ ވެސް ނިންމާލެއްވީ އެގޮތަށް ވިދާޅުވުމަށް ފަހުގަ އެވެ.

ބަލިވެގެން ނުވަތަ ޒަރޫރީ އެއްވެސް ކަމެއް މެދުވެރިވެގެން ނޫން ގޮތަކަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ، ވޯޓުގައި ބައިވެރިވުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި މެމްބަރުންގެ މައްޗަށް ލާޒިމް ކަމެކެވެ. 

އެހެންކަމުން އެ ބިލްތަކަށް މަސީހު ވޯޓަށް އަހާއިރު ހާލަތުއްޟަރޫރާ ދިމާވެފައިވާ ކަމަށް ވިދާޅުވެ، އެ ބިލްތަކަށް ފާސްކުރުމަކީ ވަރަށް ބޮޑަށް ބެލެވޭ ކަމެކެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު "ރާއްޖެއެމްވީ"އަށް އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި، ބަލިވެގެން ނުވަތަ ޒަރޫރީ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް މަޖިލީހުގެ ޖަލްސާތަކުގައި މަޖިލީހުގެ މެމްބަރުން ބައިވެރި، ވޯޓު ދެއްވަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. 

ނިހާނު ވިދާޅުވެފައިވަނީ ރައްޔިތުންގެ ފަރާތުން މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަނީ ރައްޔިތުންނަށްޓަކައި ގާނޫނު ހަދާ މަޖިލީހުން ކުރަންޖެހޭ ކަންކަމަށް ރައްޔިތުންގެ ފަރާތުން ބަސް ބުނުމަށާއި މަޖިލީހުން ނިންމާ ނިންމުތަތަކުގައި ބައިވެރި ވުމަށް ކަމަށެވެ. އެހެންކަމުން މަޖިލިސް މެމްބަރުގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ، ބިލްތަކަށް ބަހުސްކޮށް، ނިންމާ ނިންމުންތަކުގައި ބައިވެރިވުން ކަމަށެވެ. 

ނިހާނު ވިދާޅުވި ގޮތުގައި ސިޔާސީ ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިން މަޖިލީހުގެ ޖަލްސާތަކުގައި ބައެއް މެމްބަރުން ބައިވެރި ނުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބައެއް މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވުމަކީ މަޖިލިސް ހުއްޓެންޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ނިހާނު ވިދާޅުވިއެވެ. އަދި އެފަދަ ހާލަތެއް ދިވާމެއްވެއްޖެ ނަމަ މަޖިލީހުން އަމަލު ކުރާނެ ގޮތް ސުޕްރީމް ކޯޓުން މަޖިލީހަށް މީގެ ކުރިން ލަފައެއް ދެއްވާފައިވާ ކަމަށް ވެސް ނިހާނު ވިދާޅުވިއެވެ. 

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ކިތައްމެހާ ވެސް ބޭނުން ކަމަށެވެ. ނަމަވެސް މަޖިލީހުން އަމަލު ކުރަންޖެހޭ މަޖިލީހުގެ ގަވާއިދެއް އޮތްވައި، އެގަވާއިދާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މަޖިލީހުގެ ގަވާއިދާ ހިލާފަށް އަދި މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މަސީހުގެ މަގާމުގެ ސައްހަކަން ގެއްލިފައިވާއިރު، ޖަލްސާގެ ރިޔާސަތުގައި މަސީހު އިންނަވާ ޖަލްސާއެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ވެސް ރޮޒައިނާގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް