ކ. މާލެ
|
4 ޖުލައި 2018 | ބުދަ 07:05
ނަޖީބު ރައްޒާޤް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީންގެ އަނބިކަނބަލުންނާއި ސަލާމް ކުރައްވަނީ
ނަޖީބު ރައްޒާޤް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީންގެ އަނބިކަނބަލުންނާއި ސަލާމް ކުރައްވަނީ
ރައީސް އޮފީސް ޓްވިޓާ
މެލޭޝިއާގެ ސިޔާސީ މަސްރަހު
މިހާރުގެ ސަރުކާރުގެ ވެރިންގެ ހިސާބުވެސް މަހުޝަރު ދުވަހު ބެއްލެވޭނެ: ނަޖީބު ރައްޒާޤް
ހައްޔަރުކުރުމުގެ ކުރިން ނަޖީބު ވަނީ ވީޑިއޯތައް ރެކޯޑްކުރައްވައި ނޫސްތަކަށް އިންޓަރވިއު ދެއްވާފައި

ހުރިހާ އެންމެންގެ ހިސާބު މަހުޝަރު ދުވަހު ބެއްލެވޭނެކަމަށާއި، މެލޭޝިއާގެ މިހާރުގެ ސަރުކާރުގެ އިސްވެރިންގެ ހިސާބުވެސް އެދުވަހު ބެއްލެވޭނެކަމަށް މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ވިދާޅުވެއްޖެއެވެ. 

އަންގާރަ ދުވަހު ނަޖީބު ރައްޒާޤް ހައްޔަރުކުރުމާއިއެކު ވައިރަލް ވެފައިވާ ވީޑިއޯ ކްލިޕެއްގައި ނަޖީބު ވިދާޅުވީ އެވީޑިއޯ މެލޭޝިއާގެ ރައްޔިތުންނަށް ފެނިއްޖެނަމަ އޭގެ މާނައަކީ އޭނާ ހުރީ ހައްޔަރުގައި ކަމަށާއި، މެލޭޝިއާގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ގިނަ ތުހުމަތުތަކު ތަކަކީ އެއްވެސް ހަޤީޤަތެއް އެކުލެވިގެންވާ ތުހުމަތުތަކެއް ނޫންކަމަށްވެސް ނަޖީބު ވިދާޅުވިއެވެ. 

ނަޖީބުގެ މި ވީޑިއޯއަކީ އަންގާރަ ދުވަހު މެލޭޝިއާގެ އެންޓިކޮރަޕްޝަން ކޮމިޝަނުން އޭނާ ހައްޔަރުކުރުމުގެ ކުރިން ރެކޯޑްކޮށްފައިވާ ކްލިޕެކެވެ. އެހެންކަމުން ކަމާއި ބެހޭ އިދާރާތަކުން އޭނާ ހައްޔަރުކުރާނެކަން ނަޖީބަށް އެނގިވަޑައިގަންނަވާކަން އެނގެއެވެ. މެއި މަހުގެ 9 ވަނަ ދުވަހު މެލޭޝިއާގައި ބޭއްވި އާއްމު އިންތިޚާބުގައި ނަޖީބުގެ ސަރުކާރަށް ބޮޑު ނާކާމިޔާބިއަކާއި ކުރިމަތިވުމުން އޭނާ ވަނީ އިންޑޮނީޝިއާއަށް އަނބިކަނބަލުންނާއިއެކު ވަޑައިގަތުމަށް މަސައްކަތްކުރައްވާފައެވެ. އެހެންނަމަވެސް މެލޭޝިއާ ސަރުކާރުން ވަނީ ނަޖީބު ޤައުމުން ބޭރަށް ވަޑައިގަތަނުދީ ހިފަހައްޓާފައެވެ. ނަޖީބުގެ މައްޗަށް އެތައް ބިލިއަން ޑޮލަރެއްގެ ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތުތަކެއް ކުރެވެއެވެ. 

ވީޑިއޯ ކްލިޕްގައި ނަޖީބު ވިދާޅުވީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ކުރެވޭ ތަހުޤީޤުތަކަކީ އޭގައި ސިޔާސީ ކުލަ ޖެހިފައިވާ ކަންކަން ކަމަށެވެ. އަދި އޭނާ  ނޫން އެހެން މީހަކަށް އެފަދަ އުނދަގުލެއް ކުރިމަތިނުވާތީ އުފާކުރައްވާކަމަށް ނަޖީބު ވިދާޅުވިއެވެ. އަދި އޭނާ ހިތްވަރުކުރައްވާނެކަމަށާއި، މަރުވުމަށްފަހު ކުރިމަތިވާ ޝަރީޢަތްތައް އަދި މާވަރުގަދަ ވާނެކަމަށް ނަޖީބު ވިދާޅުވިއެވެ. 

ނަޖީބު ވަނީ އޭނާ ހައްޔަރުކުރުމުގެ ކުރިން މެލޭޝިއާގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި އޭނާ ހައްޔަރުކުރުން ފިޔަވައި އެހެން ގޮތެއް މެލޭޝިއާގެ މިހާރުގެ ސަރުކާރަށް ނޯންނާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކުރާނީ ކޮންމެހެން ކުށެއް ކޮށްގެން ނޫންކަމަށާއި، ސަރުކާރުގެ އިސްވެރިން ދައްކާ ވާހަކަތަކުގެ ސަބަބުން އޭނާ ހައްޔަރުކުރުމަށް ކުރިމަތިވާ ޕްރެޝަރތަކުގެ ސަބަބުންކަމަށެވެ. 

އެ އިންޓަރވިއުގައި ނަޖީބު ވިދާޅުވީ އޭނާ ޤައުމު ދޫކުރައްވައި ފިއްލަވަން ނޫޅުއްވާކަމަށެވެ. 

އަދި މީގެ އިތުރުން ސަރުކާރުން އޭނާ ބިލިއަނުން ނެންގެވިކަމަށް ބުނާނެކަމަށާއި، އަދި ވެރިކަމަށް އައުމަށް މިހާރު ވެރިކަންކުރާ ކޯލިޝަން ޕަކަޓަން ހަރަޕަންއިން ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯ ތަންފީޒު ނުވެގެން އުޅެނީ ދައުލަތުގައި ފައިސާ ނެތިގެންކަމަށް ބުނާނެކަމަށެވެ. މީގެ އިތުރުން މިހާރުވެސް މެލޭޝިއާގެ ދައުލަތުގެ ތެޔޮ ކުންފުނި ޕެޓްރޮނާސްގެ ހިއްސާ ގަތުމަށް ފިލިޕީންސްގެ ސެން މިގުއެލް ކުންފުނިން ތައްޔާރަށް އޮތްކަމަށް ޖަޕާނުގެ ނޫސްތަކުގައި ލިޔެފައިވާކަމަށް ނަޖީބު ވިދާޅުވިއެވެ.

ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތަކުގައި ނަޖީބު ރައްޒާޤް ހައްޔަރުކުރީ މެލޭޝިއާގެ އެންޓިކޮރަޕްޝަން ކޮމިޝަނުންނެވެ. އަދި ނަޖީބުގެ ވެރިކަމުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ ކަންތައްކަމަށްވާ ވަން އެމްޑީބީ ކުންފުނީގެ މައްސަލަ ބަލާ ކޮމިޝަނުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. 

ނަޖީބުގެ މައްޗަށް ދައުވާކުރެވޭނީ މަނީލޯންޑަރިންގ އާއި ބެހޭ ޤާނޫނު 2001 ގެ ދަށުންނެވެ. 

މެލޭޝިއާގެ ކަމާއިބެހޭ ފަރާތްތަކުން ނަޖީބު ރައްޒާޤް ހައްޔަރުކޮށްފައިވާއިރު ނަޖީބުގެ އަނބިކަނބަލުން ރޮސްމާ މަންސޫރު ކާރެއްގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ގެކޮޅުން ނިކުމެވަޑައިގެން އެހެން ތަނަކަށް ވަޑައިގެންނެވި މަންޒަރު ނޫސްވެރިންނަށް ފެނިފައިވެއެވެ. ނަޖީބު ހައްޔަރުކޮށްގެން ގެންދިޔައީ ޖަލަން ލަންގަކް ދުތައިގައި ހުންނަ މިގެކޮޅުގައި ހުންނަވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް